ހދ. ނޮޅިވަރަމް ގައި މެދުނުކެނޑި 40 ރޭ ވަންދެން ޖަމާޢަތުގައި ފަތިސް ނަމާދު ކުރާ ކުދިންނަށް އިނާމު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
ހދ. ނޮޅިވަރަމް ގެ ޖަމިއްޔަތުއް ރިސާލާ އިން އިސްނަގައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ބޭނުމަކީ އެ ރަށުގެ ކުދިން ނަމާދު ކުރުމަށް ބާރުއަޅައި، އެ ރަށަކީ ވަގުތުން ވަގުތަށް ނަމާދުކުރާ ކުދިންތަކެއް އުޅޭ ރަށަކަށް ހެދުމެވެ. 40 ރޭ ޚާއްޞަކޮށްފައި މިވަނީ ޖެހިޖެހިގެން ގިނަ ރޭތަކެއްގައި ފަތިސް ނަމާދު ކޮށްފިނަމަ، އަމިއްލަ އަށް ވެސް ފަތިސް ނަމާދަށް ހޭލެވޭނެތީ އާއި ނަމާދަށް ހިތްޖެހި ފަރުވާތެރިކަމާއި އެކު ގަވާއިދުން ނަމާދު ކުރުމުގައި ދެމިހުރުމަށް އެހީއަކަށް ވެގެން ދާނެތީއެވެ.
ފަތިސް ނަމާދަކީ އެންމެ މަދު މީހުން ޖަމާޢަތަށް ޙާޟިރުވާ ނަމާދު ކަމުން، ޚާއްޞަކޮށް ފަތިސް ނަމާދަށް އަމާޒުކޮށްގެން ފެށި، މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ ހަމައެކަނި ނޮޅިވަރަމް ގައި ދިރިއުޅޭ ކުދިންނަށެވެ. އުމުރުން 10 އަހަރާއި، 15 އަހަރާއި ދެމެދުގެ ކުދިންނަށް މި ފުރުޞަތު މިހާރު ހުޅުވާލާފައި ވާއިރު، ބައިވެރިވާން ބޭނުން ކުދިން ނަން ނޯޓު ކުރުމަށް ނަންބަރެއް ވެސް ވަނީ ޚާއްސަކޮށްފައެވެ.
