އައި ފިލްމްސްގެ ދެވަނަ ފިލްމު “ނީނާ“ގެ ޝޫޓިން ދެބަޔަކަށް ބަހާލާފައިވާއިރު، ލ. އަތޮޅުގައި ނަގަން ހަމަޖެހިފައިވާ މަންޒަރުތައް މިއަދު (04 ފެބްރުއަރީ 2020) ނަގަން ފަށާނެއެވެ.

ލ. އަތޮޅުގެ ގުޅާލާފައިވާ ރަށްތަކުގައި ޝޫޓްކުރުމަށްޓަކައި ފިލްމުގެ ތަރިންނާއި ކްރޫ މިއަދު ހެނދުނު ކައްދުއަށް ޖައްސާ ދެވަނަ ފްލައިޓްގައި ލާމަށް ދާނެކަމަށް ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ)، މުނިއަވަސް އަށް ރޭގެ ވަގުތެއްގައި ބުނެފައިވެއެވެ.

އިއްލެ ބުނީ މިއަދު ލ. ގަމަށް ދިއުމަށްފަހު އެ ރަށުގައި ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. “ނީނާ” ޓީމުގެ 12 ވަރަކަށް މެންބަރުން މިއަދު ލާމަށް ދާނެކަމަށް މަޢުލޫމާތު ލިބެެެއެވެ.

ނީނާ“ގެ ލީޑްގައިވެސް ފެނިގެންދާނީ “ބަވަތި” ގައި މޮޅު އެކްޓިންއެއް ދައްކައިދިން ކުޅަދާނަ ޒުވާން ފިލްމީ ތަރި ނުޒުހަތު ޝުއައިބެވެ. މީގެ އިތުރުން ލީޑުން ފެނިގެންދާނީ އަލަށް ތަޢާރަފުކުރާ ޝަރަފް ޢަބްދުﷲ، އަދި ކުޅަދާނަ އެކްޓަރ ޖުމައްޔިލް ނިމާލް އެވެ.

ބޮޑު ކާސްޓެއް ހިމެނޭ “ނީނާ“ގައި އިތުރަށް ހަރަކާތްތެރިވާނީ ޑާކްރެއިންގެ ފިލްމުތަކުން ފެންނަ އާދަމް ރިޒްވީ (ރެކްސް) އަދި ހަމްދޫން ފާރޫޤްގެ އިތުރުން ޢަލީ ޔޫޝަޢު އާއި އަލަށް ތަޢާރަފްވާ ނަތާޝާ ޖަލީލް، ޢަލީ އިނާޒް، އަލަށް ތަޢާރަފްވާ ޓިކްޓޮކްގެ މަޝްހޫރު ތަރި އިބްރާހިމް ޝާއިފް (ޑެވިލް ޝާއިފް)، އަލަށް ތަޢާރަފްވާ ޙަސަން ސާމިހް މުޙައްމަދު، ހަސަން ޝިނާން (ޝިންޓޭ) އަދި މަރިޔަމް ޝަކީލާ އާދަމްގެ އިތުރުން އައިޝާ އަލީ ހިމެނެއެވެ.

ނީނާ” ލިޔެ ޑައިރެކްޓްކުރަނީ އިއްލެ އެވެ. އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ “ބަވަތި”ގެ އެކްޓަރ އިފްނާޒް އެވެ. ފިލްމުގެ ޕޯސްޓްޕްރޮޑަކްޝަންގެ މަސައްކަތްކުރާނީ އޯކޭޒް އިންނެވެ.

މިފަހަރު ވެސް ފިލްމުގެ ޕްރޮޑިއުސަރުންނަކީ އާސިމް އަލީ އަދި އަހުމަދު ވަހީދެވެ.

ފިލްމު “ނީނާ“ގެ ޝޫޓިން މިދިޔަ ހޮނިހިރު ދުވަހު މާލޭގައި ވަނީ ފަށާފައެވެ.

ފިލްމު “ނީނާ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ. މުނިއަވަސް އިން ވަނީ އައި ފިލްމްސްގެ ފުރަތަމަ ފިލްމު “ބަވަތި”ގެ އޮންލައިން މީޑިއާ ޕާޓްނަރުކަން ވެސް ވަރަށް މޭވަވެތިކޮށް ކޮށްފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.