ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ބަދަލުވި އޮއިވަރު – ކުރު ވާހަކަ
ފޮޓޯ: މުނިއަވަސް ގްރެފިކްސް

ސިޒޭރިއަން ހެދިތާ އެންމެ ފަސް ދުވަސް ފަހުން، މާލޭގެ އަމިއްލަ ކްލިނިކެއްގެ ދޮރުމަތީގައި ޒުނައިރާ ހުރީ އޭނާގެ ތުއްތު ދަރިފުޅު މޭގައި ޖައްސާލައިގެންނެވެ. ހަށިގަނޑުގައި އަޅަމުންދިޔަ ވޭނުގެ ސަބަބުން އޭނާ ދިޔައީ ތުރުތުރުލަމުންނެވެ. އާންމުކޮށް ހިތްހަމަޖެހުން ގެނެސްދޭ މޫދުވައި ރޯޅިތައް މިއަދު އޭނާގެ ހަމުގައި ޖެހެމުންދިޔައީ ވަރަށް ހަރުކަށިކޮށެވެ. އޮޕަރޭޝަން ކުރިތަނުން ދިލަ ނަގަމުންދިޔައެވެ. ލޮލަށް ފެންނަ މަންޒަރުތައް ދިޔައީ ފުސްވަމުންނެވެ. އެހެނަސް، އޭނާގެ ފިރިމީހާ ކާރު ދުއްވާފައި ދާތަން ބަލަން އޭނާ އެތަނުގައި ހުއްޓެވެ.

“މި ހިފާ.” އޭނާއަށް ވަރަށް ބޮޑު ކަމެއް ކޮށްދޭ ފަދަ ގޮތަކަށް، އަތަށް ފަށްޖަހާފައި އޮތް ފައިސާކޮޅެއް ދިއްކޮށްލަމުން ޝިފާން ބުންޏެވެ. “މީގެން ފެރީއަކަށް ނޫނީ ޓެކްސީއަކަށް ދެއްކޭނެ. މާ ބޮޑު ކަމަކަށް ހަދައިގެން މިއުޅެނީ ކީއްވެ؟”

ޒުނައިރާ އެ ފައިސާކޮޅަކަށް ނުބަލައެވެ. އޭނާގެ އިނގިލިތައް ވަނީ ގަނޑުވެފައެވެ. ދަރިފުޅު މަޑުމަޑުން ގުޑިލިއެވެ.

“އަހަރެން އެކަނި ގެޔަށް ދާންތަ ތި ބުނަނީ؟” މަޑުމައިތިރި ނަމަވެސް ސާބިތު އަޑަކުން ޒުނައިރާ އެހިއެވެ.

ޝިފާން ހުރީ އެހެން ކަމަކަށް ސަމާލުކަން ހުއްޓިފައެވެ. ކްލިނިކްގެ ބޭރުގައި މަޑުކޮށްގެން އޮތް ކަޅުކުލައިގެ އެސް.ޔޫ.ވީ ކާރު ކައިރީގައި، އޭނާގެ މަންމަ ފާތިމަތު ސައީދާ ހުރީ ކެތްތެރިކަން ކުޑަވެގެން ބުރުގާ ރީތިކުރާށެވެ.

“އަހަރެމެން މިހާރުވެސް މާ ލަސްވެއްޖެ.” އަމުރުވެރި ރާގަކަށް ސައީދާ ގޮވާލިއެވެ. “މީހުން އެތިބީ އިންތިޒާރުގަ.”

ޒުނައިރާ ހިންދިރުވާލިއެވެ. “ޝިފާން، އަހަންނަށް ރަނގަޅަށް ހިނގޭވަރެއްވެސް ނުވޭ. ކުޑަމިނުން އަހަރެން ގެޔަށް ލާފައި ގޮސްބަލަ.” ކަރުނައިގެ އަސަރު ހުރި އަޑަކުން އޭނާ އާދޭސްކުރިއެވެ.

ޝިފާން ފޫހިވެފައި ފުން ނޭވާއެއް ދޫކޮށްލިއެވެ. “ޒުނައިރާ، އާދޭސްކޮށްފައި ބުނަން. ތި ފެށީ އަނެއްކާވެސް. އޮޕަރޭޝަން ކުރި ފަހުން ތިނޫން ވާހަކައެއް ނުދައްކާ.”

“އަހަރެން މިއީ ބޮޑު އޮޕަރޭޝަނެއް ކުރި މީހެކޭ.”

“ކަލޭ ތިއުޅެނީ މުޅި ދުނިޔޭގައިވެސް ވިހޭ ހަމައެކަނި އަންހެނަކީ ތީ ކަމަށް ހެދިގެން.”

އެ ބަސްތައް އޭނާގެ ހިތަށް ހެރުނު ތީރުތަކެއް ފަދައެވެ. ފިނި، ހަރުކަށި، އަދި ދުވަހަކުވެސް ހަނދާނުން ފޮހެނުލެވޭނެ ބަސްތަކެކެވެ. ކާރުގެ ތެރޭގައި ޝިފާންގެ ކޮއްކޮ ނަދީރާ އިނީ ފޯނާ ކުޅޭށެވެ. އޭނާ އިނީ ކޮންމެވެސް އެއްޗަކާ މަޖާވެގެން ހިނި އައިސްފައެވެ. ޝިފާންގެ ބައްޕަ އިނީ ފޯނެއްގައި ވަރަށް ބާރަށް ވާހަކަދައްކާށެވެ. އެކަކުވެސް ޒުނައިރާއަކަށް ނުބަލައެވެ. ތުއްތު ދަރިފުޅަށްވެސް ބަލާނުލައެވެ. އޭނާއަށް ތަދުވޭތޯ ނުވަތަ ދަރިފުޅަށް ކާންދިންތޯވެސް އަހާލާނެ މީހަކު ނެތެވެ.

ޒުނައިރާގެ ކައިރީގައި ހުރި ނަރުސް ކުއްޖާ ނުތަނަވަސްވެފައި ހުއްޓެވެ. “ސަރ، އޭނާ އެކަނި ދަތުރުކުރުމަކީ ރަނގަޅު ކަމެއް ނޫން. އޭނާ ބޭނުންވަނީ އަރާމުކުރަން.” ނަރުސް ކުއްޖާ މަޑުމައިތިރިކަމާއެކު ބުންޏެވެ.

ސައީދާ އެނބުރި ބަލާލާފައި މަލާމާތުގެ ހިނިތުންވުމަކާއެކު ބުންޏެވެ. “އަހަރެމެންގެ ޒަމާނުގައި އަންހެނުންނަކަށް ތިހާ ބޮޑު ސަމާލުކަމެއް ބޭނުމެއް ނުވޭ. މިހާރު މިއީ ކަމެއް ކޮށްފިއްޔާ މުޅި ދުނިޔެއަށް ދައްކަންޖެހޭ ކަމެއް.”

ޒުނައިރާގެ މޭގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރުވިއެވެ. މަސްތަކެއް ވަންދެން، މި ބުނި މީހާ ކޮންމެ ހަފުތާއަކު ގުޅައި، ދަރިފުޅުގެ ވާހަކަ އަހައި، ނަންތައް ކިޔައި، ހަފުލާތައް ރާވަމުން ދިޔައެވެ. ނަމަވެސް މިއަދު އޭނާ އެ ހުރީ ޒުނައިރާއަކީ މެންދުރުގެ ކެއުން ލަސްކުރުވާ ހުރަހަކަށް ހަދައިގެންނެވެ.

ޝިފާން، ނަރުސް ކުއްޖާގެ އަތުން ދަރިފުޅުގެ ދަބަސް އަތުލިއެވެ. ހިނދުކޮޅަކަށް ޒުނައިރާގެ ހިތުގައި އުންމީދެއް އުފެދުނެވެ. ނަމަވެސް ޝިފާން އެ ދަބަސް ޒުނައިރާ އަތަކަށް ނުދިނެވެ. ފަރުވާކުޑަގޮތަކަށް ކާރުގެ ފަހަތު ސީޓަށް އެއްލާލީއެވެ. އޭގެ ތެރެއިން ކުޑަކުޑަ ކިރު ފުޅިއަކާއި، އަތުން ވިޔެފައިވާ ކުޑަ ތޮފިކޮޅެއް ބިންމައްޗަށް ވެއްޓުނެވެ. ޒުނައިރާ އެއަށް ބަލަން ހުއްޓެވެ. އެކަކުވެސް އެ ނަގާކަށް ނޫޅުނެވެ.

“ކަލެޔަށް އުޅެވޭނެ.” ވަރަށް އާދައިގެ ގޮތަކަށް ޝިފާން ބުންޏެވެ. “ގޭގައި ކާނާ ހުންނާނެ. ހޫނުކޮށްލައިގެން ކާލާ.”

“ތި ދަނީ އަހަރެން ދޫކޮށްލާފަ؟” އޭނާގެ އަޑު ނުކުތީ ކިރިޔާއެވެ.

“އަހަރެން މިދަނީ އަހަރެންގެ އާއިލާއާއެކު މެންދުރުގެ ކެއުމަކަށް.”

“އަހަރެންގެ އާއިލާ”. އެ ބަސްތައް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އެ ވަގުތު އޭނާއަށް ހަޤީޤަތް ވިސްނުނެވެ. އޭނާއަކީ ދުވަހަކުވެސް އެ އާއިލާގެ ބައެއް ނޫނެވެ. އޭނާއަކީ ހަމައެކަނި އެ އާއިލާއަށް ވަދެފައިވާ މީހެކެވެ. ވަގުތީ، ބަދަލުކުރެވޭނެ، އަދި ފަސޭހައިން ހަނދާން ނައްތާލެވޭނެ މީހެކެވެ.

ޝިފާން ކައިރިއަށް ޖެހިލާފައި އަޑު މަޑުކޮށްލިއެވެ. “މިތަނުގައި އަހަރެން ލަދުގަންނުވާނުލާތި.”

“އަހަރެން ފިރިމީހާ ކައިރީގައި އަހަރެން ގެޔަށް ގެންގޮސްދޭން މި ބުނަނީ.”

“ކަލޭ ތި ހަޅޭއްލަވަނީ އަހަރެންގެ މަންމަދެކެ ފޫހިވާތީ.”

މިއީ ކިހާ ދެކޮޅުނުޖެހޭ ވާހަކައެއް ހެއްޔެވެ؟

ޒުނައިރާ އިތުރު ޖަވާބެއް ނުދެއެވެ. އޭނާގެ ދަރިފުޅު މަޑުމަޑުން ގުޑިލިއެވެ. އެ ކުޑަކުޑަ އިނގިލިތަކުން ޒުނައިރާގެ ހެދުމުގައި ހިފާލިއެވެ. އެއާއެކު ޒުނައިރާގެ ހިތުގެ ތެރޭގައި އުފެދިފައިވާ ހުރިހާ ޝަކުވާއެއް ހިމޭންވިއެވެ. އެއީ ތަދު ކެނޑުނީއެއް ނޫނެވެ. ވަރުބަލިކަން ފިލީއެއްވެސް ނޫނެވެ. އެއަށްވުރެ ފުން ކަމެކެވެ.

ޝިފާން ހީކުރީ ޒުނައިރާ އެއްބަސްވީ ކަމަށެވެ. އޭނާ ހިނިތުންވެލިއެވެ. “ފެރީ ޓާމިނަލް އެހެރީ ފެންނަން.” އަތުން އިޝާރާތް ކުރަމުން ޝިފާން ބުންޏެވެ. ދެން އޭނާ ކާރަށް އެރިއެވެ. އިންޖީނު ޖައްސައި، ދޮރުތައް ލައްޕާލިއެވެ. ކާރު ދުއްވާލިއިރު އެންމެންގެ ހިނިގަނޑުގެ އަޑު އިވެއެވެ. އެކަކުވެސް އެނބުރި ބަލާނުލައެވެ.

ފެރީ ޓާމިނަލާ ހަމައަށް ދެވުނުއިރު ޒުނައިރާގެ ފައިން ވަނީ ވަރު ދޫވެފައެވެ. ކޮންމެ ފިޔަވަޅަކާއެކު އޮޕަރޭޝަން ކުރި ތަނަށް ދެމަމުން ދިޔައެވެ. ޖެޓީ ކައިރީގައި ހުރި ޒުވާނަކަށް ޒުނައިރާގެ ހާލު ފެނިގެން ވަގުތުން އޭނާގެ ގޮނޑި ދޫކޮށްލިއެވެ. “ދައްތާ، މިތާ އިށީނދޭ.” އޭނާ އޯގާތެރިކަމާއެކު ބުންޏެވެ. އަދި އެހެން އަންހެނަކު އައިސް، އަވިން ސަލާމަތްކުރުމަށް ޒުނައިރާގެ ދަރިފުޅުގެ މަތީގައި ފޮތިގަނޑެއް ނިވާކޮށްލިއެވެ.

“ފަސް ދުވަސްތަ؟” ޒުނައިރާގެ އަތުގައި އޮތް ހޮސްޕިޓަލް ބޭންޑަށް ބަލާލަމުން އެ އަންހެން މީހާ އެހިއެވެ. ޒުނައިރާ ބޯޖަހާލިއެވެ. އެ އަންހެން މީހާ ހަމްދަރުދީއާއެކު ބޯ ހޫރުވާލިއެވެ. “ﷲ ކަނބުލޭގެއަށް ފަސޭހަކޮށްދެއްވާށި!”

ބީރައްޓެހިންނެވެ. މުޅިން ބީރައްޓެހިންނެވެ. އެހެނަސް، އެމީހުންގެ އޯގާތެރިކަން ޒުނައިރާއަށް އިޙުސާސްވީ އޭނާ ބަނޑުހައިވެފައި ވަނިކޮށް ލިބުނު މީރު ކެއުމެއް ފަދައިންނެވެ.

ފެރީގެ ދަތުރު ނިމުމެއް ނެތްހެން ހީވިއެވެ. ކަނޑުގެ އޮއިވަރު ވަނީ ގަދަވެފައެވެ. އުޑުމަތި ވަނީ ބަރު ބޯ ވިލާތަކުން ބައްދާލާފައެވެ. ޒުނައިރާ އޭނާގެ ދަރިފުޅު މޭގައި ބާރަށް ޖައްސާލައިގެން އިނދެ، ކުރިން އޭނާ ދެކެމުން އައި ހުވަފެންތަކާމެދު ފިކުރުކުރިއެވެ. އޭނާ ހީކުރީ މި ދުވަހު ދަރިފުޅު އުފުލާނީ ޝިފާން ކަމަށެވެ. އޭނާ އިށީނުމަށް ޝިފާން އެހީވާނެ ކަމަށެވެ. ޝިފާން އޭނާއަށް ބަލާލާނީ ފަޚުރުވެރިކަމާއި، ލޯތްބާއި، އަދި ޝުކުރުވެރިކަމާއެކު ކަމަށެވެ. އެހެނަސް، ޝިފާން އޭނާއަށް ދިނީ ފައިސާއެވެ. ބީރައްޓެއްސަކަށް ދޭ ފަދައިންނެވެ. ނޫނެކެވެ. ބީރައްޓެއްސަކަށްވުރެ ވެސް ގޯހެވެ. ސަބަބަކީ ބީރައްޓެހިން މިއަދު އޭނާއަށް ދިން އަޅާލުން ޝިފާންގެ ފަރާތުން ނުލިބުމެވެ.

ފެރީ މަޑުކުރުމުން އޭނާ މަޑުމަޑުން ފޭބިއެވެ. ހަށިގަނޑު ދިޔައީ ތުރުތުރުލަމުންނެވެ. ލޮލަށް ފެންނަ މަންޒަރުތައް އަނެއްކާވެސް ފުސްވާން ފެށިއެވެ. އަދި އެވަގުތު އޭނާއަށް ފެނުނީ.. މަގުގެ އަނެއް ފަރާތުގައި ޕާކުކޮށްފައި އޮތް ކަޅުކުލައިގެ އެސް.ޔޫ.ވީ ކާރެވެ. އޭނާގެ ކާރެވެ. އެއީ ކައިވެނީގެ ކުރިން އޭނާގެ ބައްޕަ އޭނާއަށް ހަދިޔާކުރި ކާރެވެ.

ކާރުގެ ބިއްލޫރިގަނޑުން އެމީހުން ފެނެއެވެ. ސައީދާ އިނީ ހީނލަހީނލައެވެ. ނަދީރާ އިނީ އަމިއްލައަށް ފޮޓޯ ނަގާށެވެ. ޝިފާން އިނީ ހިނިތުންވެފައެވެ. ވަރަށް ހަމަޖެހިލައިގެންނެވެ. އެއީ ކުރިން އޭނާ ޒުނައިރާއަށް ބަލާލާފައި ހިނިތުންވާ ގޮތެވެ.

ޒުނައިރާގެ ހިތުގެ ކެތްތެރިކަން އެންމެ ފަހުން ކޮޅުންލިއެވެ. އެއީ ބާރު އަޑުފަށްގަނޑަކާއެކު ވީ ކަމެއް ނޫނެވެ. ނަމަވެސް އެއީ ފުރިހަމަ ނިމުމެކެވެ. އޭނާ ދަބަސް ތެރެއަށް އަތްލިއެވެ. އޭނާގެ އިނގިލިތައް ޝިފާން ދިން ފައިސާކޮޅުގައި ޖެހުނެވެ. ދެން އޭނާގެ ފޯނު ނެގިއެވެ. އެ ފޯނުގައި ވަނީ އޭނާ ވަރަށް ގިނަ ދުވަސް ވަންދެން ނުގުޅާ އޮތް ނަންބަރެކެވެ. އެއީ އޭނާ އަމިއްލައަށް ނިންމި ނިންމުމެކެވެ. އޭނާ ބޭނުންވީ އޭނާގެ ކައިވެނި އަމިއްލަ ފައިމައްޗަށް ތެދުވުމަށެވެ. އެއްވެސް މީހެއްގެ ނުފޫޒެއް ނެތިއެވެ. ބާރެއް ނެތިއެވެ. ނަމަވެސް މިއަދު..

އޭނާ އެ ނަންބަރަށް ގުޅާލިއެވެ. އެއްފަހަރު ރިންގުވުމާއެކު ފޯނު ނެގިއެވެ.

“ޒުނައިރާ؟” އޭނާގެ ބައްޕަ ވަގުތުން ޖަވާބު ދިނެވެ. ޒުނައިރާގެ އަޑު ބެދޭގޮތްވިއެވެ.

“ބައްޕާ..” އޭނާ ހިފަހައްޓައިގެން ހުރި ހުރިހާ އިޙުސާސްތަކެއް އެންމެ ބަހަކުން ބޭރުވިއެވެ.

“ކޮންތާކު ތިހުރީ؟” ބައްޕަ އެހިއެވެ.

ޒުނައިރާ ވަށައިގެން ބަލާލިއެވެ. “ފެރީ ޓާމިނަލް ކައިރީގަ.”

“ކީއްކުރަން؟”

“ޝިފާން އަހަރެން ކްލިނިކަށް ދޫކޮށްލާފައި ގޮސްފި.” ހިމޭންކަން ފެތުރުނެވެ. ނުރައްކާތެރި ހިމޭންކަމެކެވެ.

“އޭނާ އަހަންނަށް ފައިސާ ދީފައި އާއިލާއާއެކު ކާން ގޮސްފި.” އަނެއްކާވެސް ހިމޭންކަމެވެ.

“އަހަރެންގެ ލޭ އަންނަން ފަށައިފި.” އޭނާ މަޑުމަޑުން ބުންޏެވެ. “އެކަމަކު ދަރިފުޅު ރަނގަޅު.”

“ލޮކޭޝަން ފޮނުވާ.”

“ބައްޕާ..”

“މިހާރު ފޮނުވާ.”

ޒުނައިރާ ލޮކޭޝަން ފޮނުވިއެވެ. ފޯނުގެ އަނެއްކޮޅުން މީހުން ހަރަކާތްތެރިވާ އަޑު އިވެއެވެ. އަމުރުތައް ދޭ އަޑެވެ. އަވަސް އަރުވާލާފައިވާ އަޑެވެ. ދެން ބައްޕަ އަނެއްކާވެސް ވާހަކަދެއްކިއެވެ. “ދަރިފުޅު ދެން އެ ގެޔަކަށް ނުދާނެ.” ބައްޕަ ބުންޏެވެ. ޒުނައިރާގެ ނޭވާ ހުއްޓުނު ފަދައެވެ.

“އެއީ އަހަރެންގެ ގެ.”

“ނޫން.” ބައްޕަ މަޑުމައިތިރިކަމާއެކު ބުންޏެވެ.

“އެއީ ކުރީގެ ގެ.” ޒުނައިރާގެ ލޮލުން ކަރުނަ އޮހެން ފެށިއެވެ.

“އަހަރެންގެ އެއްޗެހި..”

“އެ އެއްޗެހި ގެންނާނެ.”

“އަހަރެންގެ ދަރިފުޅު..”

“އޭނާ އަންނާނީ ދަރިފުޅާއެކު ގެޔަށް.”

ގެޔަށް. އެ ގެޔަކަށް ނޫނެވެ. އެ ދިރިއުޅުމަކަށް ނޫނެވެ. އެހެން ކޮންމެވެސް ތަނަކަށެވެ. މާ ވަރުގަދަ ތަނަކަށެވެ. އޭނާ ހަނދާން ނެތިފައިވާ ދިރިއުޅުމަކަށެވެ.

“އަހަރެން އޭނާ ދޫކޮށްލަނީ.” ޒުނައިރާ މަޑުމަޑުން ބުންޏެވެ.

“ބައްޕައަށް އެނގޭ.”

“އޭނާ އަހަރެން ހުއްޓުވަން އުޅޭނެ.”

ބައްޕަގެ އަޑު މަޑުވިއެވެ. “ނޫން ޒުނައިރާ.. އޭނާއަކަށް އެކަމެއް ނުވާނެ.”

“އެއީ ކީއްވެ؟”

ކުޑަ ހިނދުކޮޅަކަށްފަހު ބައްޕަ ބުންޏެވެ. “ސަބަބަކީ އޭނާ ކައި ނިންމާއިރު.. އޭނާއަށް ގެއްލުނީ ކޮން އެއްޗެއްކަން ވިސްނައިގަންނަން އޭނާ ހުންނާނީ މާ ބޮޑަށް އަވަދިނެތިފައި.”

ޒުނައިރާގެ ނިތްކުރިއަށް ރޫއެރިއެވެ. “ބައްޕަ ތި ބުނީ ކީކޭ؟”

ނަމަވެސް ބައްޕަ ވަގުތުން ޖަވާބެއް ނުދެއެވެ. އޭގެ ބަދަލުގައި ބުންޏެވެ. “ފަހަތް ބަލާލަބަލަ.”

އޭނާ އެނބުރި ބަލާލިއެވެ. ތިން ކާރު އައިސް މަޑުކޮށްފިއެވެ. އޭގެއިން ފޭބީ ކަމަށް ޤާބިލު، ހަމަޖެހިފައިވާ ބަޔެކެވެ. އެމީހުންގެ ތެރެއިން އެކަކު ޒުނައިރާގެ ކައިރިއަށް އޯގާތެރިކަމާއެކު ޖެހިލިއެވެ. “މެޑަމް، އަޅުގަނޑުމެން މިއައީ މެޑަމް ބަލާ.” އޭނާ ބުންޏެވެ.

ޒުނައިރާ އޭނާގެ ދަރިފުޅު ގައިގައި ބާރަށް ބައްދާލިއެވެ. ފޯނުން ބައްޕަގެ އަޑު އިވުނެވެ. “ޒުނައިރާ..”

“ލައްބަ؟”

“މިފަހަރު، ފަސް އެނބުރި ނުބަލާތި.”

ރަށުގެ އަނެއް ފަރާތުގައި، މޫދަށް ފެންނަ ގޮތަށް ހުރި މަތީ ފަންތީގެ ރެސްޓޯރެންޓެއްގައި، ޝިފާން ހީނލާފައި ތަށި އުފުލާލިއެވެ. “ކާމިޔާބީއަށް.” އޭނާ ފަޚުރުވެރިކަމާއެކު ބުންޏެވެ. އޭނާގެ ފޯނު ވައިބްރޭޓްވާން ފެށިއެވެ. އޭނާ އެއަށް އަޅައެއް ނުލިއެވެ. ދެން އަނެއްކާވެސް ރިންގުވިއެވެ. އަދިވެސް ރިންގުވިއެވެ. އެންމެ ފަހުން ފޫހިވެފައި އޭނާ ފޯނު ނެގިއެވެ.

“ކީކޭ؟” އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. “ތި ބުނީ ކީކޭ އަނބުރާ ގެންދިޔައީއޭ؟” ހިމޭންކަން ފެތުރުނެވެ. “އެއީ ވާނެ ކަމެއް ނޫން.”

އަނެއްކާވެސް ފޯނެއް އައެވެ. ދެން އަނެއް ފޯނެވެ. އޭނާގެ މޫނުން ކުލަ އޮއްސުނެވެ. “އެކައުންޓްތައް ފްރީޒް ކުރީއޭ؟ ތި ބުނީ ކީކޭ؟”

ސައީދާ ގާތްވެލިއެވެ. “ކިހިނެއްވީ؟”

އޭނާ ޖަވާބެއް ނުދިނެވެ. ސަބަބަކީ އެވަގުތު އޭނާ ބިނާކުރި ހުރިހާ އެއްޗެއް، އޭނާގެ މިލްކިއްޔާތެއް ކަމަށް ހީކުރި ހުރިހާ ކަމެއް.. އޭނާގެ އަތުން ބީވެގެން ދަނީއެވެ. ދިވެހިރާއްޖޭގެ ދޮންވެލިގަނޑުން ފޭދިގެންދާ ފެންފޮދެއް ފަދައިންނެވެ. އަތަށް ނުލެވޭނެ އޮއިވަރެއް ފަދައިންނެވެ.

އަދި އެތައް މޭލެއް ދުރުގައި، ރުއްތަކުން ފުރިފައިވާ ހިމޭން މަގަކުން ދުއްވާފައިދާ ކާރެއްގެ ތެރޭގައި ޒުނައިރާ އިނެވެ. އޭނާގެ ދަރިފުޅު އޭނާގެ މޭގައި ނިދާފައި އޮތެވެ. ކަނޑުގެ ރޯޅިތައް މިތަނުގައި މާ މަޑެވެ. އޯގާތެރިއެވެ. ޝިފާދޭ ފަދައެވެ. އޭނާ ދަރިފުޅަށް ބަލާލިއެވެ. އަދި މިއަދު ފުރަތަމަ ފަހަރަށް އޭނާ ހިނިތުންވެލިއެވެ. އެއީ ހުރިހާ ކަމެއް ހަމަޖެހުނީތީއެއް ނޫނެވެ. ނުވަތަ ތަދު ފިލީތީއެއްވެސް ނޫނެވެ. ނަމަވެސް، އެންމެ ފަހުން ބޮޑު ބަދަލެއް އައިސްފިކަން އިޙުސާސްވީތީއެވެ. އޮއިވަރު ބަދަލުވެއްޖެއެވެ. އަދި މިފަހަރު.. އޭނާ އެ އޮއިގަނޑުގައި ހަލާކުވެގެންނެއް ނުދެއެވެ.

(ނިމުނީ)

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top