ކެމިކަލްތައް މެނޭޖްކުރުން ހަރުދަނާކުރުމުގެ މަޝްރޫޢުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން މިއަދު ސޮއިކޮށްފިއެވެ.

މި މަޝްރޫޢުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އަދި ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ އދ. އިން ރާއްޖެއަށް ކަނޑައަޅާފައިވާ ރެސިޑެންޓް ކޯޑިނޭޓަރު އަކީކޯ ފުޖީ އެވެ.

ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް) ގެ މާލީ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން ޚާއްސަގޮތެއްގައި ޕާސިސްޓަންޓް އޯގޭނިކް ޕޮލިއުޓަންޓސް (މާހައުލުގައި ގިނަ ދުވަހު ހަރުލާފަ ހުންނަ) އިންސާނުންގެ ސިއްހަތަށާއި ތިމާވެއްޓަށް ގެއްލުންހުރި ކެމިކަލްތައް ރައްކާތެރި ގޮތުގައި ނައްތާލުން ހިމެނެއެވެ. މި މަޝްރޫޢުގެ ދަށުން ކުރަން ހަމަޖެހިފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި 1989 ކުރިން އުފައްދާފައިވާ، ދިވެހިރާއްޖޭގައި ހުރިކަމަށް ފާހަގަކުރެވޭ 24 ޓަނުގެ ޕީސީބީ (ޕްލީކޮލޮރިނޭޓެޑް ބައިފީނައިލްސް) އެކުލެވޭ ކަރަންޓު ޚިދުމަތްދޭ ޓްރާންސްފޯމަރުތަކުގައި ހުރި ތެލާއި ޕީސީބީ އަދި ބޭނުންކޮށްފައި ހުރި ޓްރާންސްފޯމަރުތައް ރައްކާތެރި ގޮތުގައި ނައްތާލުމަށް ވަނީ ރާވަފައެވެ. 1970 ވަނަ އަހަރުން ފެށިގެން ޕީސީބީ އުފެއްދުން މުޅި ދުނިޔެއިން ވަނީ ހުއްޓާލާފައެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ނުރައްކާތެރި ކެމިކަލްތައް ލޭބަލްކޮށް، ގުދަންކުރުމާއި އެއްތަނުން އަނެއްތަނަށް އުފުލުމަށް ހަރުދަނާ ނިޒާމުތައް އެކުލަވާލައި، ކެމިކަލްތައް ރައްކާތެރި ގޮތުގައި ބޭނުންކުރުމާއި، މެނޭޖްކޮށް، ކެމިކަލްތައް ދިވެހިރާއްޖެއަށް އެތެރެކުރުން ރެގިލޭއްޓްކުރުމަށް ޤާނޫނީ އޮނިގަޑެއް އެކުލަވާލުންވެސް ހިމެނޭ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން މަޢުލުމާތު ދެއްވައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ ތަފާތު އެކި ގޮންޖެހުންތަކުގެ ތެރެއިން ރަނގަޅު ގޮތުގައި ކެމިކަލް މެނޭޖްކުރުމަކީ މިއަދު ނުހަނު ސަމާލުކަން ދޭން ޖެހިފަވާ ކަމެއްކަމަށެވެ. 

އެހެންކަމުން ނުރައްކާތެރި ކެމިކަލްތައް އަދި ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށް ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމަށާއި ރައްކާތެރި ގޮތުގައި ކެމިކަލްތައް ބޭނުންކުރުމާއި ކެމިކަލްތަކުގެ މެނޭޖްމަންޓް ހަރުދަނާ ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށާއި، އަދި ވަރަށް ބޮޑު އަހުމިއްޔަތު ކަމެއް ދީގެން ކުރާކަމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ކެމިކަލްތައް މޭންޖްކުރުމަށް ޕޮލިސީ، ޕްލޭން އަދި ސްޓްރެޖީތައް އެކުލަވާލުމުށް ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ވަނީ ހިމަނާފައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ ނުރައްކާތެރި ކެމިކަލްތަކުން އިންސާނުންނާއި ތިމާވެށި ރައްކާކުރުމަށް ވަރަށް ބޮޑަށް އިސްކަންދޭ ކަމަށެވެ.

މި މަޝްރޫޢުގެ ސަބަބުން ރައްކާތެރި ގޮތުގައި ކެމިކަލްތަކާއި ނުރައްކާތެރި ކުނި މެނޭޖްކުރުމަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.