​ހައްދު ފަހަނަ އެޅުމެވެ. މިހެން ބުނެފި ނަމަ އެންމެންގެ ވިސްނުމަށް އަންނާނީ، ތިބާއަށް ވެސް ތިޔަ ވިސްނުނު ގޮތަށެވެ. އެއީ ދީނީގޮތުން ހައްދު ފަހަނަ އެޅުމެވެ. މި ޖުމުލަ އެއްކޮޅަށް މާނަ ކޮށްފައި ނިންމައިލަންވީ ހެއްޔެެވެ؟ މިއަދު މިދެކޭ ކަންތައްތަކުގެ ސަބަބުން މި ޖުމުލަ އެއްކޮޅަށް މާނަ ކޮށްފައި ނިންމައިލުމަކީ އިންސާފެއް ކަމުގައި ނުދެކެމެވެ.

ހައްދު ފަހަނަ އެޅުމުގެ ލަފުޒީ މާނައަށް ބަލާލުމުން އެނގިގެންދަނީ، އޮންނަންވީ މިންވަރަށްވުރެ އިތުރުވުމަކީ ނުވަތަ މަދުވުމަކީ ހައްދު ފަހަނައެޅުން ކަމުގައެވެ. އެހެންކަމަށްވާނަމަ، ދީނީ ހައްދު ފަހަނައެޅުމަކީ ދީނުގައި ކަމެއް އޮތުމަށް ކަނޑައަޅުއްވާފައި މިންވަރަށް ވުރެ އިތުރުވުމެވެ. ނުވަތަ މަދުވުމެވެ. 

އާދެ! މިއަދު މި ކުޑަކުޑަ އަދި ސައްތައިން ސައްތަ އިސްލާމީ ޤައުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އިސްލާމް ދީނުގެ އުސޫލުތަކާއި މީހުން ދުރުވެ ހައްދު ފަހަނަ އަޅާފައިވާ މައްސަލައެވެ. މި ކުޑަ މުޖުތަމަޢު މިވަނީ ފަސާދަ ކުރުވަނިވި އަމަލުތަކުން ފުރި ބާރުވެ ނުތަކާވަރު ވެފައެވެ.

މާތް ﷲ ޙަރާމް ކުރައްވާފައިވާ ބޮޑެތި މުންކަރާތްތަކަށް އެއްވެސް ބިރެއްނެތި އަރައިގަންނަމުން ދަނީ “މަޑުކަށި” ފިކުރު ކަމަށް ދައުވާ ކުރަމުންނެވެ. މާތް ﷲ ޙަރާމް ކުރައްވާފައިވާ ކަންްކަން “މަޑުކަށި” ފިކުރަށް ވަނީ ކޮންފަދައަކުން ތޯ އެވެ.

ވައްކަން ކުރާމީހުން ވައްކަން ކުރަނީއެވެ. މަގުފޭރޭ މީހުން މަގުފޭރެނީއެވެ. ރޭގަނޑެއް ދުވާލެއް ތަފާތެއް ނެތެވެ. ރާ ބޯމީހުން ރާ ބޮނީއެވެ. މަސްތުވާތަކެތި ވިއްކާ މީހުން ފާޅުގައި އެ ވިއްކަނީއެވެ. އެ ބޯ މީހުން ބޮނީއެވެ. މާރާމާރީ ހިންގާ މީހުން ގޭންގު ހަދައިގެން މާރާމާރީ ހިންގަނީއެވެ. ޖެހިލުމެއްނެތި މީހުން މަރަނީއެވެ. ރޭޕްކުރާ މީހުން ކުޑައެއް ބޮޑެއް ނުބަލައި ރޭޕްކުރަނީއެވެ. 

ރަސްމީ ފަރާތްތަކުން  ބޮޑު އަދަދުން ހޭދަކޮށް މިއުޒިކް ޝޯތައް ބާއްވަނީއެވެ. ނުވިތާކަށް އެކަން ފަތުރަން މަސައްކަތް ކުރަނީއެވެ. ގައުމުގެ ކަމުވޮށިގެންވާ މީހުން ވެސް ފާޅުގައި ރިޝްވަތު ބަހަނީއެވެ. ރީތި ނަންނަމުގައި ރިބާ ކަނީއެވެ. ބުލެކް މެއިލް ކުރަނީއެވެ. އިސްލާމް ދީނަށް ފުރައްސާރަ ކުރަނީއެވެ. މިނިވަން ކަމުގެ ނަމުގައި އުނުއޮރިޔާން ނިވާނުކޮށް އުޅެނީއެވެ. އެއްވެސް ޖެހިލުމެއްނެތި މީހުންގެ ހައްގުތަކަށް އަރައި ގަންނަނީއެވެ. ހައްގަކައިނުލައި މީހުންގެ އަބުރު ކަތިލަނީއެވެ. 

ލިޔަން ހުރި ކަންކަން ލިޔެ ނިމުނީކީ ނޫނެވެ. މި ލިސްޓު ކިތަންމެ ދިގުކޮށް ވެސް ލިޔެވިދާނެއެވެ. ބަޔާންކުރެވި ދިޔަ އެންމެހާ ކަންކަމަކީ މިއަދު މި މުޖުތަމަޢުގައި ފާޅުކަން ބޮޑުގޮތެއްގައި ހިންގޭ އިސްލާމްދީނާއި ބީރައްޓެހި އަދި އެ ފާފަތަކުގެ ނުބައިކަން ބޮޑު ފާފަތަކެވެ. މިކަންކަން ކުރަނީ ދުރުން އައިސްގެން އުޅޭ ބަޔަކު ނޫނެވެ. މި ބިމަށް އުފަންވެ މުސްލިމުން ނަމުގައި ތިބި ދިވެހި ދަރިންނެވެ. 

މިވަރުން ނިމުނީކީ ނޫނެވެ. الله ތަޢާލާ ޝަރުޢު ކުރައްވާފައިވާ އަޅުކަންތަކުގައި ފަރުވާކުޑަކުރުން ވެސް  އިންތިހާއެވެ. އަޅުކަންތަކުގައި މީސްތަކުން ފަރުވާކުޑަވެ، ޣާފިލުވެފައިވާ މިންވަރު އެންމެ ރަނގަޅަށް ފެންނަ އެއްކަމަކީ ފަތިސްނަމާދުގައި މިސްކިތްތަކުގައި، ނަމާދަށް  އަތުރާލެވޭ ސަފުތަކެވެ. ފަތިސްނަމާދުގެ ޖަމާޢަތްތަކަށް ހާޟިރުވަނީ އިނގިލިން ގުނައިލެވޭހާ މަދުބައެކެވެ. އޭގެތެރޭގައި ވެސް މަދު މީހެއް ފިޔަވައި ދެން ތިބޭނީ އުމުރުން ދުވަސްވީ ހަރުމީހުންނެވެ. މުސްކުޅިންނެވެ.

ރަމަޟާން މަސް އަތުވެއްޖެ ނަމަ މުސްލިމުންގެ ނަމުގައި ތިބެ ފާޅުގައި ކައިބޮއި ހަދައިގެން މީހުން ހައްޔަރު ކުރާ ވާހަކައާއި، ހައްޖަށް ދާން ފައިސާދެއްކި މީހުންނަށް އޮޅުވައިލާ މަކަރު ހެދިވާހަކައެވެ. އަޅުކަންކަމާއި ވެސް ގުޅިފައިވާ މިފަދަ އެތައް އެތައް ކަމެކެވެ.

މި ކަންކަމުން އެންމެ ބޮޑަށް ހާމަވަނީ މި މުޖުތަމަޢުގައި އިސްލާމް ދީނާއި ދުރުވުމުގެ ސަބަބުން މީހުން ހައްދުފަހަނައަޅާފައިވާ މިންވަރެވެ. ދީނާއި ދުރުވެ އެހެނިހެން ފިކުރުތައް އަށަގަނެފައިވާ މިންވަރެވެ. ބަޔާންވެދިޔަ ކަންކަން ދިމާއަށް ހާމަކޮށް ފެންނަން ހުއްޓައި ދީނާއި ދުރުވެގެން ގޮސް ހައްދުފަހަނަ އެޅި މީހުންގެ ނުރައްކާ ޤައުމަށް ވަކި ކުޑަކަމުގައި ބުނާނީ ކޮން ހަމައަކުންތޯއެވެ. މި ވާހަކަ ވެސް ދައްކަން އެބަޖެހެއެވެ. 

ހައްލުކުރަން ބޭނުންނަމަ އެންމެ ފުރަތަމަވެސް އިސްލާމްދީނުގެ ޞައްޙަ ޢިލްމު ފުޅާދާއިރާއެއްގައި ފަތުރަން އެބަޖެހެއެވެ. މަދަރުސާގެ މާހައުލުގައެވެ. ކޮންމެ މީހަކު ވެސް އިސްލާމްދީނުގެ ޞައްޙަ ޢިލްމު އުނގެނެން އެބަޖެހެއެވެ. އިސްލާމްދީނުގެ ޢިލްމު އުނގެނުމަކީ މުސްލިމުންގެ މައްޗަށް ވާޖިބެކެވެ. ވީމާ އެކަން އެނގިހުރެ އެކަމަށް ފަރުވާކުޑަ ކުރުމަކީ ވެސް ހައްދު ފަހަނަ އެޅުމެކެވެ. ކަމާއި ގުޅުންހުރި ފަރާތްތަކުން ޒިންމާ ނުނަގައި މިކަމަށް އިހުމާލުވެއްޖެ ނަމަ ޤައުމުގެ މުސްތަޤުބަލު ބަނަވާނެކަމުގެ ސިގުނަލަކަށް ބަޔާންވެދިޔަ ކަންކަން ފުދޭ ނޫންތޯއެވެ؟

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.