ކޮރޮނާ ވައިރަސްއާއި ގުޅިގެން އެކި ޤައުމުތަކުގައި ކިޔަވަންތިބި ދަރިވަރުންގެ ހާލަތު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން އަންނަނީ ވަރަށް ގާތުން ބަލަމުން ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޮނާ ވައިރަސްއާއި ގުޅިގެން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން އަންނަނީ ދަރިވަރުންގެ ހާލަތު ވަރަށް ގާތުން ބަލަމުން ކަމަށާއި ކޮރޮނާ ވައިރަސް ޗައިނާގައި ފެތުރެން ފެށުމާއިއެކު މިނިސްޓްރީގެ ލޯނާއި ސްކޮލަރޝިޕް ސްކީމްގެ ދަށުން ކިޔަވަމުންދާ ދަރިވަރުންގެ މައުލޫމާތު ވާނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި ހިއްސާ ކުރެވިފައި ކަމަށް އެ މިނިސްޓްރީން ހާމަކުރައްވައެވެ. މީގެ އިތުރުން ޗައިނާގެ ހޫބެއި ޕްރޮވިންސްގެ، ވޫހާން ސިޓީގައި ކިޔަވަމުންދާ ދަރިވަރުންނަށް ގުޅާ، ދަރިވަރުންގެ ހާލަތު ކައިރިން ބަލަމުން އަންނަކަންވެސް އެ ވުޒާރާއިން ފާހަގަކުރައްވައެވެ. އެގޮތުން، ސީދާ ދަރިވަރުންނާ ގުޅާ އަދި ދަރިވަރުން ކިޔަވަމުންދާ މަރުކަޒުތަކާއި ގުޅާ ދަރިވަރުންގެ ހާލުވަނީ ދެނެގަނެވިފައެވެ.

“އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ވޫހާން ސިޓީގައި ތިބި ދަރިވަރުންގެ ހާލު ރަނގަޅެވެ. މިވަގުތު ޗައިނާގައި ސަރުކާރުގެ ލޯނު އަދި ސްކޮލަރޝިޕްތަކުގައި ކިޔަވަމުންދަނީ، ވުހާން ސިޓިގައި ތިބި 6 ދަރިވަރުންނާއި، ޗައިނާގެ އެހެނިހެން ސަރަހައްދުތަކުގައި ކިޔަވަމުންދާ 44 ދަރިވަރުންނާއިއެކު ޖުމްލަ 50 ދަރިވަރުންނެވެ.” މިނިސްޓްރީން މީޑިއާތަކާ ހިއްސާކުރި ޕްރެސްއެއްގައި ފާހަގަކުރެއްވިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ އިލްތިމާސް އަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެދިލައްވައިފައިވާ ގޮތުގެމަތިން ޗައިނާގައި ކިޔަވަމުންދާ ދަރިވަރުންނާއި، ދަރިވަރުންގެ އާއިލާވެސް ޗައިނާގެ އެމްބަސީއަށް ގުޅުއްވާ ރަޖިސްޓްރީވުމަށާއި ވޫހާން ސިޓީގައި ތިބި ބޭރުގައުމުތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށް އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ދެއްވާކަމަށްވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެެެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވި ކަމާއިއެކު މިވައިރަސް ފެތުރެމުންދާ މި ދަނޑިވަޅުގައި، އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ހާލަތްތަކުގައި އެކަންކުރުމަށްޓަކައި، އެ ގައުމެއްގައި ތިއްބެވި ދިވެހިން، އެފަރާތްތަކާއި ގުޅޭނެ މައުލޫމާތު މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ނުވަތަ އެ ގައުމެއްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާއި ހިއްސާކުރެއްވުމަށް ވެސް އެ މިނިސްޓްރީން އިލްތިމާސްކުރައްވައެވެ. އަދި އެމްބަސީތަކުންދޭ އިރުޝާދުތަކަށް ހުރިހާ ދަރިވަރުންވެސް ސަމާލުވުމަށްވެސް އިލްތިމާސްކުރައްވައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.