ރާއްޖޭގެ އެންމެ ގިނަ ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދެމުން އަންނަ މުވާސަލާތީ ކުންފުނި، އަދި މުޅި ދެކުނު އޭޝިއާގައި ވެސް އެންމެ ފުރަތަމަ 5ޖީ ނެޓްވޯކު ތަޢާރަފުކުރި ކުންފުނި، ދިރާގުން ވާވޭ މޭޓް 20 އެކްސް 5ޖީ ފޯނު ރާއްޖެއަށް ތަޢާރަފުކޮށްފިއެވެ.

މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފޯނު ތަޢާރަފުކޮށްދެއްވީ އެކުންފުނީގެ ޗީފް މާކެޓިންގ އޮފިސަރ މަޙުމޫދު ދަސަރު އެވެ.

ވާވޭގެ އަމިއްލަ ޗިޕްސެޓެއް ކަމުގައިވާ “ބެލޮން 5000” އިން މި ފޯނަށް ބާރުދީފައިވާއިރު، 7.2 އިންޗީގެ ބޮޑު “އޯލެޑް ސްކްރީން” އެއް މި ފޯނުގައި ހިމެނެއެވެ. މި ފޯނުގައި 4200 “އެމް.އޭ.އެޗް” ބާރުގަދަ ބެޓެރީ އެއް ހިމަނާފައިވާއިރު، ފޯނުގެ ފަހަތުގައި ވަރުގަދަ ތިން ކެމެރާ ހުރެއެވެ. ފޯނުގެ ފަހަތުގައިވާ 40 މެގަޕިކްސެލްގެ ކެމެރާ ޚާއްޞަކޮށްފައިވަނީ ވީހާވެސް ފުރިހަމަކަމާއެކު ސާފުކޮށް ފޮޓޯ ނެގުމަށެވެ. 8 މެގަޕިކްސެލްގެ “ޓެލެފޮޓޯ ލެންސް” ހިމެނޭ ކެމެރާ ޚާއްޞަކޮށްފައި ވަނީ ދުރުގައި ހުންނަ ތަކެއްޗަށް ފޯކަސް ކުރުމަށެވެ. 20 މެގަޕިކްސެލްގެ “އަލްޓްރާ ވައިޑް އޭންގަލް ލެންސް” ހިމެނޭ ކެމެރާ މަންޒަރު ބޮޑުވާނެހެން ވީހާވެސް ފުޅާކޮށް ފޮޓޯ ނެގުމަށް އެހީވެދެއެވެ. ކުރިމަތީގައި ހުންނަ ކެމެރާ އަކީ 24 މެގަޕިކްސެލްގެ ކެމެރާ އެކެވެ. އަދި، މި ފޯނުގައި ކަސްޓަމަރުންނަށް އިތުރަށް ފަސޭހަކުރުމުގެ ގޮތުން “ޕެން” އެން ހިމަނާފައިވެއެވެ.

ވާވޭ މޭޓް 20 އެކްސް 5ޖީ

ވާވޭ މޭޓް 20 އެކްސް މިރެއިން ފެށިގެން ދިރާގު ވެބްސައިޓު މެދުވެރިކޮށް ގަންނަން ލިބޭނެކަމަށް ދިރާގުން ބުނެފައިވެއެވެ. މިރެއިން ފެށިގެން ފޯނު ގަންނަން ހުޅުވާލި ނަމަވެސް، ކަސްޓަމަރުންނާއި ފޯނު ހަވާލު ކުރުން ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެންނެވެ.

ދިރާގުން މި ފޯނުތައް 15،899 ރުފިޔާ އަށް ވިއްކުމަށް ހަމަޖެހިފައިވާއިރު، އެ ކުންފުނީގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިންސްޓޯލްމަންޓަށް ވެސް ފޯނު ގަނެވޭނެއެވެ. އިންސްޓޯލްމަންޓަށް ފޯނު ގަންނަން ބޭނުންނަމަ ޑައުންޕޭމަންޓުގެ ގޮތުގައި 3،499 ރުފިޔާ ދައްކަން ޖެެހެއެވެ. އެއަށްފަހު ކޮންމެ މަހަކު ދައްކަން ޖެހޭނީ 1،129 ރުފިޔާއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 5ޖީ ނެޓްވޯކުގެ ޚިދުމަތް ލިބޭއިރު، 5ޖީ ނެޓްވޯކު ލިބޭ މިފަދަ ފޯނުތަަކަކީ މި ޓެކްނޮލޮޖީގެ ހަލުވިކަމާއި، ފަސޭހަކަން ތަޖުރިބާކޮށްލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ދިރާގުގެ ޑިވައިސް މެނޭޖަރ އަހުމަދު އިޝާން ވިދާޅުވިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.