އދ. މަހިބަދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ، މަހިބަދޫ ޒުވާނުންގެ 23 ވަނަ ފުޓްބޯޅަ މުބާރާތުގައި އެ ޓީމު ކުޅުނު ދެވަނަ މެޗު ވެސް ފަސޭހަކަމާއިއެކު ބޮޑު ތަފާތަކުން ޖިބިއްލީ ސްޕޯރޓްސް ކުލަބް ކާމިޔާބުކޮށްފި އެވެ.
މުބާރާތުގެ ފަސްވަނަ މެޗުގައި މިއަދު ބައްދަލުކުރީ ޖިބިއްލީ ސްޕޯރޓްސް ކުލަބާއި އަޒިއޯން ޖޫނިއާރ އެވެ. ގުރޫފް އޭގައި ހިމެނޭ މި ދެ ޓީމު މި މެޗަށް ނުކުތްއިރު ވެސް ދެ ޓީމަށް ވަނީ ސެމީ ފައިނަލްގެ ޖާގަ ޔަގީންވެފަ އެވެ.
ގުރޫޕްގެ އެއްވަނަ ހޯދަން ދެ ޓީމުން ވެސް ނުކުތް މި މެޗު ލީޑުކުރީ ޖިބިއްލީއިން ނެވެ. ކުޅުނު ފުރަތަމަ މެޗު ވެސް ފަސޭހަކަމާއިއެކު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައިވާ ޖިބިއްލީގެ ފަރާތުން މި މެޗުގައި ފެނުނީ މޮޅު ކުޅުމެކެވެ. މެޗުގެ ފުރަތަމަ ލަނޑު ޖިބިއްލީއަށް ކާމިޔާބުކޮށްދިނީ ޢަބްދުﷲ މިދުހަތު ފަހުމީ އެވެ. މެޗުގެ 19 ވަނަ މިނިޓްގައި ޖިބިއްލީއަށް ލީޑު ފުޅާކޮށްދިނީ އިސްލާމް ފެކްރީ ގަބައްލާ އެވެ.
ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުންދިޔަ އަޒިއޯން ޖޫނިއާރއިން ލަނޑެއް ޖެހުމުގެ ކުރިން، ކާއިން ޢަބްދުﷲ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕްރިންސް ބޯޑު ޖިބިއްލީގެ ތިންވަނަ ލަނޑު ޖަހައިދިނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ޢަލީ އިސްފާގް ހަސަން މަޖީދު ޖިބިއްލީގެ ހަތަރުވަނަ ލަނޑު ޖެހިއެވެ.
ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި ޖިބިއްލީއިން ވަނީ މޮޅު ކުޅުމެއް ދައްކައި އިތުރު ހަތަރު ލަނޑު ޖަހައިފަ އެވެ. ދެވަނަ ހާފުގެ ކުރީކޮޅު މުޙައްމަދު އަހަދުﷲ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޢަލީ އިސްފާގް ހަސަން މަޖީދު އޭނާގެ ދެވަނަ ލަނޑު ޖެހި އެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ޖިބިއްލީއިން އެ ޓީމުގެ ހަވަނަ ލަނޑު ޖެހީ މެޗުގެ 64 ވަނަ މިނިޓްގައި ޕްރިންސް ބޯޑު އެވެ.
ޤައުމީ ފުޓްބޯޅަ ޓީމަށް ވެސް ކުރިން ކުޅެފައިވާ ހުސައިން ނިޔާޒް މުޙައްމަދު ވެސް ވަނީ މި މެޗުގައި ޖިބިއްލީއަށް ލަނޑެއް ޖަހައިދީފަ އެވެ. ޖިބިއްލީއިން މެޗުގައި ޖެހި އަށްވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިސްލާމް ފެކްރީ ގަބައްލާ އެވެ. މިއީ އޭނާ މި މެޗުގައި ޖެހި ދެވަނަ ލަނޑެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ހަ ޕޮއިންޓް ހަމަކޮށް ޖިބިއްލީއިން ވަނީ ގުރޫޕްގެ އެއްވަނަ ޔަގީންކޮށްފަ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖިބިއްލީ ސްޕޯރޓްސް ކުލަބްގެ އިސްލާމް ފެކްރީ ގަބައްލާ އެވެ.
މި މުބާރާތުގެ މެޗެއް މާދަމާ ވެސް އޮންނާނެ އެވެ. މި މެޗުގައި ބައްދަލުކުރާނީ އެންޓީ ޔުނައިޓެޑާއި ޖިބިއްލީ ޖޫނިއާސް އެވެ. ގުރޫޕް ބީއިން ސެމީ ފައިނަލަށްދާ ދެވަނަ ޓީމާއި މި ގުރޫޕްގެ އެއްވަނަ ޓީމު އަދި ދެވަނަ ޓީމު ޔަގީންވާނީ މި މެޗަށްފަހު އެވެ.
