​ރަށްގިރުމުގެ މައްސަލައަކީ ދިވެހިންނަށް އައު ވާހަކައެއް ނޫނެވެ. އެއީ ހުރިހައި ދިވެހިން ވެސް ދަންނަ، ބައު ވާހަކައެކެވެ. ދިވެހިރާއްޖޭގެ އެކިއެކި ރަށްރަށަށް މި މައްސަލަ ދިމާވަމުން ދިޔުމާއި ގުޅިގެން މި ވާހަކަތައް ދޭތެރެދޭތެރެއިން ނޫސްތަކުގެ ސުރުޚީތަކުން ޖާގަ ހޯދަމުންދެއެވެ. ބައެއް ރަށްރަށް އުފެދިފައިވާ ގޮތުން ގިރުމުގެ މައްސަލަ ކޮންމެވެސް ވަރަކަށް ކުރިމަތިވަމުން ދެއެވެ. އަނެއްބައި ރަށްރަށަށް މި މައްސަލަ ކުރިމަތިވެގެން ގޮސްފައިވަނީ ތަރައްޤީގެ ނަމުގައި ގެނެވުނު ބައެއް ކަންކަމާއި ގުޅިގެންނެވެ.

ހަނިމާދޫގައި ގިރަމުންދާ ސަރަހައްދު – ފޮޓޯ: ތޮއްލެ ފޮޓޯގްރަފީ

1999 ވަނަ އަހަރުގެ ކުރިން ހަނިމާދޫއަކީ ރަށްގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ރަށެއް ނޫނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. 6500 މީޓަރު ދިގުމިނުގައި އަދި 730 މީޓަރު ފުޅާމިނުގައި ހުންނަ މި ބިޔަ ބޮޑު ރަށުގެ އަތިރިމައްޗަކީ ނުވަތަ ގޮނޑުދޮށަކީ އެދުވަސްވަރު ރީތިކަމުގެ ނަމޫނާއެކެވެ. ރަށުގެ އެއްކޮޅުން އަނެއްކޮޅަށް ދެމިފައި އޮތް ދޮންވެލި އަތިރިމައްޗަކީ ބަލައި ފޫހިނުވާވަރު ޗާލު ތަނެކެވެ. ބައެއް ސަރަހައްދުތަކުގައި އަދިވެސް އެ ފުރިހަމަކަން ފެންނަން އޮތް ނަމަވެސް މިއަދު މަންޒަރު މިވަނީ ކުރިޔާއި އަޅާބަލާއިރު ވަރަށް ބޮޑަށް ބަދަލުވެފައެވެ. އެކަށީގެންވާވަރަށް ދިރާސާ ނުކޮށް ރަށަށް އަރާފޭބުމަށް ހެދުނު ބަނދަރުގެ ސަބަބުން މުޅިރަށުގެ ގޮނޑުދޮށުގެ “ވިއު” މިއަދު މިވަނީ އެއްކޮށް ބަދަލުވެގެން ގޮސްފައެވެ.

ހަނިމާދޫގައި ގިރަމުންދާ ސަރަހައްދު – ފޮޓޯ: ތޮއްލެ ފޮޓޯގްރަފީ

ހަނިމާދޫގައި އަރާފޭބުމަށްޓަކައި ފުރަތަމަ ބަނދަރު ހެދުމުގެ މަސައްކަތް ފައްޓަވާފައި ވަނީ 1999 ވަނަ އަހަރުގެ ތެރޭގައި ރައީސް މަޢުމޫން އަބްދުލް ޤައްޔޫމުގެ ވެރިކަމުގައެވެ. ރަށުން ބޭރަށްވާގޮތަށް ފަސްއަޅައި ބޮޑު ސަރަހައްދެއް ނެރެ، ބަސްތާ ޖަހައިގެން ތޮށިހަދައި، އެ ސަރަހައްދަށް އޮޑިދޯނި ފަހަރަށް ވަދެވޭނޭހެން ފުންކުރެވުނެވެ. ބޭރުތޮށި ވެސް އެ ދުވަސްވަރު އެތަނުގައި ލާފައި ނެތުމުން އެތަނުގެ ބޭނުން އެދުވަސްވަރު އެކަށީގެންވާ ގޮތެއްގައި ނުކުރެވި އޮއްވައި، ހަމަ އެ ބަނދަރުގެ ބޭރުތޮށިލައި މިހާރު ފެންނަން އޮތްގޮތަށް ނިންމައި ބޭނުން ކުރަން ފެށިފައިވަނީ 2006 ވަނަ އަހަރުއެވެ. ދައްކަން މި އުޅެނީ ބަނދަރުގެ ވާހަކައަށް ނުވިކަމުގައި ވިޔަސް ރަށްގިރުމާއި މިކަމާއި ގުޅުން އޮތުމުން މިކަން ވެސް ހިއްސާކޮށްލީއެވެ.

ހަނިމާދޫގައި ގިރަމުންދާ ސަރަހައްދު – ފޮޓޯ: ތޮއްލެ ފޮޓޯގްރަފީ

އިސްވެ ބަޔާންކުރެވި ދިޔަ ބަނދަރުގެ ސަބަބުން މެދުކެނޑުމެއްނެތި ހަނިމާދޫގެ، ބަނދަރުގެ ދެކުނު ފަރާތް ގިރަމުންދާތާ މިހާރު 20 އަހަރު ފާއިތުވީއެވެ. ފާއިތުވި 20 އަހަރު ދުވަހު ރަށުގެ އެ ސަރަހަށްދުން 100 ނުވަތަ 150 ފޫޓުގެ މިންވަރު މިހާރުވަނީ ގިރައިގެން ގޮސްފައެވެ. މީގެ އިތުރުން ބަނދަރުގެ ދެކުނު ފަރާތުން ފެށިގެން އެތައް ސަތޭކަ ދުރުމިނަކަށް މިކަމުގެ އަސަރުވަނީ ކޮށްފައެވެ. ގިނަގުނަ ރުށްގަސް ވެއްޓިގެން ގޮސްފައިވެއެވެ. މި މައްސަލަ ކުރިމަތި ވުމުގެ ކުރިން އެ ސަރަހައްދުގައި މީހުން ދިރިއުޅެމުން އައި ގެ ތަކަކީ އެތައް ރާސްތާއެއް ގޮނޑުދަށާއި ދުރުމިނުގައި ހުރި ގެތަކެކެވެ. ނަމަވެސް މިއަދު އެ ސަރަހަށްދުގެ ގޮނޑުދަށުގައި ހުރި އިމާރާތްތަކާއި ގޮނޑުދަށާއި ދެމެދު ގާތްގަނޑަކަށް ހުރީ 75 ފޫޓުގެ މިންވަރެވެ. 

ވިހި އަހަރު ވީ އިރުގައި ހައްލުނުވީ ކީއްވެ؟ މި ސުވާލު ކިޔުންތެރިންގެ ހިތުގައި އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. މިކަން ހައްލު ކުރުމަކީ ރަށުގެ ކަތީބުންގެ ފެންވަރުންގައި ނުވަތަ ރަށުގެ ކައުންސިލުގެ ފެންވަރުގައި ކޮށް ނިންމާލެވޭ ވަރަށް ވުރެ އުނދަގޫ އަދި ޚަރަދުގެ ގޮތުންވެސް ބޮޑު ކަމެކެވެ. އެ އިރެއްގައި އޮންނަ ސަރުކާރަކަށް ނޫނީ މިކަން ފުރިހަމައަށް ހައްލުކޮށް ނުދެވޭނެ ކަމަށް ބުނުމަކީ އެންމެ ރަނގަޅު ބުނުން ކަމުގައި އަޅުގަނޑު ދެކެމެވެ.

ގައުމުގައި ނުވެ ހުންނަ ކަންކަމުގެ ވާހަކަތަކުގެ އަޑު އެންމެ ގަދަވެގެންދާ ދުވަސްވަރަކީ އަބަދު ވެސް އިންތިހާބީ ދުވަސްވަރެވެ. ހާއްސަކޮށް މަޖިލިސް އިންތިހާބާއި، ރިޔާސީ އިންތިހާބުގެ ދުވަސްވަރެވެ. ހަނިމާދޫގެ ގޮނޑުދޮށުން ހުއްޓުމެއްނެތި ގިރަމުންދާ މައްސަލައަށް ހައްލެއް ގެނެސްދޭނެ ކަމަށް ވަޢުދުވެ ވަޑައިނުގަންނަވާ އެއްވެސް މަޖިލިސް މެމްބަރެއް މިޤައުމަށް ޑިމޮކުރަސީއައި ފަހުން އަދި ހަނިމާދޫ ދާއިރާއަށް ކުރިމަތިލާފައި ނުވެއެވެ. ހަމަ މި ވަޢުދު ނުވާ އެއްވެސް ރިޔާސީ ކެނޑިޑޭޓަކު ވެސް ނުވެއެވެ. މީގެއިތުރުން މިކަން ސަރުކާރުގެ ސަމާލުކަމަށް ނެގެންނަ އެއްވެސް ކައުންސިލެއް ހަނިމާދޫއަށް އިންތިހާބުވެފައި ވެސް ނުވެއެވެ. 

އިހުމާލުވެފައި ވަނީ ކޮންބައެއްކަމެއް އަޅުގަނޑަށް ބުނާކަށް ނޭނގެއެވެ. އެނގޭ އެއްކަމަކީ މި ވަޢުދު ވެގެން ވެސް ގިނަބަޔަކު ފައިދާތަކެއް ހޯދާފައިވާކަމެވެ. ނަމަވެސް އަދިވެސް ހުއްޓުމެއްނެތި ހަމަ ގިރަނީއެވެ. މި މައްސަލާގައި ކޮންމެ ސަރުކާރަކުން ވެސް ދެއްވާ އެއްޖަވާބެއް އޮވެއެވެ. “ތި މައްސަލަ ވަރަށް އަވަހަށް ހައްލު ކޮށްދެއްވާނަމެވެ.”

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.