ކޯވިޑް-19 ވައިރަސް، އިން ކުޑަކުދިން ރައްކާތެރި ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން 12 މާރޗް 2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ ވަގުތީގޮތުން ބަންދުކުރުމަށް މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ނިންމައިފިއެވެ.

މިކަން އަންގާފައިވަނީ މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުގެ ދަށުން ހިންގަމުން އަންނަ ނޭޝަނަލްް ސެންޓަރ ފޮރ ދި އާޓްސް އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައެވެ. ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ ޚިދުމަތް މެދުކަނޑާލަން ޖެހުމާމެދު މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުގެ ފަރާތުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މަޢާފަށް އެދޭކަމަށް އެ ޓްވީޓްގައި ބުނެފައިވެއެވެ.

ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ ޚިދުމަތް މެދުކަނޑައިލި ނަމަވެސް، އަލުން ޚިދުމަތް ފަށަންދެން ލައިބްރަރީ އަޕްގްރޭޑްކުރުމަށް އެތެރޭގައި ކުރަން ހުރި މަސައްކަތް މި ދުވަސްވަރު ކުރިއަށްދާނެ ކަމަށް މިނިސްޓްރީގެ އޮފިޝަލެއް މުނިއަވަސް އަށް ވިދާޅުވިއެވެ. މިނިސްޓްރީގެ އޮފިޝަލް އިތުރަށް ވިދާޅުވީ ޤައުމީ ކުތުބުޚާނާއާމެދު ގޮތެއް ނިންމައި އެކަން ވެސް މިއަދު އިޢުލާނުކުރާނެ ކަމަށެވެ.

ދުވަސްތަކަކަށް ބަންދުކޮށްފައި ހުރި ބޮޑެތި ބަދަލުތަކަކާއެކު ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ އަލުން ހުޅުވައިދެއްވީ 19 ޖުލައި 2019 ގައި މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނެވެ.

މަލްޓިމިޑިއާ ލައިބްރަރީއަކީ ޢުމުރުން 13 އަހަރުން ދަށުގެ ކުދިންނަށް ޚާއްޞަކޮށްގެން ޚިދުމަތްދޭ ލައިބްރަރީއެކެވެ. ލައިބްރަރީގެ ޚިދުމަތް ދެނީ ހޮނިހިރުން ބްރާސްފަތި ދުވަހަށް، ހެދުނު 10 ން ހަވީރު 4 އަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.