އިސްލާމް ދީނަކީ އިންސާނާގެ މުޅި ހަޔާތްކަމުގައި މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ޚުޠުބާގައި ވެއެވެ. އިސްލާމް ދީނަކީ ހިދާޔަތުގެ މަގެވެ. އެއީ ބަޔަކަށް ލިބިގެންދާނެ އެންމެ ބޮޑު ނިޢުމަތެވެ. އަދި އެއީ އަހަރެމެންގެ މުޅި ހަޔާތް އެ ދީނުގެ އުސޫލުތަކާއި އެއްގޮތަށް ބައްޓަން ކުރަންޖެހޭ ދީނެވެ. އިސްލާމް ދީނުގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވައި ޖާހިލުކަމާއި، ޝިރުކުގެ އަޅުވެތިކަމުން ސަލާމަތް ކޮށްދެއްވި ކަމަށްޓަކައި ﷲ ތަޢާލާއަށް އަހަރަމެން ތާއަބަދު ޝުކުރު އަދާކުރަން ޖެހެއެވެ. އެކަލާނގެ ހަޟްރަތުގައި ހަމައެކަނި ޤަބޫލުކުރެވިގެންވާ ދީނަކީ އިސްލާމް ދީނެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. مَنْ يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ (آل عمران 85) މާނައީ: ދީނެއްގެ ގޮތުގައި އިސްލާމް ދީން ނޫން ދީނެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެ މީހާގެ ކިބައިން (އެކަން) ޤަބޫލެއް ނުކުރައްވާ ހުއްޓެވެ. އަދި، އާޚިރަތުގައި އޭނާ ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ. 

އިސްލާމް ދީނަކީ ފަރުދުންނާއި، އާއިލާއާއި، މުޖްތަމަޢު ގުޅުވައިދޭ އެންމެ ފުރިހަމަ ނިޒާމެވެ. އެހެންކަމުން އިންސާނާއަށް ބާއްޖަވެރިކަން ގެނެސްގަތުމަށް އިސްލާމް ދީނުގެ އުސޫލުތަކުގައި ހިފުމަށް މިއަދު މިވަނީ ވަރަށް ބޮޑަށް ބޭނުންވެފައެވެ. މާއްދީ ގޮތުން ހަޔާތުގައި ފަސޭހަތަކާއި ކުރިއެރުން ހޯދިކަމުގައި ވީނަމަވެސް އިސްލާމް ދީނާއި އިންސާނާ ދުރުވެއްޖެނަމަ އިންސާނާއަށް ބޭނުންވާ ރޫހާނީ ކާނާ ދާނީ މަދުވަމުން ކަމުގައި މިއަދުގެ ޚުޠުބާގައި ވެއެވެ.

މިއަދު ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މަތިން ހަންދާންކުރާއިރު މި ލޮބުވެތި ވަތަނުގައި އިސްލާމް ދީން ދެމެހެއްޓުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހެއެވެ. މި ޤައުމަކީ ސައްތައިން ސައްތަ އިސްލާމީ ސުންނީ ޤައުމަކަށް ވާތީ އެކަމާއި ހަސަދަވެރިވާ ބަޔަކު އުޅެއެވެ. ދިވެހިރާއްޖެ އިސްލާމްވުމާއި އެކު ރާއްޖޭގެ އަހުލުވެރިން އިސްލާމް ދީނުން ބޭރުކުރެވޭތޯ އެކިދުވަސްވަރު އެތަކެއް މަސައްކަތްތަކެއް ކޮށްފައިވާކަން ތާރީޚުން ހެކިދެއެވެ. މިއަދާ ހަމައަށް ވެސް ރާއްޖޭގައި އިސްލާމް ދީން ދެމި އޮތީ ﷲ ގެ ފަޟްލުވަންތަ ކަމަށް ފަހު ބޮޑުތަކުރުފާނުގެ އަގުހުރި ޖިހާދާއި، މިންނެތް މަސައްކަތް ޕުޅުންނެވެ.

މިއަދުގެ ޚުތުބާގައި ވެއެވެ. “މިއަދު އިސްލާމް ދީނަށް ނިސްބަތްވާ ބަޔަކު އެ ދީނުގެ ނަމުގައި ފަތުރާ ދީނާއި ޚިލާފު ފިކުރުތަކާއި، މަޢުލޫމާތުގެ ނުރައްކާތެރިކަން ވަކި ކުޑައެއް ނޫނެވެ. މިބައި މީހުން ޤަބޫލުކުރާ ގޮތްތަކާއި ފިކުރުތަކަށް ތަބަޢުނުވާ ކޮންމެ މީހަކީ ކާފިރެއްކަމުގައި ކަނޑައަޅައި، މަރު ހުއްދަ ކުރެއެވެ. އެ ފިކުރުތަކަށް ޢަމަލު ނުކުރާ ސަރުކާރަކީ، ޠާޣޫތު ކަމުގައި ނިންމައެވެ. އަދި އެ ސަރުކާރުގެ މުވައްޒަފުންނަކީ ކާފިރުންކަމުގައި ނިންމައި، އެ މީހުންގެ ފަހަތުގައި ނަމާދުކުރުން ހުއްޓާލައެވެ. އެ މީހުން ދިރިއުޅޭ ބިމަކީ ދާރުލް ކުރުފުކަމުގައި ނިންމައެވެ. މި ނުބައި ނިންމުން ތަކުގެ ސަބަބުން އެ ޤައުމު މީހުންގެ މުދާ ފޭރުމާއި މެރުން ހުއްދަ ކުރެއެވެ. މިވަރުން ނިމުނީއަކީއެއް ނޫނެވެ. މިފަދަ މީހުން އެހެން މީހުންނާއި މުޅިންވަކިވެގަނެއެވެ. އެހެން މީހެއްގެ ސަލާމަށް ޖަވާބެއް ނުދެއެވެ. ވަރިކައިވެނީގެ މުޢާމަލާތްތައް ގިނައިން ކޮށްއުޅެނީ އެ މީހުންގެ މީހުންނާއި އެކަންޏެވެ. އެ މީހުން ކައިވެނި ކުރާކަށް ޝަރުޢީ ކޯޓުތައް ކަމަކުނުދެއެވެ. ނަމާދުކުރުމަށް މިސްކިތްތައް ކަމަކުނުދެއެވެ. ސަރުކާރު އެއްވެސް ވަޒީފާއެއް ހުއްދައެއް ނުކުރެއެވެ. ދަރިންނަށް ވެކްސިން ދިނުމަކީވެސް އެބައިމީހުން ހުއްދަކުރާ ކަމެއް ނޫނެވެ. އަންހެން ކުދިންނަށް ތަޢުލީމު ދިނުމަކީ މިބައި މީހުންގެ ނަޒަރުގައި އޮންނަ ކަމެއް ނޫނެވެ. މިފަދައިން ބުނާއިރު އެކުދިން ބަލިވީމާ ދައްކަން ބޭނުންވަނީ އަންހެން ޑޮކްޓަރުންނަށެވެ. އަންހެން ކުދިންނަށް ކިޔަވައި ނުދެނީނަމަ އަންހެން ޑޮކްޓަރުންނާއި އަދި މިނޫންވެސް ފަންނު ތަކުގެ ހުނަރުވެރި އަންހެން ކަނބަލުން ހޯދާނީ ފެހެ ކޮންތާކުން ހެއްޔެވެ؟”

މިއަދުގެ ޚުޠުބާގައިވަނީ ކޮންމެ މީހަކުވެސް މަސައްކަތް ކުރަންވީ އެ މީހެއްގެ އަމިއްލަ ނަފްސާއި އާއިލާއާއި ގާތްތިމާގެ މީހުންގެ ހިތްތަކުގައި އީމާންކަމުގެ އަސާސު ވަރުގަދަކޮށް ހަރުދަނާ ކުރުމަށް ކަމަށާއި އަދި ތިމާގެ އަޚުންނާއި އުޚްތުންނަށް މި އަސާސްތައް އުންގައްނައިދީ ރަނގަޅު ގޮތް ދަސްކޮށްދިނުމަށެވެ. އަދި ދެ ދުނިޔޭގެ އަމާންކަން ލިބިގަތުމަށް އެދޭނަމަ ދިރިއުޅުމުގެ ހުރިހައި ވަގުތެއްގައި ވެސް ﷲ އެއްކައުވަންތަ ކުރުމުގެ އަސާސްތަކުގައި ވަރުގަދައަށް ހިފަހައްޓާށެވެ. ފުރަތަމަ ބަހަކީ ވެސް އަދި ފަހުބަހަކީ ވެސް ﷲ އެއްކައުވަންތަ ކުރުން ކަމުގައި ހެދުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. رسول الله صلي الله عليه وسلم ހަދީޘް ކުރައްވާފައި ވެއެވެ. من كان آخر كلامه لا إله إلا الله دخل الجنة (رواه أبوداود والحاكم وقال الشيخ الألباني: صحيح) މާނައީ: އެ މީހެއްގެ އެންމެ ފަހު ބަހަކީ (لا إله إلا الله) ކަމުގައި ވެއްޖެ މީހާ ސުވަރުގެ ވަންނަ ހުއްޓެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.