އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރަން ޖެހޭ ހާލަތަކަށް ރާއްޖެ އަދި ނުދާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ކޮވިޑް-19އާ ގުޅިގެން ބާއްވަމުން އަންނަ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ރޭ ވިދާޅުވީ، މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ މަގު ފަހިކޮށްދިނުމާ ބެހޭ ގޮތުން މިހާރު ވެސް މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ރާއްޖެ އަދި އޮތީ އެންމެން ގޭގައި ތިބެގެން މަސައްކަތްކުރަން ޖެހޭ ހާލަތެއްގައި ކަމަށް ގަބޫލު ނުކުރެވޭ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ އެފަދަ ހާލަތެއް އަތުވެދާނެ ކަމަށާއި ނަމަވެސް ސަރުކާރުން ކޮވިޑް-19އާ ދެކޮޅަށް ހަރުދަނާ ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަނީ އެ ހާލަތު އަޔަނުދިނުމަށް ކަމަށެވެ.
މިހާތަނަށް ބަލާއިރު އެރަށުން އަނެއްރަށަށް މީހުން ގޮސްގެން އެކަކު ގައިން އަނެކަކު ގަޔަށް ބަލި އަރާ ހާލަތަށް ގޮސްފައި ނުވާ ކަމަށާއި، އަޅަމުން އަންނަ ހުރިހާ ފިޔަވަޅެއް ވެސް އަޅަނީ އެކަން ވިޔަނުދީ ދެމެހެއްޓުމަށް ކަމަށް ވިދާޅުވި އެވެ.
