މަޤްބޫލު އެނާޖީ ޑްރިންކް ރެޑްބުލްގެ ފަރާތުން ރާއްޖޭގައި ބާއްވަމުން އަންނަ “ރެޑްބުލް ވިނިން ފައިވް – މޯލްޑިވްސް 2020 މުބާރާތް” މި އަހަރުވެސް ހަނިމާދޫގައި އޮންނާނެއެވެ.
މި މުބާރާތުގެ ފުރަތަމަ ކޮލިފިކޭޝަން ރައުންޑު ރާއްޖޭގެ އެކި އަތޮޅުތަކުގެ އެކިއެކި ރަށްތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ހަނިމާދޫގައި މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 28 ފެބްރުއަރީ 2020 ވާ ހުކުރު ދުވަހު، ހަނިމާދޫ މަލްޓިޕާޕަސް ޓާފު ދަނޑުގައެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް މާލޭގައި އޮންނަ ފައިނަލް ރައުންޑަށް ދިއުމުގެ ފުރުޞަތު ލިބިގެންދާއިރު، މި މުބާރާތުގައި ބައިވެރި ވުމަށް ޓީމު ރަޖިސްޓްރީ ކުރަން ޖެހެނީ ރެޑްބުލްގެ ޕޭޖު މެދުވެރިކޮށް އޮންލައިންކޮށެވެ. ހަނިމާދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގައި ޓީމު ރަޖިސްޓަރީ ކުރުމުގެ އެންމެ ފަހު ތާރީޚަކީ 26 ފެބްރުއަރީ 2020 ވާ ބުދަދުވަހެވެ.
ރެޑްބުލްގެ ފަރާތުން އިންތިޒާމު ކޮށްގެން ކާމިޔާބުކަމާއިއެކު ހިންގަމުން އަންނަ މި މުބާރާތުގެ ކޮލިފިކޭޝަން ރައުންޑު ކުޅުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހަނިމާދޫ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ، ހޯރަފުށި، އިހަވަންދޫ، މާފުށި، ފުވައްމުލަށް، ލ.ގަން، ގދ.ތިނަދޫ، ވިލުފުށި، ތިމަރަފުށި، އޭދަފުށި، މަޑިފުށި، ހިރިލަންދޫ އަދި ވިލިމާލެއެވެ. މީގެއިތުރުން މާލޭ ސަރަހައްދުގައި ޖުމުލަ އެގާރަ ކޮލިފިކޭޝަން މުބާރާތް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ފާއިތުވި 2019 ވަނަ އަހަރު ރެޑްބުލް ވިނިން ފައިވްގެ، ފައިނަލް ބުރުގެ، ފައިނަލް މެޗުގައި ވާދަކޮށްފައިވަނީ ހަނިމާދޫގެ ޗެމްޕިއަން އަޅިބުރޯ އާއި ހޯރަފުށީގެ ޗެމްޕިއަން ޕަބުޖީއެވެ. ފައިނަލް މެޗު ކާމިޔާބުކޮށް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޓީމް ޕަބުޖީއެވެ.
