ކޮވިޑް-19ގެ ހާސްކަމުގެ ތެރޭގައިވެސް، ރާއްޖޭގެ އެންމެ މަޤްބޫލު އެއް ޕްރޮޑަކްޝަން ހައުސް ‘ޑާކް ރެއިން އެންޓަޓެއިންމެންޓް’ގެ މަސައްކަތްތައް ހުރީ އަދިވެސް މެކުހަށް ޖަހާފައޭ ދެންނެވިދާނެއެވެ. ވަކިން ޚާއްޞަކޮށް ކޮވިޑް-19 އަށް ދޭސީންނާއި ބިދޭސީން ހޭލުންތެރިކުރުވުމަށް ‘ރައްޔިތުން ހޭލުންތެރިކުރުވާ އިޝްތިހާރު (ޕީއެސްއޭ)’ އުފެއްދުމުގައި ތިބީ ފިސާރި ރަނގަޅަށް ފޫގަޅާލައިގެންނެވެ.
މިމަހުގެ 19 ވަނަ ދުވަހު ‘ޑާކް ރެއިން އެންޓަޓެއިންމެންޓް’ގެ ސްޓޫޑިއޯ ތެރޭގައި އެތަކެއް ގަޑިއިރެއް ހޭދަކޮށްލަން ލިބުނު ފުރުޞަތުގައި ފެނިގެންދިޔައީ ވަރަށް ހިތްގައިމު މަންޒަރެކެވެ. އެ ސްޓޫޑިއޯގައި މަސައްކަތްކުރާ ފަންނާނުން ހެނދުނު މަސައްކަތް ފެށިގޮތަށް، ރޭގަނޑުގެވެސް ބޮޑު ބައެއް ހޭދަކޮށްލީ ޝޫޓިންތަކުގައެވެ. އެއީ އޭގެ ކުރީ ދުވަސްތަކުގައި ޖެއްސި އައުޓްޑޯ ޝޫޓިން މެޓީރިއަލް އެޑިޓްކުރުމާއި އިންޑޯ ޝޫޓިން ޖެއްސުމުގައެވެ. ކްރޮމާކީ ހަދާ މަންޒަރުތަކެއް ނެގުމުގައެވެ.
މިހައިތަނަށް އައި އިރު، ޑާކް ރެއިންގެ ފަރާތުން ކޮވިޑް-19 އަށް ހޭލުންތެރިކުރުވުމަށް ގިނަ އިޝްތިހާރުތަކެއް އުފައްދާފައިވާއިރު، އަދިވެސް އެ މަސައްކަތް ދަނީ ބާރަށް ކުރިއަށެވެ. އެ އިޝްތިހާރުތައް މީސް މީޑިއާގެ ވަޞީލަތްތަކަށް ދޫކޮށްލާފައިވާއިރު، ބެލުންތެރިންގެ ތަރުހީބާއެކު އިތުރަށް ލިބެމުން އަންނަ ފީޑްބެކްތަކާއެކު، ތަފާތު ކޮންސެޕްޓްތަކަށް އިޝްތިހާރު އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ޕަބްލިކް ސާރވިސް އެނައުންސްމެންޓެއް ޝޫޓްކުރުމުގައި ޑާކް ރެއިން ޓީމް – ފޮޓޯ: ޑާކް ރެއިން
ޑާކް ރެއިން އެންޓަޓެއިންމެންޓުން އިއްޔެ ރިލީޒްކޮށްފައިވާ އިޝްތިހާރުތަކުގެ ތެރެއިން އެއް އިޝްތިހާރު ސެޓަކީ ވަރަށް ތަފާތު މަސައްކަތެކެވެ. ދުނިޔޭގެ ބައެއް ކަންކޮޅުތަކުގައި ވާހަކަދައްކާ އުޅޭ ބަހުރުވަތައް ހިމަނައިގެން ހެދި މުހިންމު މެސެޖެއް ރައްދުކޮށްދޭ އިޝްތިހާރު ސެޓެކެވެ. މާލެ ތެރެއިން އަތްފުނާ އަޅައިގެން ޗައިނާ، ބަންގާޅު، އިޓަލީ، ފްރާންސް، އިންޑިއާ، ނޭޕާލް، ސްރީލަންކާގެ ބަސްބަހުން ވާހަކަދައްކާ މީހުން ހިމަނައިގެން ހެދި އެ އިޝްތިހާރުތަކަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ޕަބްލިކް ސާރވިސް އެނައުންސްމެންޓެއް ޝޫޓްކުރުމުގައި ޑާކް ރެއިން ޓީމް – ފޮޓޯ: ޑާކް ރެއިން
އިޝްތިހާރުތައް ހެދުމުގެ މޭސްތިރިންނަކީ ޑާކް ރެއިންގެ ހިތްވަރުގަދަ ޓެކްނިކަލް ޓީމެވެ. ޑާކް ރެއިންގެ ވެރިޔާ އަދި ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ)، ކެމެރާމަން، ޑައިރެކްޓަރ އަދި އެޑިޓަރ ޢަލީ ޝިފާޢު (ޗިއްޕެ)، ޑައިރެކްޓަރ އަދި ކެމެރާމަން އަޙްމަދު ޝިނާންސްކްރީން އާއި ލިޔުންތެރިޔާ އަޙްމަދު ޠަލާލް ފަދަ ފަންނާނުންނެވެ. ހަމަ ޔަޤީނުންވެސް މި މަސައްކަތުގައިވެސް މޮގާގެ އަންހެނުން އާއިޝަތު ފުއާދު ތަޢުފީޤްގެ ހިއްސާއެއް ނެތިއެއް ނުދާނެއެވެ. މީގެ އިތުރުން އެ ޕްރޮޑަކްޝަން ހައުސްގައި މަސައްކަތްކުރާ ބައެއް ފިލްމީ ތަރިންވެސް ހިމެނެއެވެ.

ފިލްމު “ނޮވެމްބަރ’ ގެ މަސައްކަތުގައި – ފޮޓޯ: ޑާކް ރެއިން
އެކިއެކި ބަހުރުވައިން #WeAreMaldivesUnited #TogetherWeCan ގެ ނަމުގައި ހެދި އިޝްތިހާރުތަކުގެ އިތުރަށް، އިސްމާޢީލް ވަޖީހް، ފުބޫ، ސުނީ އަދި ޗައިލް އާޓިސްޓްް މަރިޔަމް ޔަލާ ޝިފާއު އާއި ކައިނީ ހިމަނައިގެން ހެދި އިޝްތިހާރުގެ މަސައްކަތްވެސް އެއްކޮށް ފައިނަލްކޮށް ނިންމައިލީ މިމަހުގެ 19ގައެވެ.
މިފަދަ ދަނޑިވަޅެއްގައި، ޑާކް ރެއިން އެންޓަޓެއިންމެންޓުގެ ސްޓޫޑިއޯ ތެރޭގައި ވެސް އިޖްތިމާޢީ ގައިދުރުކަން (ސޯޝަލް ޑިސްޓޭންސިން) ބެހެއްޓުމާއި ސެނިޓައިޒަރ ބޭނުންކުރުންފަދަ ކަންކަމަށް ވިސްނުން ބަހައްޓައިގެން، މަސައްކަތްކުރިއަށް ގެންދިޔަކަން އެއީވެސް ފާހަގަކުރެވުނު މުހިންމު ކަމެކެވެ.
މި މަސައްކަތްތަކުގެ އިތުރުން، ޑާކް ރެއިންގެ ލޯބީގެ ފިލްމު “ނޮވެމްބަރ”ގެ ޑަބިންގެ މަސައްކަތްތައްވެސް ކޮށްފައިވެއެވެ. ފިލްމުގެ ޑަބިން މިހާރު ގާތްގަނޑަކަށް ނިމުމަކާ ހަމައަށް ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.
https://www.facebook.com/125766260836371/posts/2880866878659615/?vh=e&d=n
https://www.facebook.com/125766260836371/posts/2880864958659807/?vh=e&d=n
https://www.facebook.com/125766260836371/posts/2880862458660057/?vh=e&d=n
https://www.facebook.com/125766260836371/posts/2880858435327126/?vh=e&d=n
https://www.facebook.com/125766260836371/posts/2880849001994736/?vh=e&d=n
https://www.facebook.com/125766260836371/posts/2880855545327415/?vh=e&d=n
https://www.facebook.com/125766260836371/posts/2880853021994334/?vh=e&d=n
https://www.facebook.com/125766260836371/posts/2880851195327850/?vh=e&d=n
