22 ނޮވެމްބަރ 2019 އާއި ގުޅޭ….

ސާމިހާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ވަގުތުގެ ގޮތުންނެވެ. އަނެއްކާ މީހަކަށް ކަމެއްވީބާވައޭ ހިތަށް އެެރިއެވެ. ފޯނު ކަންފަތުގައި ޖައްސައިލިއެވެ. އެކޮޅުން ވާހަކަދައްކަން ފަށަން ދެން މަޑުކޮށްލިއެވެ. އޭރުވެސް ސާމިހާގެ ހިތް ބާރަަށް ތެޅެއެވެ.

“ކޮބާ އަހަރެންގެ ސީކް؟” ސާމިހާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތް ހެނެވެ. އަވަސް އަވަހާ ފޯނު ކަނޑައިލިއެވެ. އެކޮޅުން ވާހަކަދެއްކީ ސާހިލްއެވެ. ނަމަވެސް ދަންވަރުގެ މިވަގުތުގައި ސީކް ހޯދަން ގުޅުމުގެ ބޭނުމެއް ކޮބައިބާވައެވެ. ސާހިލް ހުރީ ކޮންތަނެއްގައި ބާވައެވެ. މިރަށަށް އައީ ބާވައެވެ. ސާމިހާ ގެ ސިކުނޑީގައި ސުވާލުތައް އެނބުރެން ފެށިއެވެ. މިހާ ދުވަސް ކޮށްފައި ސާހިލް އެއައީ ކޮންތާކުން ބާވައެވެ. މިކަހަލަ ވިސްނުމެއްގައި ހުއްޓާ އަނެއްކާވެސް އެ ނަންބަރުން ގުޅަން ފެށިއެވެ. ސާމިހާ ބޭނުންވީ ފޯނަށް ޖަވާބު ނުދީ ބާއްވާށެވެ. ފޯނު ކެނޑުމާއިއެކު އަވަސް އަވަހަށް ފޯނު ސައިލެންޓް ކޮށްލިއެވެ. ޑްރެސިންގ ޓޭބަލް މަތީގައި ފޯނުބާއްވާފައި ގޮސް މަޑުމަޑުން އެނދުގައި އޮށޯވެލިއެވެ. ސީކް އާއި ދިމާލަށް ބަލަހައްޓައިގެން އޮތް ސާމިހާގެ ސިކުނޑީގައި ސުވާލަކަށްފަހު ސުވާލެއް އުފެދެއެވެ. މިހާ ދުވަސް ކޮށްފައި ސާހިލްގެ ޚަބަރެއް ވީމައެވެ. ސީކް އާއި ވަކިން މި ދުނިޔޭގައި ސާމިހާ އަކަށް ކެތެއް ނުވާނެއެވެ. ސާހިލް ރަށަށް އައިސްފިނަމަ އެދެމައިންގެ ހަޔާތައް ހީނުކުރާ ފަދަ ކަންތައްތައް ކުރިމަތިވުމަކީ ދުރުގައިއޮތް ކަމެއް ނޫނެވެ.

ސާމިހާއަށް ހޭލެވުނީ ފަތިސްނަމާދުގެ ބަންގީގެ އަޑަށެވެ. އަވަސް އަވަހަށް ފޯނު ބަލައިލިއެވެ. ތިރީސް މިސްޑްކޯލް އައިސްފައި އޮތެވެ. ހަމަ އެ ނަންބަރުންނެވެ. ސާމިހާގެ ހިތުގައި ބިރުވެރިކަން އިތުރުވިއެވެ. ސާހިލް އެވަރަށް އެ ގުޅަނީ ކީއްވެބާއެވެ.

ސާމިހާ ބޭނުންވީ ރޭގައި ދިމާވި ކަންތައްތައް ވީ އެންމެ އަވަހަކަށް ފާރިޝް އަށް ކިޔާދޭށެވެ. އެހެންކަމުން ފާރިޝް އަށް ގުޅިއެވެ. ފާރިޝް ފޯނު ބިޒީކޮށްލުމަށްފަހު މެސެޖެއް ކޮށްލިއެވެ. ފަހުން ގުޅާނެ ކަމުގައި ބުނެއެވެ.

އޮފީހުގައި އިންއިރު ވެސް ރޭގައި ދިމާވި ކަންތައްތަކާ މެދު ވިސްނެނީއެވެ. ސާހިލްގެ އަމަލުތައް ހުރެދާނެ ގޮތަކާއި މެދު ވިސްނެނީއެވެ. ދުވަސްތަކަކަށް ފަހު ފެށި އުފާވެރި ދިރިއުޅުން ސާހިލް އާއި ހެދި ބަދަލުވެގެން ދިއުމަކަށް ސާމިހާ ނޭދެއެވެ. ފާރިޝް އަށް ހުރިހާ ވާހަކައެެއް ކިިޔައިދޭނެ ގޮތަކާއިމެދު ވެސް އެވަރަށް ވިސްނެއެވެ. އޮފީސް ތެރޭގައި މިކަހަލަ ވިސްނުމެއްގައި އިންދާ ފާރިޝް ގުޅިއެވެ. އަވަސް އަވަހަށް ފޯނު ނެގިއެވެ. ސާމިހާގެ އަޑުން ފުރަތަމަވެސް ގޯހެއް އުޅޭކަން ފާރިޝް އަށް ފާހަގަވިއެވެ. ހުރިހާ ވާހަކައެއް ފާރިޝް އަށް ސާމިހާ ކިޔައިދިނެވެ. ސާމިހާގެ ސިކުނޑީގައި ހާސްކަންހުރި ވަރު ފާރިޝްއަށް އެނގުނެވެ. ސާމިހާގެ ހާސްކަން ފިލުވައިލުމަށްޓަކައި ފާރިޝް މަސައްކަތްކުރަން ފެށިއެވެ. އަދި ހަމަޖެހިގެން ހުރުމަށް ނަސޭހަތްްތެރިވިއެވެ.

ޢޮފީސްގަޑި ނިމުމާއިއެކު ސާމިހާ އަވަސްވެގަތީ ގެއަށްދާށެވެ. ސާހިލް ހުރި ތަނެއް ނޭނގޭތީ ސާމިހާ ހާސްވެއެވެ. ރަށުގައި ހުރެއްޖެ ނަމަ ސީކް ހޯދަން ގޭދޮށަށް ވެސް ގޮސްފާނެތީއެވެ. ސާހިލް އާއި ދިމާވާން ސާމިހާ ބޭނުމެެއްނުވެެވެ. މަގުގެ ދެކޮޅު ބަލައިލުމާށްފަހު ސާމިހާ ހިނގައިގަތީ ގެއާއި ދިމާއަށެވެ. އަވަސް ފިޔަވަޅުގައި ސާމިހާ ގެއާއި ދިމާއަށް ހިނގަމުންދެއެވެ. އިރުއިރުކޮޅުން ފަސްް އެނބުރި ބަލައިލެވެއެވެ. ހީވަނީ ސާހިލް ފަހަތުން އަތުވެދާނެ ހެނެވެ. މިކަހަލަ ވިސްނުމެއްގައި ހުރެ ގޮސް ގެއަށް ވަނެވެ. އޭރު ސާމިހާގެ މަންމަ ސީކް ގޮވައިގެން ގޭތެރޭގައި ހުއްޓެވެ. ސާމިހާ ފެނުމާއި އެކު ސާމިހާގެ މަންމައަށް ސާމިހާގެ މޫނުމަތިން ހާސްކަމުގެ ކުލަވަރު ފާހަގަކުރެވުނެވެ. ސާމިހާ މަޑުމަޑުން ސީކް އުރައިލިއެވެ. ސީކް ގޮވައިގެން ކޮޓަރިއަށްވަދެ އެނދުގައި އޮށޯވެލިއެވެ. ހަމަޖެހުމުގެ ނޭވާއެއް ލެވުމުގެ ކުރިން ފޯނު ރިންގްވާން ފެށިއެވެ. ގުޅަނީ ރޭގައިވެސް ގުޅި ނަންބަރުންނެވެ. ސާމިހާ ފޯނު ކަނޑައިލިއެވެ. ދެތިންފަހަރަކު ފޯނު ކަނޑައިލުމުން ދެން އައީ މެސެޖެކެވެ. މިއީ ސާހިލް ކަމުގައި ބުނެއެވެ. އަދި އެންމެ ފަހަރަކު ނަމަވެސް ސީކް ދައްކާލަދިނުން އެދިއެވެ.

ސާމިހާގެ ގައިން ވަރުދޫވެގެންދިޔަ ކަހަލައެވެ.

ސާހިލް ރަށުގަހުރިކަން އެނގުމުންނެވެ. އަދި ސީކް އާއި ބައްދަލުކުރަން ސާހިލް ބޭނުންވުމަކީ ސާމިހާގެ ހިތަށް ކެތްކުރަން ދަތިކަމެކެވެ. ސާހިލް އަކީ ސީކްގެ ބައްޕަ ކަމުގައި ވިއަސް މި ވީހައި ދުވަހު ސީކްގެ ޚަބަރެއް ބަލައިނުލައި އުޅުނީ ކީއްވެބާއެވެ. އެ ދެމައިންނަށް ސާހިލްގެ އަޅައިލުމާއި ލޯބި ބޭނުންވި ވަގުތު، އެ ލޯބީގައި ކޮޅުފައިން ޖަހާފައި ދިޔައީއެވެ. ދެން މިއަދު ސާހިލް އެއައީ ވަކި ކީއްކުރަން ހެއްޔެވެ. އެ ދެ މައިންނަށް ދެވުނު އަނިޔާ ކުޑައީބާވައެވެ. ނޫނީ އަދިވެސް ސާހިލްގެ ހިތަށް ހަމަޖެހުން ނުލިބެނީ ބާވައެވެ. ސާމިހާގެ ސިކުނޑި ފަޅައިގެން ދާވަރު ވެއްޖެއެވެ.

އަނެއްކާވެސް ސާމިހާ ފާރިޝްއަށް ގުޅިއެވެ.

ދިމާވެގެން އުޅޭ ކަންތަކުގައި ކަންކުރާނެ ގޮތަކާއިމެދު މަޝްވަރާކުރިއެވެ. ފާރިޝްގެ ޖަވާބުއައީ ސާމިހާ އުންމީދުކުރި ގޮތަކަށްނޫނެވެ. ސާމިހާގެ ބަސް ހުއްޓުނެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

ޔޫސުފް ބިން މޫސާ
ދީނީ އަދި އިޖުތިމާޢީ ރޮނގުން ގަލަން ހިނގައިލުމުގެ އިތުރުން ވާހަކަ ލިޔުމަކީވެސް ޔޫސުފުގެ ހުނަރެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް