މަގްބޫލް ޑްރާމާ ސީރީޒް “ކަސައުޓީ ޒިންދަގީ ކޭ” ސީޒަން 2 ގައި މިދުވަސްކޮޅު ފެނިގެންދަނީ ބެލުންތެރިންގެ ނޭވާ ހިފަހައްޓާލައިގެން ތިބެން މަޖުބޫރުވެފައިވާ އެޕިސޯޑުތަކެކެވެ. ދާދި ފަހުން މަރުގެ ތުންފަތް މަތިން ޕްރޭނާ ސަލާމަތް ކޮށްގެން އަނޫރާގްގެ ގެއަށް ގެނެސްފައިވާއިރު، ޕްރޭނާ މަރާލަން އުޅުނު “ޖައްގާ” ނަމަކަށް ކިޔާ މީހަކުވެސް އަނޫރާގު ވަނީ އަތުލައިގަނެފައެވެ. އެހެންނަމަވެސް ފުލުހުން އޭނާ ހައްޔަރުކުރުމުގެ ކުރިން އޭނާ ވަނީ ފިލާފައެވެ.
ރޭގެ އެޕިސޯޑުގައި ފެނިގެންގޮސްފައި ވަނީ ޕްރޭނާ އާއި ވިރާޖް (ނަމިކް ޕޯލް)ގެ އެންގޭގްމެންޓަށް ތައްޔާރުވުމަށް ބާޒާރުކޮށްލަން ގޮސް އުޅުމުގެ ތެރޭގައި ވިރާޖްއަށް “ޖައްގާ” ފެނި އޭނާގެ ގައިގައި ތަޅައިގަތްތަނެވެ. އަދި އެތަނަށް ކޮމަލިކާ އައިސް ވިރާޖް ހަމައަކަށް އެޅުވި މަންޒަރުވެސް ފެނިގެންގޮސްފައި ވެއެވެ. އެހެންކަމުން ބެލުންތެރިންނަށް ރޭގެ އެޕިސޯޑުން ފެނިގެން ދިޔައީ ޕްރޭނާ އާއި އަނޫރާގް ދުރުކުރުމަށް ކޮމަލިކާ މަސައްކަތް ކުރިނަމަވެސް ޕްރޭނާ މަރާލާން އަސްލު ބޭނުންވި މީހަކީ ވިރާޖް ކަމެވެ.
ޕްރޭނާ މަރާލުމަށް އެންމެ ބޭނުންވަނީ ވެސް ވިރާޖް ކަން އެނގިގެން ދިޔަނަމަވެސް އޭނާ ޕްރޭނާ މަރާލަން ބޭނުންވާ ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. ވިރާޖްއާއި ކޮމަލިކާގެ ހަގީގަތް ޕްރޭނާއާއި އަނޫރާގަށް އެނގޭނެ ދުވަހެއް ބަލަން ތިބެމާހެއްޔެވެ.
