މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައި މި ވަނީ ކޮންފަދަ ވަބާއެއްތޯއެވެ؟ ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް މި ވަނީ ދުނިޔޭގެ މުޅި އުއްމަތަށް ގޮންޖަހާލާފައެވެ. އެންމެ މޮޅު ވިސްނުމާއި ފިކުރު ލިބިގެންވާ އިންސާނުން މިވަނީ ކަންބޮޑުވެ، ބޮޑު ހާސްކަމެއްގެ ކަނޑެއްގައި ގެނބެން ފަށާފައެވެ. ތަޖުރިބާ ލިބިގެންވާ މޮޅެތި ސިއްހީ މާހިރުންނާއި ސައިންސްވެރިން މި ވަނީ ހަދާނެ ގޮތްހުސްވެ މާޔޫސްވެފައެވެ. 

ދުނިޔޭގެ އެންމެ އާބާދީ ބޮޑު އަދި ޓެކްނޮލޮޖީ ގެ ޒަމާނީ ވަސީލަތްތަކުން ކުރިއަރާފައިވާ ބިޔަ ޗައިނާ މި ވަނީ އިނދަޖެހި، ސަލާމަތްވާނެ ހުޅުކޮޅު ނިވިގެން ގޮސްފައެވެ. ޗައިނާގެ ވޫހާން ސިޓީ އިން މި ފެނުނު ވަބާގައި މުޅި އިންސާނީ ދައުލަތް މި ދަނީ ހަނގުރާމަ ކުރަމުންނެވެ. ވީއިރު މުޅި ދުނިޔެ މިވަނީ މި ކުޑަކުޑަ ޖަރާސީމާއި ދެކޮޅަށް ނިކަން ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ. 

ދުނިޔޭގެ ނިސްބަތުން އެތައް ހާސް ބަޔަކު މި ކުޑަކުޑަ މަޚުލޫގުގެ ސަބަބުން ދަނީ ނެތި ފަނާވަމުންނެވެ. ހަމަ އެކަނި ޗައިނާއެއް ނޫނެވެ. ނޫނީ އިޓަލީއެއް ނޫނެވެ. ދުނިޔޭގައިވާ ހުރިހާ ގައުމުތަކަކަށް މި ވައިރަހުގެ އަސަރު ނިހާޔަތަށް ކޮށްފައިވާ މި ދަނޑިވަޅުގައި އަޅުގަނޑުމެން އިންސާނުންގެ ހިތް ތަކަށް ވެރިވަނީ ބިރުވެރިކަމާއި ހާސްކަމެވެ. މާޔޫސްކަމާއި ހިތާމަ އެވެ. މިއީ އަނެއްކާ މާތްﷲ ސުބުޙާނަހޫ ވަތަޢާލާ މުޅި އިންސާނީ އުއްމަތަށް ލެއްވި ކޯފާއެއް ހެއްޔެވެ؟ ވިސްނާލާށެވެ. މިއަދު ތިމާއަށް ލިބިފައިވާ ބާރުގެ ސަބަބުން ހިތުހުރިހައި އެއްޗެއް ގޮވަމުން ހެއްދެވިހައި ހުތުރު ވާހަކައެއް ދައްކަމުން ދާއިރު ތިބާ އެއްޗެކޭ ހީނުކުރަނީ ހެއްޔެވެ؟ ޒަމާނަށް އަންނަ ބަދަލުތަކާއެކު އަޅުގަނޑުމެން މުސްލިމުން މި ދަނީ ޔަހޫދީން ދައްކާ ދަޅައަށް ނިކަން ރަނގަޅަށް ހެއްލި މަގު ގެއްލިގެންނެވެ. ކުރަން ހެޔޮނުވާވަރުގެ މުޑުދާރު އަމަލު ތަކުގައި ދިވެހިން މި ވަނީ ކަސްތަޅު އެޅުވިފައެވެ. ކޮންމެ ކަމެއްގައި ވެސް ހައްދު ފަހަނަ އަޅާފައެވެ. މި ކަމުގައި ވަކި ދާއިރާއެއް ނެތެވެ. ހަމަ ބުއްދި ލިބިގެންވާ ޙާލުގައި ވެސް މޮޔަވެފައެވެ. މިއީ މި ދިވެހިރާއްޖެއަށް ބަލައިލި ކަމުގައި ވީނަމަވެސް ފެނިގެން ދާ ހިތާމަހުރި ހުތުރު މަންޒަރުތަކެވެ. ހަމަ ރަނގަޅަށް ވެސް ދިވެހިން މި ވަނީ މުޅިން ބަދަލުވެ ކާފަރުންގެ އޮއިވަރުގައި ޖެހި އޮޔާލާ ގޮސްފައެވެ. މި ގައުމަށް ސައްތައިން ސައްތަ ކިޔުމާއި ދޭތެރޭ ޚުދު އަޅުގަނޑަށް ސުވާލު އުފެދެނީ މިހިސާބުންނެވެ. 

އޭ އިންސާނުންނޭ! ނިކަން ރަނގަޅަށް ވިސްނާލާށެވެ. މި ކުޑަކުޑަ މަޚްލޫގަށް އިތުރު އަނިޔާއެއް ދިނުމަށް އިންސާނުންނަށް މި ވަނީ މިއަދު ނުކުޅެދިފައެވެ. ނޭނގި ފައެވެ. ވީއިރު މި ވަގުތުގައި ތިމާ އިސްލާހުވެ ތިމާގެ ދެ އަތް އުފުލައި އެ އިިލާހުގެ ހަޟްރަތުގައި ދެންނެވުން ނޫން ގޮތެއްއެބައޮތް ހެއްޔެވެ؟ އެ އިލާހަކީ އެންމެހައި ކަމެއް ކުރުމުގެ އާރާއި ބާރު ލިބިގެންވާ ރަސްކަލާނގެ ކަން ކަށަވަރެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.