ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ފީޗާ ފިލްމު ކުޅުނު ބަތަލާގެ ރިކޯޑް އޮތް ނިއުމާ މުޙައްމަދު އަކީ ރާއްޖޭގެ ފިލްމީ ދާއިރާގައި އެންމެ މަޝްހޫރު އެއް ބަތަލާ ކަމާއިމެދު ދެބަސްވާނެ މީހަކު ހުރެދާނެއެކޭ ނުބުނެވޭނެއެވެ. ނަމަވެސް މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ބޭއްވި ބޮޑު ރަސްމިއްޔާތަކާއި އެކު ނިޢުމާ ވަނީ ފިލްމީ ކެރިއަރުން ރިޓަޔަރ ކޮށްފައެވެ.

ނިއުމާގެ ފިލްމީ ކެރިއަރަށް 20 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ހަފުލާގައި އޭނާ ބުނީ އޭނާ ފިލްމީ ދާއިރާއިން ރަސްމީކޮށް މި ރިޓަޔާކުރީ ކަމަށެވެ. ނަމަވެސް އޭނާގެ ފަހު ފިލްމަކީ “ލޫދިފާ” ފަދަ ފިލްމުތައް ހަދައިގެން ގައުމީ އެވޯޑް ހާސިލުކޮށްފައިވާ މޫމިން ފުއާދު ޑައިރެކްޓް ކުރާ “ނިވައިރޯޅި” ކަމަށް ބުންޏެވެ. މި ރަސްމީ އިވެންޓްގައި ވަނީ ނިއުމާގެ ލަވަ ކަލެކްޝަން “ސެލެބްރޭޓިން 20” ނެރެފަ އެވެ.

މި ހަފުލާގައި ނިއުމާ ވަނީ އޭނާގެ ބައޮގްރަފީއެއްގެ މަސައްކަތް ކުރަމުން އަންނަކަން ވެސް އިއުލާންކޮށްފަ އެވެ. “މައި ސްޓޯރީ” ގެ ނަމުގައި އެ ބަޔޮގްރަފީ ނިއުމާއާއި ގުޅިގެން ލިޔަނީ ސްކްރީން ރައިޓަރު އަހުމަދު ޒަރީރެވެ. އަންނަ އަހަރުގެ އޮކްޓޯބަރުގައި ނެރޭ ބައޮގްރޮފީ އިއުލާންކޮށް ދިނީ ބަތަލާ އާރިފާ އިބްރާހީމެވެ.

ނިއުމާ ބުނީ “މައި ސްޓޯރީ” ގައި އޭނާގެ ފިލްމީ ކެރިއަރާއި އަމިއްލަ ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން ނޭނގޭ ވަރަށް ގިނަ ވާހަކަތައް އާންމުންނާ ހަމައަށް ތިލަކުރާނެ ކަމަށެވެ. މިއީ ރާއްޖޭގެ ފިލްމީ ތަރިއެއްގެ ފުރަތަމަ ބައޮގްރަފީ އެވެ.

“މީހުން ހިތަށް އަރާފާނެ ނިއުމާއާ ބެހޭ ގޮތުން ނޭނގޭ ވާހަކަތަކެއް އެބަ އޮތްހޭ؟ ނޭނގޭ އެތައް ވާހަކަތަކެއް އެބަހުރި،” ނިއުމާ ބުންޏެވެ. “އެ ވާހަކަތައް މި ފޮތުގައި ހުންނާނެ.”

ފިލްމީ ދާއިރާގެ ވަރަށް ގިނަ ފަންނާނުންނާ އެކު ބޭއްވި ކުލަގަދަ ހަފުލާގައި ނެރުނު “ސެލެބްރޭޓިން 20” އަކީ ހަތް ލަވަ ހިމެނޭ ކަލެކްޝަންއެކެވެ. ޕެން ޑްރައިވްގައި ވިއްކާ “”ސެލެބްރޭޓިން 20” ގެ ދެ ލަވައެއް ނިއުމާގެ އަޑުން ކިޔާފައި ވެސް ވެ އެވެ.

ނިއުމާ ފިލްމީ ދާއިރާ އަށް ނިކުތީ 1994 ގައި ޓެލެވިޛަން މޯލްޑިވްސް އިން ދެއްކި ސިލްސިލާ ފިލްމު ހިތި ތަޖުރިބާ އިން ނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.