ކާމިޔާބު ވެބް ސީރީޒް “ހުވާ” ގެ ދެވަނަ ސީޒަންގެ ލީޑަށް އައު ތަރިންތަކެއް ވެސް ހިމަނައިގެން، ކުރީގެ ތަރިންނާއެކު ވަރަށް ފޯރީގައި ޝޫޓިން ކުރިއަށްދާތާ މި ވަނީ ދުވަސްކޮޅެއް ވެފައެވެ. އެހެންކަމުން މުނިއަވަސް ގެ ކިޔުންތެރިންނާ ހަމައަށް “ހުވާ-2″ގެ އެންމެ ފަހުގެ އަދާހަމަތައް ގެނެސްދެވޭތޯ މަސައްކަތްކޮށްލީމެވެ.

މަޝްހޫރު ޑައިރެކްޓަރ/ ޕްރޮޑިއުސަރ އަދި ވާހަކަލިޔުންތެރިޔާ ފާތިމަތު ނަހުލާގެ ‘ތައްގަނޑު ޖެހިގެން’ ހަދަމުން އަންނަ “ހުވާ-2” ގެ ފުރަތަމަ އެޕިސޯޑްތައް ޑައިރެކްޓް ކުރަމުން ދަނީ ރާއްޖޭގެ އެންމެ ފުންނާބު އުސް އެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) އެވެ. އެއީވެސް ނަހުލާގެ ސީދާ ބެލުމުގެ ދަށުންނެވެ.

“ހުވާ-02” ގެ ޝޫޓިން ތެރެއިން ޝީލާ އަދި އައްޒަ – ފޮޓޯ: ހުވާ ފޭސްބްކް ޕޭޖް

ނުވަ ވަނަ ފިލްމު އެވޯޑްސްގައި ބެސްޓް އެޑިޓިންގ އެވޯޑާއި، ބެސްޓް ސްކްރީން ޕްލޭ އެވޯޑާއި، އެންމެ މޮޅު ޑައިރެކްޓަރގެ އެވޯޑްގެ އިތުރުން އެންމެ މޮޅު ފިރިހެން އެކްޓަރގެ އެވޯޑް ހޯދާފައިވާ ޔޫއްޕެގެ ސަތޭކަ އިންސައްތަ ‘އިންޕުޓާ’އެކު ގެނެސްދޭ “ހުވާ-2” ގެ އެޕިސޯޑްތައް ބަލައިލުމަށް ހަމަ ގައިމުވެސްް ބެލުންތެރިން މިހާރު ތިބީ ކެތްމަދުވެފައެވެ.

“ހުވާ-02” ގެ ޝޫޓިން ތެރެއިން ކެމެރާމަން ދަބާ އަދި ނަހޫ – ފޮޓޯ: ހުވާ ފޭސްބްކް ޕޭޖް

“ހުވާ-2” ބެލުންތެރިންނާ ހަމައަށް މިފަހަރު ގެންނަނީ އިތުރު އުފާވެރި ކަމަކާއެކުގައެވެ.

”ހުވާ ދެވަނަ ސީޒަންގެ ވާހަކަ އެއްދުވަހަށް ވުރެ އަނެއް ދުވަސް އިންޓަރެސްޓިންގ ވެގެން އަންނާނެ، ….މިފަހަރު އެޕިސޯޑެއްގެ ދިގުމިނަކީ 20 މިނެޓް.“ އެޕިސޯޑެއްގެ ވަގުތު 20 މިނެޓަށް އިތުރުކޮށްފައިވާކަން ވެސް ފުރަތަމަ ފަހަރަށް މުނިއަވަސް މެދުވެރިކޮށް މީޑިއާއަށް ނަހޫ ހާމަކޮށްފައި ވެއެވެ.

“ހުވާ-2″ގެ ކެމެރާގެ ފުރަގަހުން ލިބިފައިވާ މަންޒަރުތައް މިފަހަރު ވަރަށް ޝައުޤުވެރިއެވެ. ފިލްމުގެ މޭކިން މަންޒަރުތައް ފެނިގެންދެއެވެ. ފިލްމު ސެޓްގައި ބައެއް ތަރިން ޖަހާ ސަކަރާތްތައް ފެނެއެވެ. ޔޫއްޕެގެ ޑައިރެކްޝަންގެ ހުނަރުވެރިކަން ފެނިގެންދެއެވެ. ހަމަ އެހެންމެ ނަހޫގެ އެހީއާއެކު ޝޫޓިންއަށް ސްކްރިޕްޓް ދަސްކުރާތަން ފެނެއެވެ.

ފެންނަ މަންޒަރުތަކުން މަޢުރޫފް (އާނަންދު) އާއި މިންހާ (އައްޒަ)ގެ ރޯލު މިފަހަރުވެސް ވަރަށް ޝައުޤުވެރިވެފައި ވަރުގަދަ ވެގެންދާނެކަން އެނގެއެވެ.

“ހުވާ-02” ގެ ޝޫޓިން ތެރެއިން ރިޝްފާ އަދި ފައިސަލް – ފޮޓޯ: ހުވާ ފޭސްބްކް ޕޭޖް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.