ބ. އަތޮޅު ކުޑަރިކިލު އާދަޔާޚިލާފަށް ގިރަން ފަށައިފިއެވެ. އެރަށުގެ އިރުއުތުރުފަރާތުން ބޮޑު ސަރަހައްދެއް އިއްޔެއާއި މިއަދުވެސް ދަނީ ގިރަމުންނެވެ.
ރަށްގިރުމުގެ މައްސަލަ ދިމާވެފައިވާތާ އަހަރުތަކެއް ވެއްޖެ ކަމަށާއި ނަމަވެސް ފާއިތުވެ ދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އާދަޔާޚިލާފަށް ބޮޑަށް ރަށްގިރަމުންދާ ކަމަށް ކުޑަރިކިލު ކައުންސިލްގެ ރައީސް އަލްފާޟިލް އަބްދުލް ޙަންނާން ވިދާޅުވިއެވެ.
“ކަމާއި ބެހޭ ފަރާތްތަކަށް ފޮޓޯ އަދި ވީޑިއޯ ވެސް ފޮނުވާފައި ވާނީ.. ސިޓީވެސް ފޮނުވަމުން މިދަނީ … ވޭތުވެ ދިޔައަހަރުތަކުގައިވެސް އީޕީއޭ އާއި މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރެވިފައި ވާނީ.” ހަންނާނު ވިދާޅުވިއެވެ.
އިރުއުތުރު ފަރާތުން 700 ފޫޓުގެ ސަރަހައްދެއް ގިރާފައިވާއިރު އެއްގަމުން ފަންސާހަކަށް ފޫޓު ގިރާލާފައިވާކަމަށާއި އެ ސަރަހައްދުގައި ހުރި ދެ ގެއަކަށް އަސަރުކުރާ ހިސާބަށް މި މައްސަލަ ބޮޑުވެފައިވާ ކަމަށް އެފަރާތުން މާޢުލޫމާތު ދެއްވައެވެ. އަދި މި މައްސަލައަށް ވަގުތީ ހައްލެއް ގެނައުމަށްޓަކައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުންނެވެ.

ކުޑަރިކިލު ގިރަމުންދަނީ ކަންބޮޑުވާންޖެހޭ މިންވަރަށް – ފޮޓޯ: ފޭސްބްކް
މިހާބޮޑަށް ގިރަމުންދަނީ މޫސުމަށް އައި ބަދަލުތަކަކުން ކަމަށް ލަފާކުރެވޭ ކަމަށްވެސް ހަންނާނު ވިދާޅުވިއެވެ.
ކުޑަރިކިލުގެ އިތުރުން ބ.ދަރަވަންދޫ އާއި ގޮއިދޫ އަދި ފެހެންދޫ ވެސް އާދަޔާ ޚިލާފަށް ގިރަމުންދާ މަންޒަރު ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ދަނީ ފެންނަމުންނެވެ.
