ހިތްގައިމު، ރީތި، ލޯބި، އަސަރުގަދަ ދިވެހި ފިލްމެއް ބަލައިލަން ބޭނުންހެއްޔެވެ؟ އަވަހަށް ބައިސްކޯފަށް ވަދެ ފިލްމުތައް ހުރި ބައިން، “ލަވް ސްޓޯރީ” އިޚްތިޔާރުކޮށްލާށެވެ. މިއީ މި ފަހުން ނުކުތް ދިވެހި ފިލްމުތަކުން ގައިން ހީބިހި ނަގައިގެންދާހާ އަސަރުގަދަ ލޯބީގެ ވާހަކައެކެވެ.

28 މާރިޗް 2012 ގައި ރިލީޒްކޮށްފައިވާ “ލަވް ސްޓޯރީ” އަކީ ނޫރު އެންޑް މޫވީސްގެ ދެވަނަ ފީޗާ ފިލްމެވެ. އަސަރުގަދަ، ލޯބީގެ ވާހަކައެކޭ މިހެން ބުނެލާ ބުނުމަކުން މި ފިލްމުގެ އަސަރު ބަޔާންކޮށްދޭން ވެސް ފަސޭހަ ނޫންހައި އަސަރުގަދަ ފިލްމަކަށް މި ފިލްމު ވާނެއެވެ.

“ލަވް ސްޓޯރީ” އަސަރުގަދަ ނުވާންވީ ސަބަބެއްވެސް ނެތެވެ. ލޯބީގެ ފޮނިފޮނި އަސަރުން ފުރިފައިވާ ޑައިލޮގުތަކުން މި ފިލްމުގެ ވާހަކަ މުއްސަނދިކޮށްދީފައި ވަނީ ބިންމާ އިބްރާހިމް ވަހީދުއެވެ. ބިންމާ އިބްރާހިމް ވަހީދުގެ ގަލަމުގެ ދެލިން ފަވާލާފައިވާ އަސަރުގަދަ މަންޒަރުތަކާއި ޑައިލޮގުތަކަށް ދިރުން ގެނެސްދީފައިވަނީ މަޝްހޫރު ޑައިރެކްޓަރ އަބްދުލް ފައްތާހުގެ އިރުޝާދާއެކުގައެވެ.

ފައްތާހުގެ އިރުޝާދުތަކަށް އަސްލާ އެއްގޮތަށް މޮޅު އެކްޓިންއެއް ދައްކާފައިވަނީ މިފިލްގެ ލީޑް ރޯލް ކުޅެފައިވާ އަލީ ސީޒަނާއި އާމިރާ އިސްމާއިލް އާއި އައިޝަތު ރިސްމީ އެވެ. މި ފިލްމުގައި ސީޒަން އާއި އާމިރާގެ ފަރާތުން ފެނިފައިވަނީ މީގެ ކުރިން އެމީހުން ދައްކާފައި ނުވާފަދަ ހުނަރުވެރި މޮޅު އެކްޓިންއެކެވެ. ރިޝްމީގެ އެކްޓިންވެސް ހަމަ އެހާމެ ތަފާތުވެފައި އަސްލާ އެއްގޮތެވެ.

ލަވް ސްޓޯރީގެ ޕޯސްޓަރެއް

ފިލްމުގެ ވާހަކައަކީ ތިނެސްކަން ލޯބީގެ ވާހަކައެކެވެ. މި ފިލްމް ފެށިގެން އަންނައިރު އެންމެ ފުރަތަމަ ވެސް ފެނިގެންދަނީ ޝީޒަން އާއި އާމިރާ ބައްދަލުވާ މަންޒަރެވެ. މިދެތަރިންގެ ލޯބީގެ ސިލްސިލާ ފެށެނީ ސަރުކާރުގެ ދަތުރެއްގައި އާމިރާމެންގެ ރަށަށް ޝީޒަން ގޮސް ހުއްޓަ އެވެ.

ފިލްމުގައި ވާގޮތް ސިފަކޮށްދޭން ކިތަންމެ ބޭނުންވިޔަސް، އެއީކީ ކުރެވޭނެ ކަމެއް ނޫނެވެ. މިއީ މޮޅު، ރީތި، އަސަރުގަދަ “ލަވް ސްޓޯރީ” އެކޭ ބުނެލުން ފިޔަވައި އިތުރަށް ކުރެވޭނެ ހުޝާމަދެއް ނެތެވެ. މި ފިލްމު ބެލުމަށްފަހު މިއީ ފިލްމުގެ ޓެގްލައިންގައި ބުނެފައިވާ ފަދައިން މިހާތަނަށް ނުކުތް އެންމެ ރޮމޭންޓިކް ފިލްމޭ ބުނަންވެސް ޖެހިލުންވާނެ މީހަކު ނުހުންނާނެވަރުގެ ރީތި “ލަވް ސްޓޯރީ” އެކެވެ.

މި ފިލްމަކީ 2016 ވަނަ އަހަރު ބޭއްވި ޤައުމީ ފިލްމު އެވޯޑްސްގައި ތިން ވަނައަށް އެންމެ ގިނަ ނޮމިނޭޝަން ލިބުނު ދެ ފިލްމުގެ ތެރެއިން އެއް ފިލްމެވެ. އެގޮތުން އެ ފިލްމަށް 14 ނޮމިނޭޝަން ލިބިފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.