ޚާލިދު އިބްނު އަލް ވަލީދުގެ ފުރިހަމަ ނަންފުޅަކީ ޚާލިދު އިބްނު އަލް ވަލީދު އިބްނު އަލް މުޤީރާ އަލް ޤުރައިޝީ އަލް މަޚްޒޫމީ އަބޫ ސުލައިމާން އެވެ.

سیف الله (މާތް ﷲ ގެ ކަނޑިކޮޅު) ގެ ލަޤަބު ލިބިވަޑައިގެންފައިވާ ޚާލިދު އިބްނު ވަލީދު رضي الله عنه އުފަންވެވަޑައިގަތީ މީލާދީގޮތުން 592 ވަނަ އަހަރުގައި މައްކާގައެވެ. އެކަލޭގެފާނު ނިސްބަތްވެވަޑައިގަންނަވަނީ ޤުރައިޝުންގެ ދަރިކޮޅެއްކަމުގައިވާ މަޚްޒޫމީ ދަރިކޮޅަށެވެ. އެކަލޭގެފާނު އިސްލާމްވެ ވަޑައިގަތީ ހިޖުރައިން ހަތްވަނަ އަހަރު ޚައިބަރު ހަނގުރާމަ އަށް ފަހުގައެވެ. ބައެއް ރިވާޔަތްތަކުގައި ވާގޮތުން ޚައިބަރު ހަނގުރާމައިގެ ކުރިން އެކަލޭގެފާނަށް އިސްލާމްދީނުގެ ހިދާޔަތުގެ އަލިކަން ވަނީ ލިބިވަޑައިގެންފައެވެ.

ޚާލިދު އިބްނު ވަލީދު رضي الله عنه އެއްދުވަހެއްގައި އިސްލާމްދީނާއި، ކީރިތި މާތް ނަބިއްޔާ މުޙައްމަދު صَلَّىٰ ٱللَّٰهُ عَلَيْهِ وَسَلَّمَ އާއި މެދު ފުންކޮށް ވިސްނަވަން އެކަނި އިށީނދެ ވަޑައިގެން އިންނެވިއެވެ. އިރުކޮޅެއް ވަންދެން އިށީނދެ ވަޑައިގެން އިންނެވުމަށް ފަހު ވިދާޅުވިއެެވެ. “ﷲ އަށްޓަކައި ބުނަމެވެ. މިހާރު ހުރިހާ ކަމެއް ސާފު ވެއްޖެއެވެ. އެ ބޭކަލަކީ ޝައްކެއްނެތް ގޮތުގައި ރަސޫލެކެެވެ. އެހެންކަމުން އެކަލޭގެފާނަށް ބައިއަތު ނުހިފައި މަޑުކުރަންވީ ކީއްވެގެން ހެއްޔެވެ؟ ﷲ އަށްޓަކައި އަހަރެން މިދަނީ އަހަރެންގެ ނަފުސު އިސްލާމްދީނަށް ހުށަހަޅާށެވެ.” ޚާލިދު އިބްނު ވަލީދު رضي الله عنه އިސްލާމްދީނަށް ވަދެވަޑައިގަތުމަށް މަދީނާ އަށް ދަތުރުފުޅު ކުރެއްވުމަށް ސަވާރީ އެއް ހޯއްދެވުމަށް ނިކުމެ ވަޑައިގެން އުޅުއްވަނިކޮށް އުޘްމާން އިބްނު ޠަލްޙާ رضي الله عنه އާއި، އަމްރު އިބްނު އަލް އާސް رضي الله عنه އާއި ދިމާވެ ވަޑައިގަތެވެ. އެ ދެ ބޭކަލުން ވެސް ވަޑައިގެންނެވީ އިސްލާމްދީނަށް ވަދެވަޑައިގަތުމަށްޓަކައި ކީރިތި މާތް ރަސޫލާ صَلَّىٰ ٱللَّٰهُ عَلَيْهِ وَسَلَّمَ އަށް ބައިއަތު ހިއްޕެވުމަށެވެ. ދެން އެ ތިން ބޭކަލުން އެކުގައި މަދީނާ އަށް ވަޑައިގެން ކީރިތި މާތް ރަސޫލާ މުޙައްމަދު صَلَّىٰ ٱللَّٰهُ عَلَيْهِ وَسَلَّمَ އަރިހުގައި އިސްލާމްވެ ވަޑައިގެންނެވިއެވެ.

މުޅި ދުނިޔޭގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު އަދި އެންމެ ކުޅަދާނަ ހަނގުރާމައިގެ ކޮމާންޑަރު، ޚާލިދު އިބްނު ވަލީދު رضي الله عنه މަޝްހޫރުވެ ވަޑައިގެންފައިވަނީ އެކަލޭގެފާނުގެ ތޫނުފިލިކަމާއި، ލީޑާޝިޕާއި، ހަނގުރާމަ ކުރުމުގައި ގެންގުޅުއްވި މޮޅެތި އުކުޅުތަަކާއި އަދި ލިބިވަޑައިގެންފައިވާ ހަނގުރާމައިގެ މޮޅެތި ހުނަރުތަކުގެ ސަބަބުންނެވެ. ކީރިތި މާތް ރަސޫލާ މުޙައްމަދު صَلَّىٰ ٱللَّٰهُ عَلَيْهِ وَسَلَّمَ ގެ އިރުޝާދުގެ ދަށުން ޚާލިދު އިބްނު ވަލީދު رضي الله عنه މުސްލިމުންގެ ލަޝްކަރުގެ ކޮމާންޑަރުކަން ކުރެއްވިއިރު، ރާޝިދޫން ޚިލާފަތުގައި އަބޫބަކުރު އަލް ސިއްދީޤު رضي الله عنه އަދި އުމަރު އިބްނު ޚައްޠާބް رضي الله عنه އިރުޝާދުގެ ދަށުން ވެސް މުސްލިމުންގެ ލަޝްކަރުގެ ކޮމާންޑަރުކަން އެކަލޭގެފާނު ވަނީ ކުރައްވާފައެވެ.

އިސްލާމްދީނުގެ ހިދާޔަތުގެ އަލިކަމަށް ވަޑައިގެންނެމަށް ފަހު ޚާލިދު އިބްނު ވަލީދު رضي الله عنه އެންމެ ފުރަތަަމަ ބައިވެރިވެ ވަޑައިގެންނެވީ މޫތާ ހަނގުރާމައިގައެވެ. މޫތާ ހަނގުރާމައިގައި ޝަހީދުވެ ވަޑައިގަތް މާތް ތިން ސަޙާބީންގެ ކަމުގައިވާ ޒައިދު އިބްނު ޙާރިޘް رضي الله عنه އާއި، ޖަޢުފަރު އިބްނު އަބީ ޠާލިބް رضي الله عنه އަދި އަބްދުﷲ އިބްނު ރަވާޙް رضي الله عنه މި ހަނގުރާމައިގައި ޝަހީދުވެ ވަޑައިގަތުމުން މުސްލިމުންގެ ލަޝްކަރުގެ ދިދަ އުފުއްލަވާ އެ ލަޝްކަރުގެ ކޮމާންޑަރުކަމާއި ހަވާލުވެ ވަޑައިގެންނެވީ ޚާލިދު އިބްނު ވަލީދު رضي الله عنه އެވެ. ސީރިއާގައި ރޯމަނުންނާއި ދެކޮޅަށް ކުރެއްވި މި މަޝްހޫރު ހަނގުރާމައިގައި ދުޝްމިނުންނަށް ހަމަލާދެެއްވުމުގައި އެކަލޭގެފާނުގެ އަތްޕުޅުން ނުވަ ކަނޑިކޮޅު ބިންދައިގެން ދިޔަކަމުގައި ވެއެވެ. ހަމައެކަނި ބިންދައިގެން ނުގޮސް އޮތީ ޔަމަނުން ތައްޔާރުކޮށްފައިވާ ކަނޑި އެކެވެ. މޫތާ ހަނގުރާމަ ނިމުމުން ކީރިތި މާތް ރަސޫލާ މުޙައްމަދު صَلَّىٰ ٱللَّٰهُ عَلَيْهِ وَسَلَّمَ ޚާލިދު އިބްނު ވަލީދު رضي الله عنه އަށް سیف الله (މާތް ﷲ ގެ ކަނޑިކޮޅު) ގެ ލަގަބު އެރުއްވިއެވެ. މޫތާ ހަނގުރާމަ އަށް ފަހު މުޝްރިކުން ސުލްޙް ހުދައިބިއްޔާގެ އެއްބަސްވުން އުވާލުމުން މައްކާ ފަތަޙަ ކުރެއްވުމަށް އެކުލަވާލި މުސްލިމުންގެ ލަޝްކަރުގެ ކަނާތު ފިޔައިގެ ކޮމާންޑަރަކަށް ކީރިތި ރަސޫލާ މުޙައްމަދު صَلَّىٰ ٱللَّٰهُ عَلَيْهِ وَسَلَّمَ އައްޔަން ކުރެއްވީ ޚާލިދު އިބްނު ވަލީދު رضي الله عنه އެވެ.

މާތް ﷲ سُبْحَانَهُ وَتَعَالَى ގެ ކަލިމަފުޅު މަތިވެރިކޮށް އިސްލާމްދީނަށް ނަސްރު ހޯދުމަށް މުސްލިމް އުއްމަތުގެ އެއް “ހީރޯ” ޚާލިދު އިބްނު ވަލީދު رضي الله عنه 115 އަށްވުރެން ގިނަ ހަނގުރާމަ ކުރެއްވިކަމަށް ވެއެވެ. އެކަލޭގެފާނު އެއިން އެއްވެސް ހަނގުރާމަ އެއްގައި ބަލިވެފައި ނުވެއެވެ. އެކަލޭގެފާނު ވިދާޅުވި ކަމަށްވެއެވެ. “އަލަތު ކައިވެނީގެ ރެއަށް ވުރެން ވެސް އަދި އަލަތު ދަރިއެއް ލިބޭ ދުވަހަށް ވުރެން ވެސް، ދުޝްމިނުންނާ ހަނގުރާމަ ކުރުމަށް ފަތިހުގެ އިންތިޒާރުގައި، ސަޙާބީންގެ އަރިހުގައި ހަނގުރާމަ އަށް ތައްޔާރުވުމަށް ހޭދަކުރާ ރޭގަނޑުގެ ވަގުތުތައް އެކަލޭގެފާނުގެ އަރިހުގައި ލޮބުވެތިކަން މާބޮޑެވެ.”

ޚާލިދު އިބްނު ވަލީދު رضي الله عنه އާއި ބެހޭގޮތުން މުސްލިމުންގެ ފުރަތަަމަ ޚަލީފާ އަބޫބަކުރު އަލް ސިއްދީޤު رضي الله عنه ވިދާޅުވިއެެވެ.

“އަންހެނެއްގެ ބަނޑުން ޚާލިދު އިބްނު ވަލީދު رضي الله عنه ފަދަ ބޭކަލެއް ދެން އުފަން ނުވާނެއެވެ.”

ދުނިޔޭގެ އެތައް ބާރެއް ކުޑަކަކޫ މައްޗަށް ތިރިކުރި ހިތްވަރުގަދަ ފަހުލަވާނު، މާތް ﷲ سُبْحَانَهُ وَتَعَالَى ގެ ކަނޑިކޮޅު، ޚާލިދު އިބްނު ވަލީދު رضي الله عنه ބަލި އެނދުގައި އޮންނަވައިގެން ވިދާޅުވިއެެވެ.

“މާތް ﷲ سُبْحَانَهُ وَتَعَالَى ގެ ކަލިމަފުޅު މަތިވެރިކޮށް، އެކަލާނގެ ދީނަށް ނަސްރު ހޯދައި ހަނގުރާމައިގެ މައިދާނުގައި ޝަހީދުވުމަށް ތިމަން ކަލޭގެފާނު އެތައް ހަނގުރާމަ އެއް ކުރެއްވީމެވެ. ތިމަން ކަލޭގެފާނުގެ ހަށިގަނޑުގައި ޒަޚަމެއް ނެތް ކައިވަތެއް ވަރުގެ ތަންކޮޅެއް ވެސް ނެތެވެ. ނަމަވެސް ތިމަން ކަލޭގެފާނު ދުނިޔެ ދޫ މިކުރައްވަނީ މުސްކުޅި ޖަމަލެއް ދުނިޔެ ދޫ ކުރާ ފަދައިންނެވެ. ކާފިރުން ލޮލަށް ހަމަ ނިދި ނުލިބޭށިއެވެ.”

މިއަޑު އައްސަވާފައި އެކަލޭގެފާނުގެ އަނބިކަނބަލުން ވިދާޅުވިއެވެ.

“ކަލޭގެފާނަކީ މާތް ﷲ ގެ ކަނޑިކޮޅެވެ. ހަނގުރާމައިގެ މައިދާނުގައި ކަލޭގެފާނު ބަލިވުމަކީ ނުވާނެ ކަމެކެވެ. އަދި ކަލޭގެފާނު ޝަހީދުވެއްޖެނަމަ، އެވާނީ މާތް ﷲ ގެ ކަނޑިކޮޅު ކާފަރުން އަތުން ހަލާކުވީ ކަމުގައެވެ. އެހެންކަމުން މާތް ﷲ ގެ ކަނޑިކޮޅު ހަލާކުވުމަކީ ނުވާނެ ކަމެކެވެ.”

ޚާލިދު އިބްނު ވަލީދު رضي الله عنه ވަގުތީ މި ދުނިޔެ ދޫކުރައްވައި މާތް ﷲ سُبْحَانَهُ وَتَعَالَى ގެ ހަޟްރަތަށް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ މީލާދީގޮތުން 642 ވަނަ އަހަރުގައެވެ. މުސްލިމް އުއްމަތުގެ “ހީރޯ” އަވަހާރަވުމުން އެކަލޭގެފާނުގެ މޫނުފުޅަށް އެންމެ ފަހުގެ ބެއްލެވުން ބައްލަވަމުން ކަރުނުން ފުރިފައިވާ ހާލު އެކަލޭގެފާނުގެ މަންމާފުޅު ވިދާޅުވިއެވެ.

“ޚާލިދުގެ ހިތްވަރުގެ ވާހަކަ ތިޔަބައިމީހުން އަހާނަން ހެއްޔެވެ؟ ނުރައްކަލެއް ދިމާވާ ހާލަތުގައި ދަރިން ސަލާމަތްކުރަން މަސައްކަތްކުރާ ބޮޑު ވަރުގަދަ ސިންގާ އަކަށް ވުރެން އެކަލޭގެފާނު މާ ހިތްވަރުގަދައެވެ. ޚާލިދުގެ ދީލަތިކަމުގެ ވާހަކަ ތިޔަބައިމީހުން އަހާނަން ހެއްޔެވެ؟ ވިއްސާރަ ދުވަހެއްގައި ފަރުބަދަ މަތިން އޮހިގެން އަންނަ ފެނަށް ވުރެން އެކަލޭގެފާނު ދީލައްޗެވެ.”

ޚާލިދު އިބްނު ވަލީދު رضي الله عنه ގެ މަންމާފުޅުގެ މި ވާހަކަތައް އަޑު އިވިފައި މުސްލިމުންގެ ދެވަނަ ޚަލީފާ އުމަރު އިބްނު ޚައްޠާބް رضي الله عنه ގެ ލޯފުޅުން ހިފެހެއްޓުމެއް ނެތި ކަރުނަފޮދު އޮހިގަތެވެ. އެއަށް ފަހު، އެކަލޭގެފާނު ޚާލިދު އިބްނު ވަލީދު رضي الله عنه ގެ މަންމާފުޅަށް ވިދާޅުވިއެވެ.

“ކަމަނާ ތިޔަ ހެއްދެވީ ތެދުފުޅެކެވެ. މާތް ﷲ އަށްޓަކައި ބުނަމެވެ. ކަމަނާ ތިޔަ ވިދާޅުވި ހުރިހާ ސިފައެއް އެކަލޭގެފާނުގެ ކިބައިގައި ހުއްޓެވެ.”

ޚާލިދު އިބްނު ވަލީދު رضي الله عنه ދުނިޔެ ދޫކުރެއްވިއިރު، މިލްކިއްޔާތުގައި ހުރީ ހަމައެކަނި އެކަލޭގެފާނުގެ ކަނޑިކޮޅާއި، އަސްކޮޅެވެ. އެކަލޭގެފާނު ދުނިޔެ ދޫކުރެއްވުމުގެ ކުރިން އެތަކެތި މުސްލިމުންގެ ދެވަނަ ޚަލީފާ އުމަރު އިބްނު ޚައްޠާބް رضي الله عنه އަށް ދެއްވުމަށް އެކަލޭގެފާނު ވަސިއްޔަތްޕުޅު ކުރެއްވިއެވެ. އެކަލޭގެފާނު ފަސްދާނު ލެވުނު ވަގުތުގައި މުޅި ދުނިޔެ ވެސް އެ ހިތާމައިގައި ބައިވެރި ފަދަ އިޙްސާސް ސަޙާބީންނަށް ކުރެވުނު ކަމަށްވެއެވެ. އެކަލޭގެފާނު ފަސްދާނު ލެވިފައިވަނީ ސީރިއާގެ ހޮމްސް ގައެވެ. މިހާރު އެކަލޭގެފާނުގެ މަހާނަކޮޅު ވަނީ އެކަލޭގެފާނުގެ ނަމުން ނަން ދެވިފައިވާ މިސްކިތާއި އެއްކޮށްލާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.