ރާއްޖޭގެ މަޝްހޫރު ބަތަލާ ޢާއިޝަތު ރިޝްމީ ރަމީޒްގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ‘އާރްޓޫޒީ (R2Z)’ގެ ފުރަތަމަ ފިލްމީ އުފެއްދުން “ޔާރާ”ގެ ޓީޒަރ ދައްކާލައިފިއެވެ. “ޔާރާ”ގެ ޓީޒަރ ދައްކައިލީ ރިޝްމީގެ އިންސްޓަގްރާމް މެދުވެރިކޮށް މިމަހު ދެވަނަ ދުވަހު އެވެ.

“ޔާރާ”ގެ ޓީޒަރ ހިއްސާކުރަމުން މިއީ ފިލްމެއްކަމެއް ނުވަތަ ސީރީޒެއް ކަމެއް ބުނެފައި ނުވިޔަސް މި އުފެއްދުމުގައި ފެނިގެންދާނެ މުހިންމު ތަރިންގެ ދިގު ލިސްޓެއް ހިމަނާފައިވެއެވެ. އެހެންކަމުން މިއީ ހަމަ ގައިމުވެސް އާދައިގެ ޕްރޮޖެކްޓެއް ނޫންކަމަށް ޤަބޫލުކުރެވެއެވެ.

“މިއީ މަންމަ (އާމިނަތު ރަޝީދާ)، އައްޒަ އަދި ރިޝްމީ އެކުގައި، އެއް އާއިލާއެއްގެ ގޮތުގައި ފެނިގެންދާނެ ފުރަތަމަ އުފެއްދުން.” އާރްޓޫޒީގެ “ޔާރާ” އަކީ ފިލްމެއްކަން ނުވަތަ ސީރީޒެއްކަން މިވަގުތު ބުނަން ބޭނުން ނުވާކަން ފާހަގަކުރަމުން މުނިއަވަސް އަށް މިއަދު ރިޝްމީ ބުންޏެވެ. “ޔާރާ”ގެ ޑައިރެކްޝަންގައި އަޙްމަދު އިޤްބާލް، ރަވީ ފާރޫޤް އަދި ރިޝްމީ ވެސް ހަރަކާތްތެރިވާނެ ކަމަށްވެސް ރިޝްމީ މަޢުލޫމާތު ދެއެވެ.

ދިވެހި ފިލްމު “ވިޝްކާ” އިން 2017 ވަނަ އަހަރު ސާކް ފިލްމް ފެސްޓިވަލްގެ އެންމެ މޮޅު ބަތަލާގެ އެވޯޑް އަދި ’ފިފްތު ޑޮކްޓަރ ސަރޯޖިނީ ނައިޑޫ، ދަ ނައިޓިންގޭލް އޮފް އިންޑިއާ، އިންޓަނޭޝަނަލް އެވޯޑް ފޯރ ވޯރކިންގ ވިމެން‘ގެ ޝަރަފުވެރި އެވޯޑްވެސް ހާސިލްކޮށްފައިވާ ރިޝްމީގެ “ޔާރާ” އުފެއްދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާނީ ކާމިޔާބު ވެބް ސީރީޒް “އެހެނަސް” އުފެއްދުމުގެ ފަހަތުގައިވެސް ތިބި ޓީމެވެ.

ރިޝްމީ ޕްރޮޑިއުސްކޮށް ބައިސްކޯފުން ފެނިގެންދާނެ “ޔާރާ”ގެ ބޮޑު ކާސްޓުގައި ރިޝްމީގެ މަންމަ އާމިނަތު ރަޝީދާގެ އިތުުރުން ކޮއްކޮ އަދި މަޝްހޫރު ބަތަލާ މަރިޔަމް އައްޒަ ފެނިގެންދާނެ އެވެ. ހަމަ މި ލިސްޓަށް ރަވީ ފާރޫޤް އަދި ޢަބްދުﷲ މުއާޒް ވެސް ހިމަނާލެވެއެވެ.

މީގެ އިތުރުން ބައިސްކޯފުގެ ”އެހެނަސް“ ވެބް ސީރީޒުން ބެލުންތެރިންގެ ބޮޑު މަގްބޫލުކަމެއް ހޯދި މުހައްމަދު ވިޝާލް (ރޯމަން)، ފާތިމަތު ޝަރާގެ އިތުރުން ހަމަ އެ ސީރީޒް އިން ފެނިގެންދިޔަ ނަތާޝާ ޖަލީލް، އާމިނަތު ޝަމާނާ، އާމިނަތު ސިލްނާ، މަރިޔަމް ވަހީދާ(ޔަމް) އަދި އަހުމަދު ޝާރިފްވެސް ފެނިގެންދާނެއެވެ. އިތުރު ތަރިންގެ ތެެރޭގައި ނުޒުހަތު ޝުޢައިބް، އަހުމަދް އަޒްްމީލް (އަޒޭ)، އިސްމާޢީލް ޖުމައިހް (ޖުމާ)، ލަވަކިޔުންތެރިޔާ އާމިނަތު ލަމްހާ ޢަބްދުއްލަތީފް (ލަމް) ގެ އިތުރުން ޓިކްޓޮކުން ވިދާލި އިބްރާހިމް ޝާއިފް ވެސް ފެނިގެންދާނެއެވެ. އަދި ފެޝަން ޑިޒައިނާ ހުސެން ޝަދިޔާން (ސޭންޑީ) ވެސް ހިއްސާ ވެއެވެ. މީގެ އިތުރުން، އަދުހަމް، މަރްޔަމް ޙަލީމް، ޢާއިޝަތު ގުލްފާމް އަދި އައިޝާ ޢަލީ ވެސް ހިމެނެއެވެ.

ރިޝްމީގެ ‘އާރްޓޫޒީ (R2Z)’ގެ މި ޕްރޮޖެކްޓްގެ ވާހަކަ އެންމެ ފުރަތަމަ އާއްމުކުރީ މީގެ ދެ އަހަރެއްހައި ދުވަސްކުރިން ރިޝްމީގެ އިންސްޓްގްރާމްގައި ކުރިއަށް ގެންދިޔަ ލައިވް ވީޑިއޯއެއްގައެވެ. ގިނަ ތަރިންތަކެއް ހިމަނައިގެން ކުރިއަށް ގެންދިޔަ އެ ލައިވް ވީޑިއޯ ސެޝަނުން ފެނިގެންދިޔަ ހުރިހައި މޫނުތަކެއް ރިޝްމީގެ ‘އާރްޓޫޒީ (R2Z)’ގެ ކުރިއަށް އޮތް ޕްރޮޖެކްޓުން ފެނިގެންދާނެ ކަމަށްވެސް ރިޝްމީ ބުނެފައިވެއެވެ.

 

View this post on Instagram

 

A post shared by RISHMY RAMEEZ (@rishmyyr)

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.