ރޭގަނޑު ނުވަތަ އަނދިރިން ސޯލާ ހަކަތަ އުފައްދާނެ ގޮތް ސައިންސްވެރިން އީޖާދުކޮށްފިއެވެ. ‘އެންޓި-ސޯލާ ޕެނަލް’ގެ ނަން ދީފައިވާ މި ނިޒާމު އުފެއްދީ ޔުނިވަރސިޓީ އޮފް ކެލިފޯނިއާގެ ސައިންސްވެރިން ތަކެކެވެ.

ހަކަތަ އުފައްދާ ބާވަތްތަކުގެ ތެރެއިން ދުނިޔެއަށް ގެއްލުން ދެނިވި ތަކެއްޗާއި ގޮތްތަކުން ދުރުހެލިވުމަށް އީޖާދުކުރެވުނު އެންމެ ރަނގަޅު އެއް އީޖާދަކީ އިރުގެ ހަކަތައިން ކަރަންޓު އުފެއްދުމުގެ ނިޒާމެވެ. އެއީ މިހާރުވެސް އެތަކެއް ކަމަކަށް ބޭނުންކުރަމުން އަންނަ ކާމިޔާބު އީޖާދެކެވެ. ގެތަކަށް ކަރަންޓު ދިނުމާއި ބައިނަލްއަޤްވާމީ ޖައްވީ ސްޓޭޝަންގެ ބެޓެރީތަކަށް ހަކަތަ އަޅައިދިނުންފަދަ އެތަކެއް ކަމަކަށް މިހާރުވެސް އަންނަނީ ބޭނުންކުރަމުންނެވެ. ނަމަވެސް ސޯލާ ޕެނަލުން ކަރަންޓު އުފެއްދުމަކީ އޭގައި ހުދޫދެއް (ލިމިޓެއް) ކަނޑައެޅިފައިވާ ކަމެކެވެ. ރޭގަނޑު ނުވަތަ އަނދިރިކަމުގެ ތެރޭގައި ކަރަންޓެއް ނުއުފެއްދެއެވެ. ނުވަތަ އުފެއްދޭ ހެއްޔެވެ؟

އޭސީއެސް ފޮޓޯނިކްސް ޖާނަލްގައި ޝާއިޢުކޮށްފައިވާ ކަރުދާހެއްގައި ބުނާގޮތުން، ޔުނިވަރސިޓީ އޮފް ކެލިފޯނިއާގެ ދިރާސާކުރާ މީހުންގެ ތެރެއިން ޑޭވިސް ވަނީ އެމީހުން އީޖާދުކުރި “އެންޓި-ސޯލާ ޕެނަލް” އުފެއްދިގޮތް އޮޅުންފިލުވައިދީފައެވެ. މި އުފެއްދުމަށް ދީފައިވާ ނަމުންވެސް އެނގޭ ގޮތުން، އަލަށް މި އުފެއްދި ސޫރުދަ ފަންނިއްޔާތު (ސޯލާ ޓެކްނޮލޮޖީ) މަސައްކަތްކުރަނީ މިހާރު އަހަރުމެން އެންމެން ދަންނަ ސޯލާ ޕެނަލް މަސައްކަތްކުރާ ގޮތާއި ދިމާ އިދިކީއްޔަށެވެ.

އެންމެންހެން ދަންނަ ސޯލާ ޕެނަލް މަސައްކަތްކުރަނީ އިރުގެއަލި ހިފެއްހެއްޓުމަށްފަހު، އިރުގެއަލިކަން ހަކަތައަށް ބަދަލުކޮށްގެން އެކިއެކި ބޭނުންތަކަށެވެ. އުފެދޭ ސުވާލަކީ، މި ބުނި ގޮތަށް މަސައްކަތްކުރާ ނިޒާމެއް، އޭގެ އިދިކީއްޔަށް މަސައްކަތްކުރާނީ ކިހިނެއްހެއްޔެވެ؟ ދިރާސާކުރާ މީހުން ބުނާގޮތުން މިއީ ވަރަށް ފަސޭހައިން ކުރެވޭނެ ކަމެކެވެ. އާދައިގެ ސޯލާ ޕެނަލަކުން ހަކަތަ އުފައްދަނީ އިރުން، ބިމަށް ފޯރާ ހަކަތައިންވެ. އެހެންކަމުން އަލަށް މި އީޖާދުކުރި ސޯލާ ޕެނަލުން މި ކުރާ ކަމަކީ ބިމުން ޖައްވަށް ބޭރުކުރަމުންދާ ހަކަތަ، އެ ޕެނަލުން ދަމައިގަނެ ހިފަހައްޓައިގެންނެވެ.

ދުނިޔޭގެ ކޮންމެވެސް އެއް ބިތަކަށް އަނދިރިކަން ފެތުރޭހިނދު، އެ ފަޅިއަށް ފިނިކަން ލިބެމުންދެއެވެ. އެހެން އެކަން ވާގޮތަކީ ބިމުގައި ހުންނަ ހޫނުކަން (ހީޓް ރޭޑިއޭޝަން) ބިމުގެ ސަތަހައިން މައްޗަށް އަރައިގެން ދިއުމުންނެވެ. އައިސްއަލަމާރިއަށް ލާ ފެންފުޅި ފިނިވާ އުޞޫލުންނެވެ. ސައިންސްވެރިން އަލަށް މި އުފެއްދި ޕެނަލުން ކުރާ ކަމަކީ އެގޮތަށް ދުނިޔެއިން ބޭރުވެގެންދާ ހަކަތަ ދަމައިގަނެގެން، އެ ހަކަތަ ބޭނުންތެރި ހަކަތައަކަށް ބަދަލުކޮށްގެންނެވެ.

މި އުފެއްދުން އީޖާދުކުރި މީހުން ކިޔައިދެއެވެ.

‘އިރުއޮއްސޭފަހުން ކަރަންޓުގެ ހަކަތަ އުފެއްދުމަށްޓަކައި އަހަރުމެން ބޭނުންކުރަނީ އަލްޓަނޭޓިވް ފޮޓޯވޮލްޓިކް ކޮންސެޕްޓެއް. މީގައި ހޫނުކަން ލިއްބައިދޭ ވަޞީލަތަކަށް ބޭނުންކުރަނީ ދުނިޔެ، އަދި ހޫނުކަން ހިފަހައްޓައިދޭ ސިންކެއްގެ ގޮތުން ބޭނުންކުރަނީ ރޭގަނޑުގެ ޖައްވު. ނަތީޖާއެއްގެ ގޮތުން އުފެދިގެން މިދަނީ “ނައިޓްޓައިމް ފޮޓޯވޮލްޓިކް ސެލް” އެއް.’

ނަމަވެސް މިފަދަ ސޯލާ ޕެނަލަކުން، ދުވާލުު ބޭނުންކުރާ ސޯލާ ޕެނަލުން އުފައްދާ މިންވަރަށް ހަކަތައެއް ނުއުފެއްދެއެވެ. އަދި ކިއެއްތަ، މި ނިޒާމުން އުފެއްދެނީ ދުވާލު ހަކަތަ އުފައްދާ ނިޒާމަކުން އުފައްދާ ހަކަތައިގެ މިންވަރުގެ 25 އިންސައްތައެވެ. އެހެން ނަމަވެސް މިއީވެސް އެއްވެސް އެއްޗެއް ހޭދަކުރުމަކާ ނުލައި ހަކަތަ އުފެއްދިދާނެ ނިޒާމެކެވެ. މި އީޖާދަށް ބޭނުންވަނީ މީގެ ވަރުގަދަ ނިޒާމުތަކެއް ޤާއިމުކޮށް މަތީ މިންވަރަކަށް ކަރަންޓުގެ ހަކަތަ އުފެއްދުމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.