ދުނިޔޭގެ އެންމެ ފަހު ސަފުހާތައް ގުނަމުންދަނީއެވެ. އެންމެން ވެސް މި ތިބެނީ ކޮރޯނާ ވައިރަހެއްގެ ގިލަންވެރިކަމުގެ ތެރޭގައި އަނގަ ބަންދުވެ ބުނަންވީ އަދި ނުބުނަންވީ ކޯއްޗެއްކަމާމެދު ފިކުރު ކޮށްލަކޮށްލައެވެ. މި ނާމާން ވަބާއިން އަރައިގަތުމަށްޓަކައި މުޅި ދުނިޔެ މިއަރު ވަނީ ނުކުޅިދިފައެވެ. ކޮވިޑް19 ގެ ޙަޤީޤަތް އެންމެ މޮޅު ވައިރަސް އުފައްދާ ސައިންސްގެ މާހިރުންނަށް ނޭނގޭތާނގައި މި ރޯގާއަށް ހަމަލާދޭން އެންމެ ހަތިޔާރެއްހައި ހިސާބު ވެސް ހޯދިފައި ނެތީއެވެ.

މިއަދު އަޅުގަނޑުމެންނަށް ވެރިވެފައި މި ވަނީ ނިމުމެއްނުވާ ވަބާއެއްތޯއެވެ؟ މި ޙަޔާތުގެ އެންމެ ފަހު ކަނޑުއޮޅީގެ ރާޅުބާނިތަކުގައި ދަތުރުކުރަމުންދާއިރު އަޅުގަނޑުމެންނަށް ފެނިގެން ދާނީ ޤަބޫލުކުރަން ދަތި، ހިތްތަކަށް އަސަރު ކުރުވާ ފަދަ ބިރުވެރި މަންޒަރުތަކެވެ. އެހެންނަމަވެސް މި ކަނޑުއޮޅި ހުރަސްކޮށް ކުރިއަށް އޮތް މަންޒިލަށް ވާސިލްވެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތެވެ. މާތްﷲ އިންސާނުންނަށް ނުއުފުލޭ ވަރުގެ ބޮޑު ބުރައެއް ނުޖައްސަވާ ހުއްޓެވެ.

ވިސްނައި ފިކުރުކުރި ބަޔަކަށް އިބުރަތްތެރި ފިލާވަޅުތަކެކެވެ. މުސްލިމުންގެ މޫނުމަތިންނާއި ހިތްތަކުން ފެނިގެން ދާނީ މޮޅިވެރިކަމެވެ. ފަހުގެ ތާރީޚެއްގައި މުޅި އިސްލާމީ އުންމަތަށް ލިބިގެންދިޔަ މާޔޫސް ކަމެވެ. އެތައް ހާސް ބަޔަކު އަޅުކަންކުރަމުން ދިޔަ އެންމެ މުޤައްދަސްވެގެންވާ ބިން މުޅިން ހުސްވެ ފަޅުވީއެވެ. މިސްކިތްތައް ބަންދުވީއެވެ. ހުކުރު ދުވަހެއްގެ އުފާވެރިކަމާއި މާތްކަން މިއަދު އަޅުގަނޑުމެންނަށް އިޙްސާސް ކުރުމުން މަޙްރޫމުވީއެވެ. މި ދުވަސް ވެސް އެހެން ދުވަސްތަކާ ވެސް އެއްގޮތްވީއެވެ. އަތުން ބޮޑު ރަޙުމަތެއް ބީވެގެންދިޔަ ކަމުގެ އަސަރު ތަސައްވަރުކުރެވިއްޖެއެވެ. މިއީ މިއަދު މުޅި އިސްލާމީ އުންމަތަށް ވެރިވި ކަޅު ދުވަހެކެވެ. މިފަދަ ދުވަހަކަށް ދެވޭނެ އިތުރު ނަމެއް އެބަ އޮތް ހެއްޔެވެ؟

ކޮރޯނާވައިރަހުގެ ކުޑަކުޑަ ދިރުމާއި ދެކޮޅަށް މުޅި ދުނިޔެ އަޅަމުންދާ ބޮޑެތި ފިޔަވަޅުތަކުގެ އެއް ހެކި މި ދެންނެވުނީއެވެ. މިއީ ވެސް އިމްތިހާނެއްކަން ހަދާން ކުރާށެވެ. ދުނިޔޭގައި އުޅޭއިރު ކުރިމަތިވާނީ ކޮން މުސީބާތެއްކަން އެނގޭނީ ވަކި ކާކަށް ހެއްޔެވެ؟ މި ވަބާއިން އަރައިގަތުމަށް މާﷲގެ ހަޟްރަތަށް ދަންނަވާށެވެ. މިއަށްވުރެ ވަކި މޮޅު ފިޔަވަޅެއް އެޅޭނެ ހެއްޔެވެ؟

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.