ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޑެލްޕިއެރޯ ގެ ރެކޯޑް ކޭން މުގުރާލިއިރު، ޓޮޓެންހަމް ގަދަ 16 އަށް

‏ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީ ގައި ރޭ، ފަހަތުން އަރައި އޮލިމްޕިއާކޮސް ގެ މައްޗަށް 2-4 ގެ ނަތީޖާއަކުން ކުރިހޯދައިގެން ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ޖާގައެއް ޓޮޓެންހަމް އިން ޔަގީންކޮށްފިއެވެ.

ޓޮޓެންހަމް ގެ ދަނޑުގައި ކުޅުނު މި މެޗު ވަރަށް ކުރީކޮޅު ގޯލެއް ޖަހާ އޮލިމްޕިއާކޮސް އިން ވަނީ ލީޑު ނަގާފައެވެ. އޭރިއާގެ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ތިރީ ކަނަށް ވައްދާލައިގެން މެޗުގެ 6 ވަނަ މިނެޓުގައި މި ގޯލް ކާމިޔާބުކޮށްދިނީ އޮލިމްޕިއާކޮސް ގެ ފޯވާޑް ޔޫސުފް އެލް އަރާބީ އެވެ. މެޗުގެ 19 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ގޯލެއް ޖަހާ އޮލިމްޕިއާކޮސް ގެ ޑިފެންޑަރު ރުބެން ސެމީޑޯ ވަނީ އޮލިމްޕިއާކޮސް ގެ ލީޑު ފުޅާކޮށްދީފައެވެ. ފުރަތަަމަ ހާފު ނިމެން އުޅެނިކޮށް މެޗުގެ 45 ވަނަ މިނެޓުގައި ސާޖް އޮރިއޭ ނަގައިދިން ހުރަހަކުން ޑެލޭ އަލީ ވަނީ ގޯލެއް ޖަހާ ޓޮޓެންހަމް އަށް އުންމީދު ގެނުވާފައެވެ.

ފުރަތަަމަ ހާފުގައި އޮލިމްޕިއާކޮސް މޮޅަށް ކުޅުނު ނަމަވެސް، ދެވަނަ ހާފުގައި މެޗުގެ ކޮންޓްރޯލް އަތުލައި، ޓޮޓެންހަމް ގެ ކުޅުން ވަނީ ވަރަގަދަކޮށްފަައެވެ. މެޗުގެ 50 ވަނަ މިނެޓުގައި ލޫކަސް މޯރާ ނަގައިދިން ހުރަހަކުން ގޯލެއް ޖަހާ ކޭން ވަނީ ޓޮޓެންހަމް އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ސޮން ނަގައިދިން ހުރަހަކުން 73 ވަނަ މިނެޓުގައި ސާޖް އޮރިއޭ ޖެހި ހިތްގައިމު ގޯލާއެކު ޓޮޓެންހަމް އިން ވަނީ އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. ޓޮޓެންހަމް ގެ ހަތަރުވަނަ ގޯލް މެޗުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކޭން އެވެ. މި ގޯލާއެކު ކޭން ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި އެންމެ އަވަހަށް 20 ގޯލް ޖަހައިގެން އިޓަލީ އަދި ޔުވެންޓަސްގެ ލެޖެންޑް ޑެލްޕިއެރޯ ހަދާފައިވާ ރެކޯޑް މުގުރާލާފައެވެ. ޑެލްޕިއެރޯ 26 މެޗުން 20 ގޯލް ޖެހިއިރު، ކޭން މިވަނީ އޭނާގެ 24 ވަނަ މެޗުގައި 20 ގޯލް ޖަހާފައެވެ.

“ދެރަ ކުޅުންތެރިއެއްގެ ރެކޯޑެއް ނޫން މި މުގުރާލެވުނީ. އަސްލު މަގްސަދަކީ ގަދަ 16 އަށް ކޮލިފައިވުން. ކޮންމެ ގޮތަކުން ވެސް އަހަރެމެންނަށް އެކަން ކުރެވިއްޖެ. އަހަރެމެން ބޭނުންވީ މޮޅުވާން. އަހަރެމެންނަށް އެކަން ވެއްޖެ.” މެޗަށްފަހު ބީޓީ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ކޭން ބުންޏެވެ.

ކުޅުނު 5 މެޗުން ލިބުނު 10 ޕޮއިންޓާއެކު ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ބީ ގެ ދެވަނަ ޓޮޓެންހަމް އަށް ވަނީ ޔަގީންވެފައެވެ. ދެން ޓޮޓެންހަމް ނުކުންނާނީ ބަޔާން މިއުނިކް ގެ ދަނޑުގައި އެޓީމާ ދެކޮޅަށެވެ. އެ މެޗަށް ނިކުންނައިރު ދެ ޓީމު ވެސް ވަނީ ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ޖާގަ ހޯދާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top