ސުވާލު: ސިހުރު ވެރިޔާ ހަދާ ސިހުރުހުރީ ކޮންކޮން ތާކުކަން ދެނެގަންނާނީ ކިހިނެއްތޯ؟ އެއީ މީހަކަށް ނޫނީ ގެޔަކަށް ކޮށްފަހުރި ކަމެއްތޯ ހޯދަން ކަންތައް ކުރާނެ ގޮތް ބުނެދީފާ ނަންތައް؟

ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ތިޔަ ސުވާލުގެ ޖަވާބުގައި އައްރާގީ އަޖްނާދު ޢަލީ- ޙަފިޡަހުﷲ- ލިޔުއްވާފައިވެއެވެ.

މިކަމަށްޓަކައި އަހަރެމެން އީމާންކަމުގެ އަހުލުވެރީން ހިފުން އެންމެ ހެޔޮކަން ބޮޑު ގޮތަކީ ﷲ އާއި ވީހާވެސް ގާތް، އެކަލާނގެއަށް ބޮޑަށް ކުއްތަންވަނިވި ގޮތެކެވެ. އެގޮތުން އެންމެ ހެޔޮވެގެންވާ ކަމަކީ، ދަމުނަމާދު ކުރުމަށްފަހު ދުޢާކުރުމެވެ. …….

އަހަންނަކީ މަޢުމޫނު ސަރުކާރުގައި ބޭރު ޤައުމެއްގެ ސަފީރުކަން ކުރި މީހެއްގެ ދަރިއެކެވެ. އަހަރެންގެ ނަމަކީ ޢާމިރު (އަސްލު ނަމެއް ނޫން) އެވެ. އަހަންނަކީ މާލޭ ރައްވެއްސެކެވެ. އުފަންވީ 1986 ގައި ރާއްޖެތެރޭގެ ރަށެއްގައެވެ. އަހަރުމެން މާލެއަށް ހިޖުރަކުރީ އަހަރެންގެ އުމުރުން 5 އަހަރު ތެރޭގައެވެ.

ބައްޕައަށް ސަފީރުކަމުގެ ފަތްކޮޅު ލިބިގެން ސްރީލަންކާއަށް (އަސްލު ޙާދިޘާ ހިނގި ޤައުމެއް ނޫން) ބަދަލުވީ 1995 ގައެވެ. އަހަރަމެން ތިބުމަށް ނެގި އެޕާޓްމަންޓަށް ބަދަލުވުމުގެ ކުރިން އެތަން ބަލަން ދިޔައީ ބައްޕައާއި އަހަރެންގެ އަންހެން ކޮއްކޮ އެކެވެ. އޭރު އެ ކޮއްކޮގެ އުމުރަކީ 12 އަހަރެވެ. އެޕާޓްމެންޓް ބަލާފައި ގެއަށް އައިސް އަހަރެންގެ ކޮއްކޮ، މަންމަ ކައިރީގައި ފާޑެއްގެ ވާހަކައެއް ދެއްކި އަޑު އިވުނެވެ. އެއީ އެ އެޕާޓްމެންޓް ސާފުކުރަން އުޅުނު ދެމީހުންގެ ތެރެއިން ފިރިހެންމީހާ، އަންހެންމީހާ ކައިރީގައި ދެއްކި ވާހަކައެކެވެ. ކޮއްކޮ ބުނީ އެމީހުން ދެއްކި ވާހަކަ އެހައި ރަނގަޅަށް ސާފުނުވި ނަމަވެސް އެމީހުން ކިޔީ ‘އަލަށް އައި މީހުންނަށްވެސް އަދަބުދޭނެ ވާހަކަ ކަމަށް’ ކޮއްކޮ ބުންޏެވެ.

ނަމަވެސް ބައްޕައަށް ސަފީރުކަން ލިބުމުން ޢާއިލާގެ އެއްމެންވެސް ތިބީ ނުހަނު އުފާވެފައިކަމުން، ކޮއްކޮ ދެއްކި ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދީ އެޕާޓްމެންޓަށް ބަދަލުވީއެވެ. އަހަރުމެންގެ އެޕާޓްމެންޓް ހުންނަނީ ހަތްވަނަ ފަންގިފިލާގައެވެ. އެއީ އެ އިމާރާތުގެ އެއްމެ މަތީ ފަންގިފިލަ އެވެ. އަހަރުމެންގެ ފަންގިފިލާގެ ތިރީގައި ތބި މީހުން އަހަރުމެން ކައިރީގައި ވަރަށް އެހެން ކަހަލަ ވާހަކައެއް ބުންޏެވެ. އެއީ އަހަރުމެންގެ އެޕާޓްމެންޓްން ބެލްކަންޏަށް ނިކުމެވެން ހުންނަ ދޮރުގެ ތަޅު ހަމަ އެހެން ހުރެފައި ވަރަށް ގިނައިން ހުޅުވޭނެ ވާހަކައެވެ. އަދި އެގޮތަށް ދޮރު ހުޅުވުމުން ދޮރު ތަޅުލާން ޖެހޭނީ އެޕާޓްމެންޓްގެ ވެރިފަރާތް ގެނެސްގެން ކަމަށްވެސް އެމީހުން ބުންޏެވެ. އެމީހުން ބުނީ ރަނގަޅު ވާހަކައެކެވެ. އަހަރަމެން އެ އަޕާޓްމެންޓްގައި އުޅުނު ދުވަސްވަރު އެގޮތަށް އެތައް ފަހަރަކު ދޮރު ހުޅުވުނެވެ.

އިވުނު އަޑުތަކާއި ފެންނަމުންދިޔަ ކަންތައްތައް އެއީ އެހައި ބޮޑުކަމެއް ކަމަށް ނުހަދައި އަހަރަމެން ދިރިއުޅެން ފެށީމެވެ. އެ ދުވަސްވަރު އަހަރެންގެ މަންމަ ބަލިވެ އިނެވެ. އެފަހަރު މަންމަ ވިހެއީ އަހަރެންގެ އެއްމެ ހަގަށް ހުންނަ އަންހެން ކޮއްކޮ އެވެ. ކަންތައްތައް ގޯހުން ގޯހަށް ދިޔައީ މަންމަ ބަލިވެ އިނުމާއި ގުޅިގެންނެވެ. ތިލަކޮށް ބުނަންޏާ ބުނެވޭނީ އެދުވަސްވަރު މަންމަ ހުރީ މޮޔަވެފައި ކަމަށެވެ. ނުވަތަ ބޯގޯސްވެފައި ކަމަށެވެ. ކުލަ ވަކިކުރާށާއި ޢަދަދު ވަކިކުރަން އޮޅުން އަރަންފެށި އެވެ. ބައެއް ކުލަ ގޯސްވެފައި އަނެއްބައި ކުލަ ރަނގަޅުވާން ފެށިއެވެ. ރަތްކުލަ އާއި ފެހިކުލަ އަކީ އޭރު މަންމަ ދެކުނުގޮތުން ރަނގަޅު ދެކުލައެވެ. މުށިކުލަ އަކީ ގޯސްކުލައެކެވެ. މަންމަ ބުނާގޮތުން އެއީ މާތްﷲ ނުރުއްސަވާ ކުލައެކެވެ. ރިހަ ކައްކާއިރު ރިހައަށް ލެވެނީ ހަތަރު ފިޔާކަމެއް ނުވަތަ ދިހަ ފިޔާ ކަމެއްވެސް މަންމަ ހަނދާނެއް ނުހުރެއެވެ. ޢަދަދު ތަކުގެ ތެރެއިން ބައެއް ޢަދަދު ތަކަކީ މަންމަ ވަރަށް ލޯބިވި ޢަދަދު ތަކެކެވެ. އަނެއްބައި ޢަދަދުތައް ދެކެ ވަރަށް ރުޅި އާދެއެވެ. ކޮއްކޮއެއް ގެންގުޅޭ ކުލަ ފަންސުރާއި ކްރެޔޯން ނަގައިގެން ގޭގެ ބިތްތަކުގައި ކުޑަކުދިން ކުރަހާހެން ކުރަހާ ހެދިއެވެ. އެއްދުވަހަކު އަހަރެން ބޭރުގައި އުޅެފައި ގެއަށް އައިސް ވަތްއިރު ސިޓިންގރޫމުގެ ބިތްތަކުގައި ކީރިތި ޤުރުއާނުގެ ބައެއް އާޔަތްތަކާއި އަލިފުބާ ލިޔެފައި ހުއްޓެވެ. އެތަން ފެނިފައި އަހަރެން ވަރަށް ހައިރާންވިއެވެ. ފާޑަކަށް ބިރުވެސް ގަތެވެ.

މަންމައާއި ބައްޕަގެ ދެމެދުގައި ކުދިކުދި ޒުވާބުތައް ގިނަވާން ފެށިއެވެ. އޭގެ ކުރިން ދުވަހަކުވެސް މަންމަމެން ޒުވާބުކުރިކަމެއް އަހަންނަކަށްވެސް އަދި މަންމަގެ އެއްވެސް ދަރިއަކަށްވެސް އެނގިފައެއް ނެތެވެ. ކުދިކުދި ޒުވާބުތައް ގިނަވެ، ޒުވާބުތައް ހޫނުވިއެވެ. އެއްމެފަހުން މަންމައާއި ވާހަކަދައްކައި އުޅުން ބައްޕަ ހުއްޓާލިއެވެ. އެހެން ކޮޓަރިއެއްގައި ނިދަން ފެށި އެވެ. ބައްޕައަކީ އޭރުވެސް އަދި މިހާރުވެސް ސިހުރު ހާހޫރައިގެން ކަންތައްތައް ޤަބޫލުކުރާ މީހެއް ނޫނެވެ. އަދި ރޫހާނީ އެއްވެސް ކަމެއް ޤަބޫލުކުރާ މީހެއް ނޫނެވެ.

އެއްދުވަހުން އަނެއް ދުވަހަށް މަންމަގެ ހާލަތު ދިޔައީ ގޯސްވަމުންނެވެ. މަންމައަށް ދަންވަރު ގަޑީގައި އިރުއިރުކޮޅުން ހޭލެވެން ފެށިއެވެ. ހެއިލެވެނީ ބާރު ހަޅޭކެއްގެ އަޑާއި އެކުގައެވެ. އެ އަޑު އިވުނު މީހަކު، އެއީ މަންމަގެ އަޑުކަން ޤަބޫލުވެސް ނުކުރެވޭނެއެވެ. ވީ ކިހިނެތްތޯ އަހާލުމުން މަންމަ ބުނަނީ ބޮލެއް ނެތް ކަޅުކަޅު ހިޔަންޏެއް މަންމަގެ އެނދު ކައިރީގައި ހުއްޓާ ފެންނަނީ ކަމަށެވެ. މަންމަގެ އެވާހަކަތައް އިވުނަސް ކުރަންވީ ކަމެއް އަހަރުމެންނަކަށް ނޭނގެއެވެ. ޝަހާދަތާއި ކުރުސި އަދި ފަލަޤް، ނާސް، އިޚްލާޞް ކިޔައިގެން ނިދުމަށް ބުނުން ފިޔަވައި އަހަރުމެންނަށް ކުރެވުނު އެހެން ކަމެއް ނެތެވެ.

ކޮންމެހެންވެސް ފާހަގަކޮށްލަން ޖެހޭ އެެއް ކަމެއް ލިޔެލާނަމެވެ. އަހަރެންގެ ބޮޑުދައިތައާއި އޭނާގެ ދަރިފުޅު ޗުއްޓީއެއްގައި އައިސް ތިބީ އަހަރުމެންގެ ގޭގައެވެ. އަހަރެންގެ ކަޒިން ބްރޯ ނިދީ އަހަންނާއި އެއް ކޮޓަރީގައެވެ. އެއްދުވަހެއްގެ ހެނދުނު ނިދާ ހޭލެވުމާއެކު ކަޒިން ބުނީ ރޭގައި ހަތަރެއް ޖަހަން އުޅެނިކޮށް އޭނާ ފެންބޯންވެގެން ސިޓިންގރޫމަށް ނިކުތްއިރު ބެލްކަންޏަށް ނިކުންނަން ހުންނަ ދޮރު ހުޅުވާލައިގެން މަގުމައްޗަށް ބަލަހައްޓައިގެން އަހަރެންގެ ބައްޕަ ހުއްޓާ ފެނުނު ކަމަށެވެ. އަދި އެގޮތަށް އެތައް އިރެއް ވަންދެން ހުރިކަމަށްވެސް ބުންޏެވެ. އެކަން ޖޯކަކަށް ހަދަމުން ކަޒިން ބުނީ ގައިމު އެ ވަގުތު މަގުމަތީގައި ސަޅި ލަންކާ ބިޓެއްވެސް ފެންނަން ނުހުންނާނެ ވަގުތެއްގައި އެހައި ގިނައިރު ކަޅި ޖަހައިވެސް ނުލައި ބޭރުބަލަން ހުންނަންވީ ކީއްކުރަންހެއްޔެވެ؟

އެދުވަހު ހެނދުނު ސައިމޭޒުދޮށުން ބައްޕަ ކައިރީގައި އެވާހަކަ އަހައިލުމުން ބައްޕަ ގާތަށް އައީ ރުޅިއެވެ. އަހަރެންގެ ކަޒިން އާއި ދިމާއަށް ހަޅޭއްލަވައިގެންފައި ފާޑުފާޑުގެ ދޮގުވާހަކަތައް ދައްކައިގެން ގޭތެރެ ފަނިކުރަން ނޫޅުމަށް ބުންޏެވެ. އަދި އެރޭ ބައްޕަ ކޮޓަރިއަށް ވަތްގޮތަށް އެއްމެ ފަހަރަކުވެސް ކޮޓަރިން ބޭރަށް ނުނިކުންނަ ކަމަށްވެސް ބުންޏެވެ.

އަހަރެންގެ ކަޒިން އައިފަހުން ކުދިކުދި ޕިންޗަރު ޖޯޑު ގަނެގެން ގެނެސް ގެންގުޅެން ފެށީމެވެ. ދުވާލުގަޑީގައި އެސޮރުމެން ސިޓިންގރޫމު ތެރެއަށް ދޫކޮށްލައިގެން ގެންގުޅެފައި ރޭގަނޑު ބައިތިއްބަނީ ކުޑަކުޑަ ކޮށްޓަކަށް ލާފައެވެ. ނަމަވެސް އަނެއް ދުވަހު ހެނދުނު ޕިންޗަރު ނެގުމަށް ބަލައިލިއިރު ދެ ޕިންޗަރު އޮތީ ކަރުދާސްކޮޅެއްހައި ތުނިކޮށް ފަތިޖެހިފައެވެ. ހީވަނީ ކޮންމެ ޕިންޗަރެއްގެ ގައިމަތީގައި ބައިކިލޯގެ ބަރެއް ބާއްވައިގެން ފަތިޖައްސާލައިފައި އޮންނަހެންނެވެ. އަދި އެއްމެ ހައިރާންވާ ކަމަކީ އެސޮރުމެން އޮންނަނީ ހިކިފަތެއްހައިވެސް ހިކިކޮށްނެވެ. އެއްވެސް ތެތްކަމެއް ނުހުރެއެވެ. ހީވަނީ ފޮތެއްގެ ތެރެއަށް ލާފައި ހިއްކާފައި އޮންނަ ފަތެއް ހެންނެވެ.

މިކަންކަމުން އަހަރުމެންނަށް ވަރަށް ގިނަ ހީތައް ކުރެވުނެވެ. އަހަރުމެންގެ ޢާއިލާގެ ކޮންމެވެސް މީހަކާ ޖިންނިއެއް އަވަލައިގެން އުޅެނީކަމަށެވެ. ނުވަތަ ކޮންމެވެސް ސިހުރުވެރިއެއްގެ ސިހުރުވެރިކަން އަހަރުމެންގެ ޢާއިލާއަށް ޖެހިފައި ވާކަމަށެވެ. ގައިމުވެސް ޔަޤީންކޮށް ބުނަން އެނގޭ އެއްޗަކީ ކޮންމެވެސް ގޯހެއް އުޅޭކަމެވެ.

ގޭތެރެއިންނާއި މަންމަގެ ފަރާތުން އާދަޔާޚިލާފް ކަންތައްތައް ފެންނަލެތް ގިނަކަމުން ގޭގައި ދުވަސްކޮޅަކު އުޅެލަން އަހަރެންގެ މަންމަގެ އެއްމެ ދޮށްޓަށް ހުންނަ ބޭބެއަށް ގުޅައިގެން ގެނައިމެވެ. އަހަރުމެން އެއްމެންވެސް އޭނާއާށް ފުރިހަމައަށް އިތުބާރު ކުރަމެވެ. އޭނާ އެއްވެސް ކަމެއް އޮޅުވާލައި ދޮގު ނުހަދާނެކަން އެނގޭތީއެވެ. އާނއެކެވެ. އެއީ ހެޔޮގޮތުގައި ކޮންމެވެސް ވަރަކަށް ފަންޑިތަ ހަދައި އުޅޭ މީހެކެވެ. މިހާރު ޢާއްމުކޮށް ކިޔައި އުޅޭގޮތުންނަމަ ޝަރްޢީ ރުޤްޔާ ހަދައެވެ. ބޭބެ އަހަރުމެންގެ ގޭގައި ހުރި ދުވަސްވަރު އެއްވެސް ކަމެއް ފެނުނު ވާހަކައެއް ނުދައްކައެވެ. ނަމަވެސް އަހަރުމެން މާލެއަށް ބަދަލުވީފަހުން އެއްދުވަހަކު ބޭބެއަށް ފެނުނު ކަމެއް ހިއްސާކުރިއެވެ. ބޭބެ އަހަރެންގެ މަންމަ ކޮޓަރީގެ ފާޚާނާގައި ހުއްޓައި ފާޚާނާގެ ފާރުތެރެއިން ކަޅުކުލައިގެ ހިޔަންޏެއްގެ ގޮތަށް ހުރި ހައިވަކަރު ފޮށްޓެއް ނުކުތްކަމަށް ބުންޏެވެ.

“އަހަރެން ހަމަ ބަލަން ހުއްޓާ ފާރުގެ މުށިތައް ހީވީ އުށްތަކެއް ވިރިގެން ދިޔާވާގޮތަށް ދިޔާވިހެން. ދެން ހަމަ ކުއްލިއަކަށް ފާރުތެރޭން ނިކުތީ ކަޅުކަޅު ފޮށްޓެއް. އެ ފޮށި އެއްކޮށް ނިކުތުމާއެކު ބަދަލުވީ ކަޅު ދުން ގަނޑަކަށް. ދުމުގެ އެ ގުޅަވަރު މާކަ ގިނައިރަކު ނުހުރޭ. ފުއްޕާހަމެއް ފަޅައިގެންދާ އަޑުފަދަ އަޑެއް އިވިފައި ދުންގުޅަ ކުދިކުދިވެގެން ދިޔަ. ހަމަ އެވަގުތު އަހަރެންގެ މުޅި ގަޔަށް ލެއި ތިކިތަކެއް ބުރައިގެންދިޔަ.”

ބޭބެއަށް ދިމާވިކަންތައް ކިޔައިދިން އިރުވެސް ބޭބެގެ މޫނުމަތިން ބިރުގަތްފައި ހުރި ކަމުގެ އިޙްސާސް ފެންނަން ހުއްޓެވެ. ބޭބެ ބުނީ އޭރު އެވާހަކަތައް އެއްވެސް މީހަކަށް ކިޔައިނުދިނީ އަހަރުމެން ބިރުގަންނާނެވަރު ހިތަށް އަރާފައި ކަމަށެވެ.

މީގެ އިތުރުން އެހެން ކަމެއްވެސް ބޭބެ ކިޔައިދިނެވެ. އަހަރެންގެ އެއްމެ ދޮށްޓަށް ހުންނަ ދައްތައާއި ކޮންމެވެސް ވާހަކައެއް ދައްކަން ބޭބެ ހުއްޓާ ކުއްލިއަކަށް ފެނުނު މީހެއްގެ ވާހަކައެވެ. ބޭބެ ބުނީ އެމީހާ ހުރީ އަހަރެންގެ ދައްތަގެ ދެކޮނޑަށް ދެފައި އަރުވައިގެން ކޮޅަށް ހުއްޓިގެން ކަމަށެވެ. ކަޅު އެންދެރިގަނޑެއްހައި ކަޅު އެމީހާގެ އިސްކޮޅުގައި 8 ވަރަކަށް ފޫޓް ހުންނާނެކަމަށް ބޭބެ ބުންޏެވެ. އެމީހާ ހުރީ ދެލޯ ބޮޑުކޮށްގެން ބޭބެއަށް ބަލަން ކަމަށްވެސް ބޭބެ ބުންޏެވެ. ބޭބެެ ބުނީ އޭގެ އިތުރަށްވެސް ބައެއް ކަހަލަ ކަންތައްތައް ފެނިފައިވާކަމަށެވެ. ނަމަވެސް ބޭބެ ބުނީ އެއީ ސިފަކޮށްދޭން އެހައި ފަސޭހަ ކަންތައްތައް ކަމަށް ނުވާތީ އެކަންކަން ކިޔައިދޭން ބޭނުންނުވާކަމަށެވެ.

ބޭބެ އަހަރުމެންގެ އެޕާޓްމެންޓްގައި ދެ ހަފުތާއެއް ވަންދެން ހުރެފައި ރަށަށް ދިޔައީ ބޭބެ ހަދަން ބޭނުންވާ މައިތިރިތައް ހަދާފައެވެ. ދުވަސްކޮޅެއް ފަހުން ޤައުމުގެ ހުރިހައި ކަމެއްގެ ވެރިމީހާއަަށް ފެނިލައްވައިގެން އަހަރެންގެ ބައްޕަ މާލެ ދިއުމަށް އެންގިއެވެ. އެ ހިސާބުން ބައްޕަގެ ސިޔާސީ މަޤާމުވެސް ގެއްލިގެން ދިޔައީއެވެ. އަހަރުމެންވެސް މާލެއަށް ބަދަލުވީއެވެ.

އަދިވެސް، މިއަދުވެސް އަހަރެންގެ މަންމަގެ ކިބައިން ‘ބޯހަމަނުޖެހުމުގެ’ ބައެއް ކަންކަން ފެނެއެވެ. ނަމަވެސް އޭރު ވީވަރާއި އަޅައި ބަލާއިރު 99 އިންސައްތަ ރަނގަޅުކަމަށް ބުނެވިދާނެއެވެ. އަހަރެންގެ ބޭބެ ކިޔައިނުދިނަސް މިކަންތައްތައް ދިމާވީ ކީއްވެގެންކަން އަހަރެން އަމިއްލައަށް ހޯދި ހޯދުންތަކުން މިހާރު ބުނަން ކެރިދާނެއެވެ. އަހަރެންގެ ބައްޕައަށް ސަފީރުކަމުގެ ފަތްކޮޅު ދެއްވިއިރު، މާކުރިން ފެށިގެން އެކަން ލިބޭނެކަމުގެ އުއްމީދުގައި މަޢުމޫނަށް ނުހަނު އިޚްލާޞްތެރިކޮށް މަސައްކަތްކުރި މީހަކު ސިހުރު ހެއްދީއެވެ. އެ ސިހުރު ހެއްދީ ހަމައެކަނި ބައްޕަގެ މަޤާމު ދުއްވާލާކަށް ނޫނެވެ. އެ ސިހުރު ހެއްދީ ބައްޕަގެ މުޅި ޢާއިލާ އެއްކޮށް ދުނިޔެއިން ދުއްވާލުމަށެވެ. ސިހުރުގެ ބާރުން ގޭތެރެއިން ފެނުނު ‘އެ ހިޔަނިން’ ސަލާމަތްކޮށްދެއްވި ކަމަށްޓަކައި މިއަދުވެސް އަހަރުމެން މާތްﷲގެ ޙަޟްރަތުގައި ތާއަބަދު ދުޢާކުރަމުއެވެ.

ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.