ބައިސްކޯފުން ދެއްކުމަށް ‘ކިޑް ޕްރޮޑަކްޝަން’ އިން އުފައްދަމުން އަންނަ ވެބް ސީރީޒް ހަނާގެ ވަރަށް ގިނަ ވާހަކަތައް މުނިއަވަސް އިން މިހައިތަނަށް ދެކެވިއްޖެއެވެ. ނަމަވެސް “ހަނާ”ގެ ވާހަކަ ލިޔުންތެރިޔާ އާބެހޭ މާގިނަ މަޢުލޫމާތެއް އަދި މިވަނީ ހާމަ ނުކުރެވިއެވެ. އެހެންކަމުން މުނިއަވަސްގެ ކިޔުންތެރިންނާ ހަމައަށް “ހަނާ” އުފަންކުރި ލިޔުންތެރިޔާ ގެނެސްދޭނަމެވެ.

“ހަނާ” ސީރީޒްގެ ވާހަކަ ލިޔުނީ މި ސީރީޒް އުފެއްދުމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްކުރުމާ ހަވާލުވެހުރި، މަޝްހޫރު ކެމެރާމަން އަދި އެޑިޓަރ ޢަލީ ރަޝީދު (ގޮޅާ)ގެ އަންހެނުން އާމިނަތު ރިނާޒާ (ރިނާ) އެވެ.

ވެބް ސީރީޒް “ހަނާ” އަކީ މުނިއަވަސް އިން ޑްރާމާ ސީރީޒެއްގެ އޮންލައިން މީޑިއާ ޕާޓްނަރުކަން ކުރާ ފުރަތަމަ ސީރީޒެވެ. އެހެންކަމުން މި ސީރީޒާއި ގުޅުންހުރި ފަރާތްތަކުގެ ޚާއްޞަ ބަސްދީގަތުންތަކެއް ގެނެސްދޭން އަޅުގަނޑުމެން މިވަނީ ނިންމާފައެވެ.

“ހަނާ” ގެ އެޑިޓިން ރޫމުގައި ރިނާޒާ އާއި އައްޔަ – ފޮޓޯ: ހަނާ ޑްރާމާ ޓީމް

ފުރަތަމަވެސް އަހައިލަން ބޭނުންވަނީ “ހަނާ”ގެ ވާހަކައަކީ ކޮންކަހަލަ ވާހަކައެއްހޭ. ކިޔުންތެރިންނަށް “ހަނާ” ގެ ވާހަކައާމެދު މަޢުލޫމާތުކޮޅެއް ދީފާނަންތަ؟

ޑްރާމާ ސީރީޒް “ހަނާ”ގެ ވާހަކައަކީ ތިނެސްކަން ލޯބީގެ ވަރަށް އަސަރުގަދަ ވާހަކައެއް. މިއީ އަމްޖޭގެ ޕްލޮޓެއްގެ މައްޗަށް ބިނާކޮށް އަޅުގަނޑު ލިޔުނު 13 އެޕިސޯޑްގެ ޑްރާމާ ސީރީޒެއް.

ސީރީޒް އެއް ވީމަ، ވާހަކަ ބިނާކުރުމުގަ މައިގަނޑު ގޮތެއްގަ ވިސްނުން ބެހެއްޓީ ކޮން ކަންތައްތަކަކަށް؟

ސީރީޒެއް ވީމަ އެންމެ ބޮޑަށް ބެލީ ކޮންމެ އެޕިސޯޑެއްވެސް ނިންމާލާއިރު، ސަސްޕެންސްކޮށް ނިންމާލަން. އޭގެ ބޭނުމަކީ ޑްރާމާގެ ދެން އޮންނަ އެޕިސޯޑަށް ބެލުންތެރިންގެ ޝައުޤު އިތުރުކުރުވުން.

ރިނާ ވާހަކަ ލިޔަން ފެށީ ކޮން އިރަކު؟

ކުރިންވެސް ވާހަކަލިޔެ އުޅެން. އެކަމަކު ފިލްމަކަށް ވާހަކަލިޔަން ފެށުނީ 2011 ވަނަ އަހަރުގެ ތެރޭގަ… އެގޮތުން ދިވެހި ފިލްމު “ހިތޭ ދޭމީ” އަކީ އަޅުގަނޑުގެ ވާހަކައަކަށް އަމްޖަދު އިބްރާހިމް ޑައިރެކްޓްކުރި ފިލްމެއް….. އެ ވާހަކަ އަކީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއަކަށް ދިމާވި ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އަޅުގަނޑު ލިޔުނު ވާހަކައެއް.

“ހަނާ” ޑްރާމާ ސީރީޒްގެ ވާހަކަލިޔަން ފުރުޞަތު ލިބުނީ ކިހިނެއް؟

13 އެޕިސޯޑްގެ ޑްރާމާ ސީރީޒް “ހަނާ”ގެ ވާހަކަ ލިޔުނީ ހުސައިން މުނައްވަރު އަޅުގަނޑަށް ދިން ފުރުޞަތަކުން.”

“ހަނާ” ގެ ޕްރޮޑިއުސަރ ހުސެން، އައްޔަ އަދި ރިނާޒާ – ފޮޓޯ: ހަނާ ޑްރާމާ ޓީމް

“ހަނާ” ޑްރާމާގެ ތަރިންގެ އެކްޓިން އާމެދު ރިނާ ބުނެލާނީ ކީކީ؟

 މި ޑްރާމާގެ ފައިނަލް އެޑިޓް ހަދާފައިވަނީ ލަންކާގަ އަޅުގަނޑު ވެސް ކައިރީގަ ހުރެގެން ކަމަށް ވާތީ މި ޑްރާމާ އެއްކޮށް ބަލައިލުމުގެ ފުރުސަތު އަޅުގަނޑަށް ވަނީ ލިބިފަ. އެހެންކަމުން މި ޑްރާމާގައި ހަރަކާތްތެރިވި ހުރިހައި ތަރިންގެ އެކްޓިންއާ މެދު ބުނެލަން އޮތީ ހުރިހައި ތަރިންގެ އެކްޓިންވެސް ހަމަ މޮޅުކަމަށް. ޚާއްޞަކޮށް ޑްރާމާގެ ލީޑް ބައި ކުޅޭ ނޫރާގެ އެކްޓިން ފާހަގަކޮށްލަން.

ދެން އެންމެ ހިތްހަމަޖެހެނީ ސްކްރިޕްޓާއި އެއްގޮތަށް ހުރިހާ ބައިވެރިންވެސް ޑައިލޮގުތައް ގެނެސްދީފައިވާތީ. އަދި ހަމަ އެހެންމެ މި ފުރުޞަތުގައި އަމްޖޭއަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކޮށްލަން ބޭނުންވޭ. ސަބަބަބީ އަޅުގަނޑު ހަދާފައިވާ ސްކްރީންޕްލޭއާއި އެއްގޮތަށް އަމްޖޭ ޑައިރެކްޝަން އޭގެ އެންމެ ފުރިހަމައަށް ގެނެސްދީފައިވާތީ.

“ހަނާ” ޑްރާމާ ސީރީޒް ބަލަންޖެހޭ ސަބަބަކީ ކޮބާ؟

ޑްރާމާ ސީރީޒް “ހަނާ” ބަލަންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ މި ޑްރާމާ ސީރީޒްއަކީ މިހާރުގެ މުޖުތަމައާ ވަރަށް ގުޅުންހުރި، އަދި ބެލުންތެރިންނަށް ވަރަށް ރަނގަޅު މެސެޖެއް ލިބިގެންދާނެ ޑްރާމާ ސީރީޒަކަށް ވާތީ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.