ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ދަރިވަރުންގެ ޕޯޓަލް މެދުވެެރިކޮށް ފައިސާދެއްކި ތަފްސީލު ބެލޭނެގޮތް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ހަމަޖައްސައި ދެއްވައިފިއެވެ.

ޖެނުއަރީ މަހުގެ  ތިރީސްވަނަ ދުވަހު ތައާރަފުކުރެވުނު ޕޯޓަލްއަކީ myedu.egov.mv އެވެ. މިޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ކުރިން އޮތް ނަމަވެސް ފައިސާދެއްކިގޮތުގެ ތަފްސީލު ބެލޭނޭ ގޮތް މިހާރުވަނީ ހަމަޖެހިފައެވެ. 

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރައްވާގޮތުގައި އެ މިނިސްޓްރީގެ އަމާޒަކީ ޑިޖިޓަލް (ސުމޭކް) ކޮށް މަސައްކަތްތައް ބައްޓަންކޮށް މަޢުލޫމާތު ޕްރޮސެސްކުރުމަށް ނަގާ ވަގުތު މަދުކޮށް ދަރިވަރުންނަށް އަވަސް ޚިދުމަތެއް ދިނުމެވެ. ހަމަ އެހެންމެ ގިނަ ދަރިވަރުންނަށް މި ފުރުސަތު ފަހިކޮށްދިނުމާއި އަދި ދަރިވަރުންނަށް ދޫކުރާ ފައިސާއަށް ދަރިވަރުން ޒިންމާވާކަން ކަށަވަރުކުރުމަށް ކަމަށް އެ މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލަށް އަމަލު ކުރަން ފަށާފައިވަނީ މިދިޔަ އަހަރު ފެބްރުއަރީ މަހުގެ ތެރޭގައެވެ. އަދި ހަމަ އެހެންމެ މި ސްކީމުން ޚަރުދަނާކުރުމުގެ ގޮތުން މިދިޔަ އަހަހަރުގެ ޖޫންމަހު މި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. 

މި ސްކީމު ފެށިގެން އައިއިރު ބައެއް ކުދިން ޖެނުއަރީ މަހުގެ ފީ ދައްކާފައިވާތީ ސަރުކާރުން ވަނީ އެކުދިންގެ ފީ ރިފަންޑް ކޮށް ދިނުމަަށް ނިންމާފައެވެ. އެގޮތުން ދަރިވަރުން ދައްކާފައިވާ ފީގެ ތަފްސީލާއެކު މިނިސްޓްރީއަށް ހުށަހެޅުމުން ކަނޑައެޅިފައިވާ ސްޓޭޓް ރޭޓުން ވަނީ އެފައިސާ ރިފަންޑްކޮށްދީފައެވެ. އެގޮތުން މިހާތަނަށް ރިފަންޑްގެ ގޮތުގައި 28 މިލިއަނަށް ވުނެ ގިނަ ރުފިޔާ ދަރިވަރުންނާއި ހަވާލުކޮށްފައި ވާނެކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. 

މީގެ ކުރިން މި ސްކީމް ތަންފީޒުކުރުމަށްޓަކައި އެ ދަރިވަރަކު ކިޔަވާ މަރުކަޒުތަކަށް ފައިސާ ދޫކުރާ އުސޫލު އޮތް ނަމަވެސް މިހާރުވަނީ ސީދާ ދަރިވަރުންނަށް ފައިސާ ދޫކުރުމަށް ހަމަޖައްސާފައެވެ. މިނިސްޓްރީން މަޢުލޫމާތުދެއްވާ ގޮތުގައި އެގޮތަށް އަމަލުކުރަން ޖެހުނީ މަރުކަޒުތަކުން އިންވޮއިސް ލިބުން ލަސްވުމާއި ގުޅިގެން އިދާރީ މަސައްކަތްތަކަށް ބުރޫއަރަމުން ދިއުމުގެ ސަބަބުންނެވެ. މި ސްކީމް ތަންފީޒުކުރުމަށް މިނިސްޓްރީން ވަނީ ތިރީސް ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ މަރުކަޒުތަކާއި ހަވާލުކޮށްފައެވެ.​

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.