1980 އާއި 1990އިގެ އަހަރުތަކުގައި ދިވެހި ފިލްމީ މަޝްރަހުން އެންމެ ވިދައިލި، ހުނަރުވެރި ތަރި މަރިޔަމް ރަޝީދާ، 30 އަހަރު ފަހުންް އަނެއްކާވެސް ފީޗާ ފިލްމަކުން ފެންނަން ތައްޔާރުވެއްޖެއެވެ. އައްޑޫ މަރަދޫ މަރިޔަމް ރަޝީދާ މިފަހަރު ފެންނާނީ ކާމިޔާބު ފިލްމު “ބަވަތި” އުފެއްދި ޓީމުން އުފައްދާ ފީޗާ ފިލްމު “ނީނާ” އިންނެވެ.

މިސްރުގެ މަޝްހޫރު ޑައިރެކްޓަރެއް ހެދި ފިލްމު “ޔޫސުފް އެންޑް ޒައިނަބް” އިން އަލަށް އެކްޓިންއަށް ނުކުތް މަރިޔަމް ރަޝީދާއަކީ ރާއްޖޭގެ ފުރަތަމަ ސްކްރީން ބަތަލާއޭ ވެސް ބުނެވިދާނެއެވެ. އެދުވަސްވަރުގެ ދިވެހި ފިލްމު އޯޑިއަންސްގެ ތެރޭގައި މަރިޔަމް ރަޝީދާ މަޝްހޫރުވެފައިވަނީ ’ދިވެހި ފިލްމު އިތުބާރުން ލަތީފާ‘ ނުވަތަ ’ދިވެހި ފިލްމު ލޭކަރުނައިން  ޒައިނާ‘ ގެ ނަމުން ނެވެ. “ޔޫސުފް އެންޑް ޒައިނަބް”ގެ އިތުރުން މަރިޔަމް ރަޝީދާ ކުޅެފައިވާ ފާހަގަކޮށްލެވޭ އެހެން ފިލްމުތަކުގެ ތެރޭގައި ’ލޭކަރުނަ’، ’ހާލި‘، ‘ހާސިލް’ އަދި ’އިތުބާރު‘ ހިމެނެއެވެ.

ފިލްމު “ޔޫސުފް އެންޑް ޒައިނަބް”ގައި މަރިޔަމް ރަޝީދާ

މަރިޔަމް ރަޝީދާ އާއި މުހައްމަދު ރަޝީދު (ދަރާ) ގެ އޮން ސްކްރީން ކެމިސްޓްރީއަކީ މިދުވަސްވަރުގެ، ޖުމައްޔިލް އާއި މަޖޫގެ ޖޯޑުހާ މަޤްބޫލު އޮންސްކްރީން ކެމިސްޓްރީއެއް ފެނުނު ޖޯޑެކެވެ. އެ ދުވަސްވަރު ދިވެހި ފިލްމު އުފެއްދުމުގައި އެންމެ ފުންނާބު އުސް ޑައިރެކްޓަރުން ކަމަށްވާ ހުސައިން ޝިހާބާއި މުހައްމަދު މުސްތޮފާ ހުސައިން ހެއްދެވި ގިނަ ފިލްމްތައް ކުޅުވީ މަރިޔަމް ރަޝީދާ އާއި ދަރާ ރަޝީދު ލައްވައެވެ.

https://www.youtube.com/embed/S-tR6bvZ3Y0

މިހާރު ލ. ގަމުގައި ޝޫޓްކުރަމުން އަންނަ ފިލްމު “ނީނާ”ގެ ޝޫޓިން ބްރޭކް ތެރެއިން މަރިޔަމް ރަޝީދާ (މަރީ)ގެ ޚާއްޞަ ބަސްދީގަތުމެއް މުނިއަވަސް އިން ހޯދައިލީމެވެ. ސްކްރީނުން ފެނުނު މަރިޔަމް ރަޝީދާގެ އެ ހުންނަ ހިތްގައިމު ހިނިތުންވުމާއެކު މުނިއަވަސް އަށް ވީޑިއޯ ބަސްދީގަތުމެއް ދީފައިވެއެވެ.

ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މިއަދު އެ ބަސްދީގަތުން ގެނެސްދެވޭގޮތް ވަނީ ނުވެފައެވެ. ނަމަވެސް މާދަމާގެ ވަގުތެއްގައި އެ ބަސްދީގަތުން ގެނެސްދެވޭނެ އެވެ.

ޝަކިއްތަ، ނުޒޫ އަދި މަރިޔަމް ރަޝީދާ – ފޮޓޯ: ނީނާ ޓީމް

“އެކްޓިންއާ އެހާ ދުރުގައި ގިނަދުވަސް ހުރުމުން އެކްޓްކުރަން ޓަޗްގެއްލިފައޭ ހުންނާނީ މަރީ ބުންޏަސް، ބުނެވޭނީ ޕްރެކްޓިސްއާއެކީގަ ވަރަށް އެކްޓިން ރަނގަޅޭ. ފިލްމު ޝޫޓްގައިވެސް މަރީ ދައްކާފައިވަނީ ވަރަށް ހިތްހަމަޖެހޭ ރަނގަޅު އެކްޓިންއެއް.” މަރިޔަމް ރަޝީދާގެ އެކްޓިންއާމެދު ފިލްމު “ނީނާ”ގެ ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) މުނިއަވަސް އަށް މިއަދު ބުންޏެވެ.

ފިލްމު “ނީނާ” ގައި މަރިޔަމް ރަޝީދާގެ ހުނަރުވެރި އެކްޓިން ފެނިގެންދާނެ – ފޮޓޯ: މުނިއަވަސް

އިއްލެ ބޭނުންވީ އެތަކެއް ދިވެހިންނެއް ލޯބިކުރަމުން އައި، އޭރުގެ ހުނަރުވެރި ފަންނާނު، އަލުން އަނބުރައި ފިލްމީ ދާއިރާއަށް ގެންނާށެވެ. އެކަން އިއްލެ މިވަނީ ސާބިތުކޮށްދީފައެވެ. ފިލްމު “ނީނާ” އިން މަރިޔަމް ރަޝީދާގެ މޮޅު އެކްޓިންއެއް ފެނިގެންދާނެކަން، ލާމުގައި ކުރިއަށްދާ ޝޫޓިންތަކުންވެސް ވަނީ ފެނިފައެވެ.

ފިލްމީ ދާއިރާއާއި ދުރަށް ދިއުމަށްފަހު މަރިޔަމް ރަޝީދާ ދިރިއުޅުން ބަދަލުކުރީ އުފަން ރަށަށެވެ. ނަމަވެސް ފިލްމީ މަސައްކަތްތަކާ ވަރަށް ބޮޑަށް ދުރުވުމަށް ފަހު ވެސް އަބްދުލް ފައްތާހްގެ ޑްރާމާ ސިލްސިލާ “ރޭޝަމް” އާއި “އިޚްތިޔާރު” ގައި މަރިޔަމް ރަޝީދާ ވަނީ ފެނިގެން ގޮސްފައެވެ.

މިހާރު އަނެއްކާވެސް މަރިޔަމް ރަޝީދާ އެހުރީ ދިވެހި ފިލްމީ ދާއިރާއިން ކުރިއަށް ދިއުމަށް ނުކުމެއެވެ. އަލުން މި ދާއިރާއަށް ފިޔަވަޅެއް އެ އެޅީ ވަރަށް ތަފާތު ވާނެކަމަށް ބެލެވޭ ފިލްމު “ނީނާ” އިންނެވެ.

ފިލްމު ”ނީނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.