ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19އާ ގުޅިގެން މި އަހަރުގެ މެއި/ޖޫން މަހުގެ އިންޓަނޭޝަނަލް އެގްޒާމްތައް ދިވެހި ރާއްޖޭގައި ފަސްކުރަން މިހާތަނަށް ނިންމައިފައިނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

އެޑިއުކޭޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އިނގިރޭސިވިލާތުގެ ސުކޫލުތައް ބަންދުކޮށް މި ސުކޫލުތަކުގެ ދަރިވަރުންނަށް މިއަހަރުގެ ހޫނު މޫސުމުގައި (މެއި/ޖޫންގައި) ދިނުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ކެންސަލްކޮށްފައިވާކަމަށެވެ. އަދި އިނގިރޭސިވިލާތް ފިޔަވައި އެހެނިހެން ޤައުމުތަކަށް ފޯރުކޮށްދޭ އިމްތިޙާނުތަކާއިމެދު އިމްތިޙާން ފޯރުކޮށްދޭ އިނގިރޭސި ވިލާތުގެ މަރުކަޒުތަކުން ގޮތެއް ނިންމައިފައި ނުވާކަމަށް އެ އިދާރާއިން ބުނެފައިވެެއެވެ.

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19އާ ގުޅިގެން ސުކޫލުތައް ބަންދުކޮށްފައި ވާއިރު ދަރިވަރުން އަންނަނީ އޮންލައިންކޮށް ގޭގައި ކިޔަވަމުންނެވެ.

މި ފެށޭ ހަފުތާއަކީ ވެސް ސުކޫލުތައް ބަންދު ދުވަސްވަރެއް ކަމުން އެޑިއުކޭޝަނުން ވަނީ ދަރިވަރުންގެ ބެލެނިވެރިންނަށް މި ދުވަސް ތަކުގައި ދަރިވަރުން ލައްވައި ގިނަ ކަންތައްތަކެއް ކުރެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.