ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފިލްމު “ކީއްވެ؟ ” ގެ ޓްރެއިލާއިން ފިލްމަށް އޮތް ޝައުޤު އިތުރުވެއްޖެ
ސެޓާން ސްޓޫޑިއޯ

ދިވެހި ފިލްމީ ދާއިރާގައި ކާމިޔާބު ގިނަ އުފެއްދުންތަކެއް ގެނެސްދީފައިވާ ޕްރޮޑިއުސަރު އަސްލަމް ރަޝީދުގެ އާ ފިލްމު “ކީއްވެ؟” ގެ ރަސްމީ ޓްރެއިލާ އާންމުކޮށްފިއެވެ.

ކުޅަދާނަ ޑައިރެކްޓަރު އީސާ ޝަރީފް 20 އަހަރަށްފަހު ޑައިރެކްޓްކުރި މި ފިލްމުގެ މައިގަނޑު ރޯލުތަކުން ދިވެހި ފިލްމީ ދާއިރާގެ ތަޖުރިބާކާރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ. އޭގެ ތެރޭގައި އީސާ ޝަރީފްގެ އެންމެ ކާމިޔާބު ގިނަ ފިލްމުތަކުގެ ބަތަލު ރީކޯ މޫސާމަނިކު، ޝީލާ ނަޖީބް، ޢަލީ ޝަމީލް، މުޙައްމަދު ރަޝީދު (ދަރާ ރަޝީދު)، މަރިޔަމް ނިޝާ، ވާޝިޔާ މުޙައްމަދު, އާމިނަތު ރިޝްފާ އަދި އަޒްލިފް ރައޫފް ހިމެނެއެވެ. މީގެ އިތުރުން އީސާ ޝަރީފްގެ އެއްމާބަނޑު ދެބެއިން ކަމަށްވާ ނައުރީން އަދި ނައުޝީން މި ފިލްމުން ވަރަށް މުހިންމު ބަޔަކުން ފެނިގެންދާނެއެވެ.

ގިނަ ބައެއްގެ ޝައުޤުވެރިކަން މިހާރުވެސް ދަމައިގެންފައިވާ “ކީއްވެ؟” ގެ ޓްރެއިލާއިން އެތައް ޖަޒުބާތުތަކަކާއި، ތަފާތު އިޙުސާސްތަކެއް އެކުލެވިގެންވާ އަސަރުގަދަ މަންޒަރުތަކެއް ފެނިގެންދާއިރު، އެއް ނަމަކުން ހާސް ސުވާލު އުފައްދާ މި ފިލްމުގެ ޓްރެއިލާ ނިމިގެންދަނީ ބެލުންތެރިންގެ ހިތްތަކުގައި “ކީއްވެ؟” ހޭ ބުނެ ބޮޑު ސުވާލު މާކެއް ޖައްސުވަމުންނެވެ.

ތަރިންގެ ހުނަރުވެރި އެކްޓިން އަދި މަންޒަރުތަކުގެ ޗާލުކަން ފާހަގަކޮށްލެވޭ މި ފިލްމުގެ ބޮޑު ބައެއް ޝޫޓްކޮށްފައިވަނީ ލާމު ގަމުގައެވެ. ޓްރެއިލާއިން ފެންނަ ގޮތުގައި މި ފިލްމަކީ އާއިލީ ލޯތްބާއި، ވަކިވުމުގެ ހިތާމައާއި، ކުޑަކުދިންގެ މައުސޫމްކަމުގެ އިތުރުން ސިހުން ގެނުވާފަދަ ހާދިސާތަކެއް އެކުލެވޭ ފުން ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. މަންޒަރުތަކުގެ ފުރިހަމަކަމާއި ބެކްގްރައުންޑް މިއުޒިކުން ގެނެސްދޭ އަސަރުން ފިލްމަށް ކުރެވޭ އިންތިޒާރު އިތުރަށް ވަނީ ބޮޑުވެފައެވެ.

މިވެސް ކިޔާލަން:  އަސްލަމް ރަޝީދުގެ "ކީއްވެ؟" ގެ ރަސްމީ ޓްރެއިލާ މާދަމާ ހެނދުނު ނެރެނީ!

ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ މަހުދީ އަޙްމަދެވެ.

އަސްލަމް ރަޝީދުގެ ސްލޭމް ސްޓޫޑިއޯއިން ކިޑް ޕްރޮޑަކްޝަންސް، ސެޓާން ސްޓޫޑިއޯ އަދި ނޫރް އެން މޫވީސްއާ ގުޅިގެން ގެނެސްދޭ “ކީއްވެ؟” އޮލިމްޕަސް ސިނަމާއަށް ގެނައުމަށް ނިންމާފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާންމުކުރި ޓްރެއިލާއާއެކު މިއީ ދިވެހި ސިނަމާއަށް އަންނާނެ ވަރަށް ފުރިހަމަ އަދި ތަފާތު އުފެއްދުމަކަށް ވާނެ ކަމަށް ބެލެވެއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top