ބަވަނަވަމުންދާ މިދުނިޔޭގައި އެތައް ބިލިއަން ބަޔަކު ދިރިއުޅެމުން ދާއިރުވެސް، އެ އެންމެން މިވަނީ ފަންނިއްޔާތު (ޓެކްނޮލޮޖީ)ގެ ޒަރިއްޔާއިން ގުޅި ލާމެހިފައެވެ. މަސައްކަތްތެރިކަމުގެ ފަންނުތަކާއި ބެހޭ ޢިލްމު ކުރިއަރައިގެން ގޮސް، މިއަދު މުޅި ދުނިޔެ މިވަނީ އެންމެ އުހުގައި ފިޔަޖަހަން ފަށައިފައެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހިނގާ ކޮންމެ ކަމެއް ވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވައިރޯޅިއެއްހެން ފެތުރިގެން ދެއެވެ. އެހާވެސް ބޮޑަށް މީސް މީޑިޔާ މިވަނީ އަރާ އަރަފޯދިފައެވެ. މީސް މީޑިޔާގެ އާއިލާ ބޮޑުވެ އެތައް ދަރިންނެއް މިއަދު މިވަނީ އުފަންވެފައެވެ. އަޅުގަނޑު މިލިޔުމުގައި އަލިއަޅުވާލާނީ މީސް މީޑިޔާގެ އާއިލީ މެމްބަރެއް ކަމަށްވާ ސްނެޕްޗެޓަށެވެ.

މުޅި ދުނިޔޭގައި ދުވަމުން ގޮސް ސްނެޕްޗެޓް މިވަނީ ބަވަނަ ސުންދުރަ ޤައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖެއަށް އަރާފައެވެ. ހީވެސް ނުކުރާހާ ބޮޑު މެހެމާންދާރީއެއް ދިވެހިން ސްނެޕްޗެޓަށް ދިނެވެ. އެންމެ ފުރިހަމަ މަރުޙަބާ އަކާއި ތަހުނިޔާއެއް ކިޔެވެ. އޭގެ ސަބަބުން ސްނެޕްޗެޓް މިޤައުމު ދޫކޮށް  ދާކަށް ބޭނުމެއް ނުވިއެވެ. ދިވެހިން ވެސް ސްނެޕްޗެޓް، ރާއްޖެ ދޫކޮށް ދާކަށް ހަމަހިލާ ނޭދުނެވެ.

“ސްނެޕްޗެޓް” އޭ ބުނުމުން އެއީ ކޯއްޗެއްކަން ނޭނގޭ ޒުވާނެއް މިރާއްޖޭގައި މިއަދު މަދުވާނެއެވެ. ޒުވާނުންގެ މެދުގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ބޮޑު މަޤުބޫލު ކަމެއް އެ އެޕްލިކޭޝަން ހޯދިއެވެ.  ޒުވާނުންގެ ހިތްތައް ފަތަހަ ކުރިއެވެ. ސްޓްރީކްގެ ޖާދޫގައި ޖެހި، ސްޓްރީކްގެ ހުޅުކޮޅު މުޅި ގައިގައި ރޯހިފިއެވެ. ދުވާލުގެ އެތައް ވަގުތެއް، ދެ ޖިންސުގެ ޒުވާނުން އެ އަލިފާން ކޮޅުގައި އަނދާ އަޅިއަށްވަމުން ދިޔައެވެ. ދުނިޔެވީ ވާޖިބުތައް ހަނދާންނެތި ސްނެޕްޗެޓްގެ މަސްތުގައި ޖެހި ތިއްބެވެ. ދިވެހި ގިނަ ޒުވާނުންގެ މެދުގައި މިވަރުގެ ބޮޑު ޝަޢުޤުވެރި ކަމެއް ސްނެޕްޗެޓަށް މި ލިބުނީ ކީއްވެގެން ހެއްޔެވެ؟ ތިޔަ ހީކުރި ޖަވާބު ހަމަ ރަނގަޅެވެ. ސްނެޕްޗެޓުން ފޮނުވާލާ ކޮންމެ ސްނެޕެއްގައި ވަނީ ވަކި ވަގުތެއް ކަނޑައެޅިފައެވެ. އެ ވަގުތު ޖެހުމުން އެ ސްނެޕެއް މުޅިން ގެއްލިގެން ދެއެވެ. ސްކްރީން ޝޮޓެއް ނެގިޔަސް އެނގެއެވެ. މިކަމަކީ ދިވެހި ގިނަ ޒުވާނުން ކޮޅުނެތް ކޮޅަށް ސްނެޕްޗެޓް ދެކެ ލޯބިވި ސަބަބެކެވެ. 

ދެން ބުނެލަން އޮތީ ވަރަށް ހިތާމަވެރި ވާހަކައެކެވެ. ދިވެހި ޤައުމުގެ ހުންގާނުގައި ތިބި އެތައް ޒުވާނުންނެއް ސްނެޕްޗެޓް ދެކެ ވެވުނު ލޯބީގައި އެމީހުންގެ އަބުރު އަމިއްލަ ދެއަތުން ކަތިލަމުން ދަނީއެވެ. ބަރަހަނާ ފޮޓޯތައް ނަގަމުން ދަނީ އެމީހުންގެ އަމިއްލަ އިޚުތިޔާރުގައެވެ. އެއްވެސް ޚިޔާލެއް ފިކުރެއް ނެތިއެވެ. މިކަމުގައި ވަކި ޖިންސެއް، އެއް ފަރާތް ކުރެވޭކަށް ނެތެވެ. ޒުވާން ފިރިހެނުން އެމީހުންގެ ލޯބިވެރިންނާއި، ފެންނަހާ ބަޔަކަށް އެމީހުންގެ ފޭރާމެއް ނެތް ފޮޓޯތައް ފޮނުވަމުން އެދަނީ ބިރެއްނެތި ހެއްޔެވެ؟ ވަކި ވަގުތެއް ކަނޑައަޅާފައި ފޮނުވާލާ އެ ސްނެޕުން، ތިމާގެ އަނބުރަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމުގެ ޔަޤީންކަން އޮތީމަ ހެއްޔެވެ؟ 

ދެން އޮތީ އަންހެން ކަނބަލުންގެ ވާހަކައެވެ. ތިޔަ ކަނބަލުން ބުރުގާ އެޅީ ކޮން ބޭނުމެއްގައި ކަން ހަނދާން ނައްތައިނުލާށެވެ. ސްނެޕްޗެޓްގައި ތިޔަ ކަނބަލުން ފޮނުވާ ކޮންމެ ފޮޓޯއެއްގައި ބުރުގާ ނަގައިގެން ތިޔަ ދައްކަން ބޭނުންވަނީ ކޮން އެއްޗެއް ހެއްޔެވެ؟ ރީތި އިސްތަށިގަނޑު ހެއްޔެވެ؟ އެހެންކަމަށް ވާނަމަ އެރީތި އިސްތަށިގަނޑު ނިވާކޮށް، ބުރުގާ އެޅީ މާތް ﷲއަށް ޓަކައި ނޫން ހެއްޔެވެ؟ ވިސްނާށެވެ!! ބުރުގާ ނަގާފައި ފޮނުވާ ސްނެޕަށް ވަރަށް ގިނަ ބަޔެއްގެ ތަޢުރީފު ލިބޭނެއެވެ. އެހެނަސް އެއީ މީހާ އޮރިޔާން ވާން ޖެހޭނެ ސަބަބެއް ނޫނެވެ. ނީލަމަށް ލާފައި އޮންނަ އެއްޗެއް އަގު ހެޔޮވީމާ، އެއެއްޗެއް ވަގުތީ ގޮތުން ބޭނުން ކޮށްލަން ގަންނަ މީހުން ގިނަ ވެދާނެއެވެ. އެހެނަސް އޭގެ ދަރަޖައަކީ ކޮބާ ހެއްޔެވެ؟ އޭގެ މޮޅު ކަމަކީ ކޮބާ ހެއްޔެވެ؟ 

ސްނެޕްޗެޓުން ތިޔަ ފޮނުވާ ބަރަހަނާ ފޮޓޯތަކުން ތަޢުރީފާއި، ސަނާ ކިޔުމުން ފުރިފައިވާ ހާރެއް އަމިއްލަ ކަރުގައި އެޅުނަސް، އެއީ ހަޤީޤަތުގައި އެމީހަކަށް ހައްޤު އެއްޗެއް ކަމަށް ހީނުކުރާށެވެ. އެ ބަރުތީލަތަކުން ތިބާއަށް ލިބޭނީ ހިނދުކޮޅެއްގެ ހިތްހަމަ ޖެހުމެކެވެ. ތެދަށް ބުނާ ނަަމަ، ތިޔަ ފޮނުވާ އޮރިޔާން ސްނެޕްގައި އަމިއްލަ އަށް ކަނޑައަޅާ ވަގުތުކޮޅަށް ވުރެން ހިތަށް އުފާ ލިބޭނެ ވަގުތު ކޮޅު ކުރުވެދާނެއެވެ. 

އަޅުގަނޑު މި ދައްކަނީ ހުރިހާ ދިވެހިންގެ ވާހަކައެއް ނޫނެވެ. އެހެނަސް މިއަދުގެ ޒުވާން ޖީލުގައި ވަކި ހިއްޕާލާފައިވާ ސީރިއަސް މައްސަލައަކަށް ޔަޤީނުން ވެސް މިކަން ވާނެއެވެ. ސްނެޕްޗެޓު ފަދައިން ފޮނުވާލާ ފޮޓޯ ވަކި ވަގުތެއް ވުމުން ގެއްލިގެންދާ ތަފާތު އެޕްތައް މިއަދުގެ ދުނިޔޭގައި ހުރިކަން އަޅުގަނޑަށް އެނގެއެވެ. އެހެނަސް ބުނަން ހެއްޔެވެ؟ ފޮނުވާލާ ބަރަހަނާ ސްނެޕް ވަގުތު ކޮޅަކު ގެއްލިގެން ދާނެކަމަށް ހީވިޔަސް އެގޮތަށް އެކަން ނުވެދާނެއެވެ. ތި ފޮނުވާ ސްނެޕް ތިބާއަށް ނޭނގި އަނެއް މީހާގެ ގެލެރީއިން ޖާގަވެސް ހޯދަ ފާނެއެވެ. އޭރުން ސިކުންތު ކޮޅެއް ފަހުން ތިބާގެ ލޯމަތިން އެ ސްނެޕް ގެއްލުނަސް، އަނެއްމީހާގެ ގެލެރީގައި އެ ފޮޓޯ އިންނާނެއެވެ. މީވެސް ވަރަށް ފަސޭހަކަމާއި އެކު ކުރެވެން ހުރި ކަންކަމެވެ. 

މިޤައުމުގެ ޒުވާނުންނޭވެ!! ލޯބިވާ ދިވެހިންނޭވެ!! ސިކުންތު ކޮޅަކުން ގެއްލިގެންދާ ބަރަހަނާ ސްނެޕަކުން ތިބާގެ މުޅި ޙަޔާތް ބަރުބާދު ނުކުރާށެވެ. ތިޔަ ސްނެޕްޗެޓުން ފޮނުވާ ބަރަހަނާ ފޮޓޯތަކުން ތިޔަ ލިބޭ ތަޢުރީފްތަކާއި، ހިތްހަމަ ޖެހުމުން ދުރުވެގަންނާށޭވެ. ހައްޤު ނޫން ތަޢުރީފުތަކުން ކަރުގައި ތިޔަ އެޅިގެންދާ ހާރު، ތިބާއަށް ނޭނގި ހުއްޓާ ކަރަށް ބާރު ކޮށްލާފާނެއެވެ. ފަހުން ހިތާމަ ކުރަން ޖެހިދާނެއެވެ. ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ގެއްލިގެންދާ ގޮތަށް ތިޔަ ކަޝްފުކުރާ ތިބާގެ އައުރައިން ފަހުން ގިސްލާން ރޯން ޖެހިދާނެއެވެ. އެދުވަހުން އޮންނާނީ ވަގުތު ފާއިތުވެފައެވެ. އެހެންކަމުން ސްނެޕްޗެޓަކީ ތިބާ ބަރަހަނާ ވުމަށް އޮތް އޮންލައިން ކޮޓަރިއަކަށް ނުހަދާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.