ބުންޑަސްލީގާގައި ރޭ ޔޫނިއަން ބާލިން ގެ މައްޗަށް 5-0 ގެ ނަތީޖާއަކުން ބޮރޫސިއާ ޑޯޓްމަންޑް މޮޅުވި މެޗުގައި، ޖޭޑަން ސަންޗޯ އަދި އާލިން ހާލަންޑް ރެކޯޑު ހަދައި ބުންޑަސްލީގާގެ ތާރީޚުން ޖާގަ ހޯދައިފިއެވެ.

ޑޯޓްމަންޑް ގެ ދަނޑުގައި ކުޅުނު މި މެޗުގައި ޑޯޓްމަންޑުން ޖެހި ފަސް ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ނިމިދިޔަ ފިނިމޫސުމުގެ ޓްރާންސްފަރ ބާޒާރުގައި އެޓީމާއި ގުޅުނު ޒުވާން ހުނަރުވެރި ފޯވާޑް އާލިން ހާލަންޑް އެވެ. ޑޯޓްމަންޑްގެ އަނެއް ތިން ގޯލު ޖެހީ މާކޯ ރޮއިސް، ޖޭޑަން ސަންޗޯ އަދި އެކްސެލް ވިޓްސެލް އެވެ.

މި މެޗުގައި ހާލަންޑް ޖެހި ދެ ގޯލާއިއެކު، އޭނާ ވެފައިވަނީ ބުންޑަސްލީގާގެ ތާރީޚުގައި ކުޅުނު ފުރަތަަމަ ތިން މެޗުގައި ހަތް ގޯލު ޖެހި ފުރަތަަމަ ކުޅުންތެރިޔާ އަށެވެ. ފިނިމޫސުމުގެ ޓްރާންސްފަރ ބާޒާރުގައި މިދިޔަ ޖެނުއަރީމަހު ހާލަންޑް ޑޯޓްމަންޑާއި ގުޅުނު ނަމަވެސް، އޭނާ މިހާރު ވަނީ ބުންޑަސްލީގާގެ ގޯލު ލިސްޓުގެ ދިހަވަނަ އަށް އަރާފައެވެ.

ހާލަންޑް އަދި ސަންޗޯ / ފޮޓޯ: ގެޓީ އިމޭޖެސް

އުމުރުން 19 އަހަރުގެ ޑޯޓްމަންޑްގެ ޒުވާން ތަރި ޖޭޑަން ސަންޗޯ މި މެޗުގައި ޖެހި ގޯލާއިއެކު، އޭނާ ވެފައިވަނީ ބުންޑަސްލީގާގެ ތާރީޚުގައި 25 ގޯލު ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.

ބުންޑަސްލީގާގައި މިހާތަނަށް ކުޅުނު 20 މެޗުން ހޯދި 39 ޕޮއިންޓާއެކު ފައިދާ ގޯލުގެ ތަފާތުން ޑޯޓްމަންޑް އޮތީ ތާވަލުގެ ތިންވަނައިގައެވެ. 42 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ބަޔާން މިއުނިކް އޮތްއިރު، ދެވަނައިގައި 41 ޕޮއިންޓާއެކު އޮތީ ލިޕްޒިގް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.