ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ރާއްޖޭގައި މިހާރު ހިންގާ ގެސްޓްހައުސްތަކުގެ ތެރެއިން، މިވަގުތަށް ބަންދުކުރަން ބޭނުންވާ ގެސްޓްހައުސްތަކުގެ މައުލޫމާތު ހޯދަމުން އަންނަކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒް ވިދާޅުވީ އަތޮޅު ތެރޭގައި ހިންގާ ގެސްޓްހައުސްތަކުގެ ތެރެއިން، ބަންދުކުރަން ބޭނުންވާ ގެސްޓްހައުސްތަކުގެ މައުލޫމާތު ކައުންސިލުތައް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ލޯކަލް ގަވަންމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކުރަމުންދާ ކަމަށެވެ.
ނަމަވެސް، އެ މައުލޫމާތު ހޯދާ ސަބަބެއް، މަބުރޫކު ހާމަކުރައްވާފައެއް ނުވެ އެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.
އެއީ އަންނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ.
