މި ލިޔުމުގައި އަޅުގަނޑު ކިޔުންތެރިންނަށް ތިލަކޮށްދޭން މަސައްކަތްކޮށްފައި މިވަނީ ފީނައިގެން ރާއްޖޭގެ ފަރުތަކުން ކެއުމަށް ނަގައި އުޅޭ ބައެއް ބާވަތްތަކުގެ ބޮލިތަކުގެ ނަންތަކެވެ. އަދި އެ ބޮލިތަކާއި ގުޅުންހުރި ބައެއް މަޢުލޫމާތެވެ. މި ލިސްޓުގައި އަޅުގަނޑު ހިމަނާފައި މިވަނީ ހަނިމާދޫގައި މި ބޮލިތަކަށް ކިޔައިއުޅޭ ނަންތަކެވެ. ފަހަރެއްގައި ރާއްޖޭގެ އެހެން ހިސާބުތަކުގައި ކިޔައި އުޅޭ ނަންތަކާއި މި ރަށުގައި ކިޔައި އުޅޭ ނަންތަކާއި ތަފާތު ހުުރުމަކީ އެކަށީގެންވާ ކަމެކެވެ.

ހަންދަ

ހަންދަ – ފޮޓޯ: މުނިއަވަސް

ހަންދައަކީ ފިހެގެން ކެއުމަށްޓަކައި ފަރުތަކުން ނަގައިއުޅޭ އެންމެ އާންމު އެއް ބޮއްޔެވެ. ފިހެލުމުން މީގެ މަސްގަނޑުގައި މީރު ރަހައެއް ހުންނަ މި ބޮއްޔަކީ ފުއްޓަރު ފަރާތުންނާއި އަދި ރަށުގެ ފަޅު ފަރާތު ތޮށިންވެސް ފެންނަ ބޮއްޔެކެވެ. މި ބޮލީގެ ސިފަތަކަށް ބަލައިލާއިރު ބަދަމަތީގައި ކަށިތަކެއް ހެން އުފުލިފައި ހުންނަ ބައިތަކެއް ހުރެއެވެ. ގޮޅާ އާއިލާއަށް ނިސްބަތްވާ މި ބޮއްޔަކީ އެހައި ބޮޑުވާ އެއްޗެއްނޫނެވެ. ރާއްޖޭގެ ބައެއް ހިސާބުތަކުގައި މި ބޮއްޔަށް ސަނދަރަ، ހަނދަރަ އަދި ކަށިގޮލާ ވެސް ކިޔައެވެ.

ރާކަނި

ރާކަނި – ފޮޓޯ: މުނިއަވަސް

ރާކަންޏަކީ ފަރުތަކުން ކެއުމަށް ނަގައިއުޅޭ ބޮލިތަކުގެ ތެރެއިން ދިވެހިންގެ ތެރޭގައި މަގުބޫލުކަން ބޮޑު ބޮއްޔެކެވެ. ރާކަނީގެ ތިން ވައްތަރެއް ފެނެއެވެ. މީގެތެރޭގައި ބުޅިރާކަނި، ތެދުރާކަނި އަދި ބޮޑުރާކަނި ހިމެނެއެވެ. 

ބުޅި ރާކަނި އެންމެ ބޮޑެތިކޮށް ފެންނަނީ ހަ ވަރަކަށް އިންޗީގެ އެއްޗެއްސެވެ. މި ބޮލީގެ ކައިރިފަށުގައި ބަޅުކޮށް ހުންނަ އިނގިލި ތަކެއް ހުރެއެވެ. މި ބޮލި އާނމުކޮށް ފެންނަނީ ތޮށިމަތިންނެވެ.

ރާކަނި އާއިލާގެ ތެރެއިން ތެދުރާކަނި ކިޔައިއުޅޭ ރާކަނި ވެސް ބޮޑުމިނުގައި ހަމަ ބުޅިރާކަންޏާ ތަފާތެއް ނުހުރެއެވެ. މި ރާކަނި އާންމުގޮތެއްގައި ފެންނަނީ މެދުފަޅު ތެރެއިންނެވެ. މި ރާކަނީގެ ކައިރިފަށުގައި ހުންނަ އިނގިލިތައް ހުންނަނީ ތެދަށެވެ. މި ދެ ރާކަނި ވެސް ފިހެލުމުން މަސްގަނޑުގައި ލާނީ ހަަމަ ދާދި އެއްރަހައެކެވެ. 

ބޮޑު ރާކަނި ކިޔައި އުޅެނީ މި އާއިލާގެ ބޮޑެތި އެއްޗެއްސަށެވެ. މި ރާކަނީގެ ބޮޑުމިނުގައި ގާތްގަނޑަކަށް އެއް ފޫޓު ވަަރު ހުރެއެވެ. ބުޅިރާކަނި އަދި ތެދުރާކަންޏެކޭ އެއްގޮތަށް މި ރާކަނީގެ ކައިރި ފަށުގައި ވެސް އިނގިލިތަކެއް ގޮތަށް އުފުލިފައި ހުރެއެވެ. ނަމަވެސް މި ރާކަނީގެ އިނގިލިތައް އަނެއް ދެ ރާކަންޏާއި އަޅައިބަލާއިރު ކުރުވާނެއެެވެ. އާންމުކޮށް މި ރާކަނި ފެންނަނީ އުރަފަށް ފަދަ ފުން ހިސާބުތަކުންނެވެ. 

ދޮންބިބީ

ދޮންބިބީ – ފޮޓޯ: މުނިއަވަސް

ހަނިމާދޫގައި މި ބޮއްޔަށް ކިޔައި އުޅޭ އެންމެ އާންމު ނަމަކީ ދޮންބިބީއެވެ. ނަމަވެސް ފޫއެނބުރި ކިޔައިއުޅޭ އަޑުވެސް ކޮންމެވެސް ވަރަކަށް އިވެއެވެ. ކެއުމަށް ބޭނުންކުރާ މި ބޮލި ގިނައިން ފެންނަނީ ތޮށިމަތިންނެވެ. ތޮށީގެ އެއްގަމު ކައިރިން މި ބޮލި ފެންނަ މިންވަރު އިތުރުކަން ފާހަގަ ކުރެވެއެވެ. ކޯނެއްގެ ބައްޓަމަށް އޮންނަ މި ބޮލީގެ ބުރަކަށިމަތި ގަދަ މުށިކުލައަށް ހުންނައިރު ބޮލީގެ އަނގަމަތި ފަޅި ހުންނަނީ ހުދުކުލައިގައެވެ. މިއީވެސް ފިހެލުމުން މީގެ މަސްގަނޑުގައި މީރު ރަހައެއްލާ ބޮއްޔެކެވެ. ރާއްޖޭގެ ގިނަ ހިސާބުތަކުގައި މި ބޮއްޔަށް ފޫ އެނބުރި ކިޔައި އުޅުނު ނަމަވެސް މި ބޮއްޔަށް މޯރަ ވެސް ކިޔައި އުޅެއެވެ.

ކަށިގޮޅާ

ކަށިގޮޅާ – ފޮޓޯ: މުނިއަވަސް

ގޮޅާ އާއިލާއަށް ނިސްބަތްވާ ކަށިގޮޅަލަކީ ވެސް ފިހެގެން އޭގެ މަސް ކެއުމަށްޓަކައި ފަރުމަތިން ނުވަތަ ތޮށިމަތިން ނަގައި އުޅޭ ބޮއްޔެކެވެ. ވަރަށް ވަރުގަދަ ރަހައެއް ހުންނަ މި ބޮއްޔަކީ ވަރަށް ހަރު ތޮށިގަނޑެއް އޮންނަ ބޮއްޔެކެވެ. ބޮލީގެ ބުރަކަށި މަތީގައި ހަރު ކަށިތަކެއް ކަހަލަ ބައިތަކެއް ހުރެއެވެ.

މިއީ ފަރުތަކުން ކެއުމަށް ނަގައި އުޅޭ ބައެއް ބޮއްޔެވެ. މީގެ އިތުރުން ވެސް ކެއުމަށް ބޭނުންކުރާ ބައެއް ބޮލި ހުރެއެވެ. ބޮލީގެ އާއިލާއަކީ ބޮޑު އާއިލާއަކަށް ވާއިރުގައި ބައެއް ބާވަތްތަކުގެ ބޮއްޔަކީ ކެއުމަށް ރައްކާތެރި ނޫން ބޮލިކަން ފާހަގަކުރެވެއެވެ. ވުމާއިއެކު ފަރުތަކުން ނަގައި އުޅޭ ކޮންމެ ބޮއްޔެއް ނަގައިގެން ކެއުމުގެ ކުރިން އެ ބޮއްޔަކާއި ގުޅޭ މަޢުލޫމާތު ހޯދުން މުހިންމު ކަމުގައި ދެކެމެވެ.​

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.