ހިމޭން ދަންވަރެކެވެ. ހެނދުނުއްސުރެން ރޭގަނޑު އެގާރަ ބާރަ ޖަހަންދެން ކާރޫބާރޫ ބޮޑު މަޖީދީމަގު އޮތީ ނިދާފައެވެ. ދުއްވާއެއްޗެއްގެ ހިލަމެއްވެސްވަނީ ވަރަށް މަދުންނެވެ. ތިން ދުވަސް ވަންދެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މުޅި މާހައުލުވަނީ ފިނީގެ ސަބަބުން މަޑުމޮޅިވެފައެވެ.

މަޖީދީމަގުން ހުޅަނގުން އިރަށް ހިނގާފައިދިޔަ ޒުވާނާއަށް ފިނިވެސް ނުވާކަހަލައެވެ. އުމުރުން 21 ވަރަކަށް އަހަރަށްދާނެކަމަށް ލަފާކުރެވޭ އެ ޒުވާނާ ހިނގަމުންދިޔައީ ވަރަށް ބާރަށެވެ. ކޮންމެވެސް އިމަޖެންސީ އެއް ކުރިމަތިވެގެން އަވަސް އަރުވާލައިގެން އުޅޭހެން ހީވެއެވެ. ބާރަށް ހިނގަމުންދިޔަ އެ ޒުވާނާ، މަޖީދީމަގާއި ޗާންދަނީމަގު ޖަންކްޝަން ސަރަޙައްދުގައި ހުންނަ ކަފިހި ހުރަސް ކައިރީގައި މަޑުކޮށްލިއެވެ. މަގު ހުރަސްކުރަން އަރާ ނިޝާން، ލައިޓަށް އަރާނެ ވަގުތަކަށް އިންތިޒާރު ކުރަންފެށިއެވެ.

މާގިނައިރަކު މަޑުކުރާކަށް ނުޖެހުނެވެ. ނިޝާން ދިއްލިއްޖެއެވެ. އެވަރުންވެސް މަގުގެ ދެކޮޅަށް ރަނގަޅަށް ބަލައިލުމަށްފަހު އެ ޒުވާނާ މަގުހުރަސްކުރުމަށް ހިނގައިގަތެވެ. ނަމަވެސް އޭނާ ހިނގައިގަތްތައް އިރުކޮޅެއްވެސް ނުވާނެއެވެ. އާދަޔާޚިލާފު ބާރު ސްޕީޑެއްގައި ދުއްވާފައިއައި ކާރެއް އައިސް އޭނާގެ ގައިގައި ޖެހިއްޖެއެވެ. ކާރު އައިނައި ދިމާއެއްވެސް ނޭނގެއެވެ. ކާރު އައީ އެހާވެސް ބާރަށެވެ. ކާރުގޮސް އެ ޒުވާނާގެ ގައިގައި ޖެހުނީވެސް އެހާމެ ބާރަށެވެ. ކުއްލިއަކަށެވެ. ޒުވާނާ ވިއްސައިގެންގޮސް ޖެހުނީ ޔުނިފޯމު ވިއްކާ ފިހާރައެއްގެ ދޮރުމައްޗަށެވެ. ޕޭވްމަންޓް މައްޗަށް ޖެހުމާއިއެކު ކަހައިގެންގޮސް އެތައް ހިސާބަކަށް ދިޔައެވެ.

ޒުވާނާއަށް އެވަރުވީއިރު ކާރު އޮބާލައި ހިނގައްޖެއެވެ. އެ ހިސާބުގައި އެވަގުތު ތިބި ހައެއްކަވަރަކަށް މީހުންނަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. އެއްމެން އެދިމާއަށް ދުއްވައިގަތެވެ. އެހިސާބަށް އެއްމެ ފުރަތަމަ ދެވުނު އަންހެންމީހާ، ކަނޑާލި ރުކެއްހެން އެހިސާބަށް ވެއްޓިއްޖެވެ. އެއްބަޔަކު އެ އަންހެންމީހާ އަތުލަފިކޮށްގެން ނަގައިގަތެވެ. އަނެއްބަޔަކު އެކްސިޑެންޓްގައި ވިއްސައިގެންދިޔަ ޒުވާނާއާއި ދިމާއަށް އަވަސްވެގަތެވެ. އެ ޒުވާނާ ފެނިފައި ކޮންމެ މީހެއްގެ އަނގައިން އެއްމެ ފުރަތަމަވެސް ބޭރުވަނީ ޝަހާދަތުގެ ދެކަލިމައެވެ. ނުވަތަ ކޮންމެވެސް ހެޔޮއެއްޗެކެވެ. ބައެއް މީހުން ބިރުން ރޯންވެސް ފަށައިފިއެވެ.

“މުޅި ސިކުނޑި އެއްކޮށް ނުކުމެފަ އެއޮތީ!!” އެތަނުން އެކަކު ބުނެލިއެވެ.
“ކޮންމެހެން އެންބިއުލާންސަށް ނުގުޅިގެން އުޅޭނެކަމެއްނެތް. އެކުއްޖާއެއްވާ މިދުނިޔެއަކު ނެތް….. އިއްނާ ލިﷲ ވައިއްނާ އިލައިހި ރާޖިޢޫން” ދެބައި އުމުރުގެ މީހަކު ފޯނެއް ކަންފަތުގައި ޖަހައިގެން ހުރި ޒުވާނާއަށް މުޚާޠްބުކުރަމުން ބުންޏެވެ.
ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.