ސްކްރީން ރައިޓަރ އަޙްމަދު ޒަރީރުގެ ‘އެއް ކާފު ޕްރޮޑަކްޝަންސް’ އިން އުފައްދާ ފީޗާ ފިލްމު “މަރްޔަމް”ގެ ޝޫޓިން މާލޭގައި ނިންމާލުމަށްފަހު، ފިލްމުގެ ޝޫޓިންއަށް މ. މުލަކަށް ޕްރޮޑަކްޝަން ޓީމާއި ތަރިން މިއަދު ފުރާނެ ކަމަށް ޒަރީރް ބުނެފިއެވެ. ފިލްމު “މަރްޔަމް” އަކީ މަރްޔަމް މަޖްދާ (މަޖޫ)، ޑާކް ރެއިންގެ ފިލްމެއް ނޫން އެހެން ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.

ފިލްމު “މަރްޔަމް” އަކީ ‘ބަދަލެއްގެ ފެށުން’ ޓެގްލައިންގައި ގެނެސްދޭ ވަރުގަދަ ސިޔާސީ ފިލްމެއްކަމަށް ޒަރީރް ބުނެއެވެ. މި ފިލްމުގައި ކިޔައިދޭނީ ސިޔާސީ ދެކޮޅުވެރިކަމާއި ބައިބައިވުމުގެ ތެރެއިން ރައްޔިތުންނަށް އުއްމީދެއް ގެނެސްދިނުމަށް ނުކުންނަ އަންހެނެއްގެ ވާހަކަ ކަމަށްވެސް، ފިލްމުގެ މަޢުލޫމާތު ފުރަތަމަ ފަހަރަށް މީޑިއާއާއި ހިއްސާކުރަމުން މުނިއަވަސް އަށް ޒަރީރް ބުންޏެވެ.

ފިލްމު “މަރްޔަމް”ގެ ލީޑް ކާސްޓަކީ ‘މަރްޔަމް’ގެ ކެރެކްޓަރ އިން ފެނިގެންދާ މަރްޔަމް މަޖްދާ އެވެ. މަޖްދާ އާއެކު ފިލްމުގެ މުހިންމު ކެރެކްޓަރތަކުން އަޙްމަދު ސަޢީދު، ޢަލީ އާޒިމް (ދޮން އައްޔަ)، ނިޝް، ޢަލީ ޝަޒްލީމް، ވައްޑެ، ރޯނު ހަސަނިކް ފެނިގެންދާނެއެވެ. މީގެ އިތުރުން މުލަކުން ވެސް ފިލްމުގެ ސަޕޯޓިން ރޯލުތަކުން މީހުން ބައިވެރިކުރާނެ ކަމަށް ޒަރީރް ބުންޏެވެ.

ފިލްމު “މަރްޔަމް”ގެ މަންޒަރެއްގައި ސަޢީދު – ފޮޓޯ: އެއް ކާފު ޕްރޮޑަކްޝަންސް

މިއީ ސިނަމޮޓޮގްރަފީގައި މިވަގުތު ރާއްޖޭގެ ފިލްމީ މަޝްރަހުން އެންމެ ފާހަގަކޮށްލެވޭ ކެމެރާމަން ވިޝާން (ކަނޑި)، ޑައިރެކްޓްކޮށް ކެމެރާކުރާ ފިލްމެކެވެ. ފިލްމުގެ ވާހަކަ އަދި ސްކްރީންޕްލޭ ލިޔުނީ ޒަރީރް އެވެ.

‘އެއް ކާފު ޕްރޮޑަކްޝަންސް’ އިން ޕްރޮޑިއުސްކުރާ ފިލްމު “މަރްޔަމް”ގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކުރާނީ ކާމިޔާބު ޕްރޮޑަކްޝަންތަކެއް އުފައްދަމުން އަންނަ ޕްރޮޑަކްޝަން ހައުސް ‘އޯކޭޒް’ އިންނެވެ.

ފިލްމު “މަރްޔަމް”ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ މުނިއަވަސް އެވެ.

ފިލްމު “މަރްޔަމް”ގެ މަންޒަރެއްގައި ސަޢީދު – ފޮޓޯ: އެއް ކާފު ޕްރޮޑަކްޝަންސް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.