ބޮލީވުޑްގައި އަރަމުން އަންނަ ދެ ތަރިން ކަމަށްވާ އަހާން ޕާންޑޭ އަދި އަނީތު ޕައްޑާ އެކުގައި ފެނިގެންދާ، ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ދެވަނަ ފިލްމުގެ ޝޫޓިން ރަސްމީކޮށް ފަށައިފިއެވެ.
މި ޚަބަރު އާންމުންނާ ހިއްސާކޮށްފައިވަނީ ފޮޓޯގްރާފަރު ބޫޝަން ގަވަސްއެވެ. އޭނާ ވަނީ ފިލްމުގެ ސެޓުން ނަގާފައިވާ ބައެއް ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އަދި ނަން ހާމަކޮށްފައިނުވާ މި ފިލްމުގެ ކެމެރާގެ މަސައްކަތްތަކުގައި ހަރަކާތްތެރިވަނީ މަޝްހޫރު ސިނަމަޓޯގްރާފަރު އަނިލް މެހެތާކަން މި ފޮޓޯތަކުން ވަނީ ހާމަވެފައެވެ.
މި ފިލްމަކީ ކުޅަދާނަ ޑައިރެކްޓަރު މޯހިތު ސޫރީ ޑައިރެކްޓްކުރާ ފިލްމެކެވެ. މިއީ 2025 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު “ސައްޔާރާ” އަށްފަހު، މޯހިތު ސޫރީއާއެކު އަހާން އަދި އަނީތު މަސައްކަތްކުރާ ދެވަނަ ފަހަރެވެ. ޔަޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ ދަށުން އަކްޝޭ ވިދާނީ ޕްރޮޑިއުސްކުރާ މި ފިލްމަކީ ޒުވާނުންނަށް ޚާއްސަ، އަސަރުގަދަ ލޯބީގެ ޑްރާމާއެކެވެ.
މި ފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި ރަސްމީކޮށް އިޢުލާންކޮށްފައި ނުވި ނަމަވެސް، ޕްރޮޑަކްޝަން ޓީމުން އަމާޒު ހިފާފައިވަނީ މި އަހަރު ނިމުމުގެ ކުރިން ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލުމަށެވެ.
މި ފިލްމުގެ އިތުރުންވެސް މި ދެ ތަރިންގެ ކުރިއަށް އޮތް ޕްރޮޖެކްޓްތަކަށް ބަލާއިރު، އަހާން ޕާންޑޭ ދެން އެންމެ އަވަހަށް ފެނިގެންދާނީ ޝަރްވަރީއާއެކު “ބޭޕަރްވާ” އިންނެވެ. އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ މި ރޮމޭންޓިކް އެކްޝަން ޑްރާމާ ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ 26 މާރިޗު 2027 ގައެވެ.
އަނެއްކޮޅުން އަނީތު ޕައްޑާގެ ކުރިއަށް އޮތީ “ޝަކްތި ޝާލިނީ” އެވެ. މިއީ މެޑޮކް ފިލްމްސްގެ ހޮރޯ-ކޮމެޑީ ޔުނިވާސްގެ ހަވަނަ ފިލްމެވެ. މި ހިންދީ ބިރުވެރި މަޖާ ފިލްމުގައި އަނީތުއާއެކު ވިޝާލް ޖެތުވާ އަދި ނާނާ ޕަޓޭކަރު ފަދަ ފަންނާނުން ފެނިގެންދާނެއެވެ.
