“ކޮރޯނާ ވައިރަސް” ނުވަތަ “ކޮވިޑް-19” ގެ ނަމުން ނަން ދެވިފައިވާ ބޮޑު ވަބާއެއް މުޅި ދުނިޔެއަށް ފެތުރި، އިންސާނީ ނަސްލު މިއަދު މިވަނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ނަމަވެސް، މިއީ މިފަދަ ބިރުވެރިކަމެއްގެ ތެރެއަށް އިންސާނީ ނަސްލު ހުށަހެޅިގެން ދިޔަ ފުރަަތަމަ ފަހަރު ނޫންކަން ފާހަގަކޮށްލެވެއެވެ. ކޮންމެ ޤަރުނަކުން އެއްފަހަރު ކަހަލަ ގޮތަކަށް މިފަދަ ބޮޑު މުސީބާތަކާއި އިންސާނީ ނަސްލު ކުރިމަތިލާކަން ތާރީޚުގެ ފަތްފުއްތަކުން ފެންނަން އެބައޮތެވެ.

އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ހަޤީޤަތަކީ މިފަދަ ބަލާ މުސީބާތްތަކަކީ އިންސާނުން އަމިއްލައަށް ހޯދައިގަންނަ ކަންކަން ކަމެވެ. މިފަދަ ކޮންމެ ބަލިމަޑުކަމެއް ފެތުރިގެން ދަނީ އަޅުގަނޑުމެންގެ އަމިއްލަ އިޙުމާލުންނެވެ. މިފަދަ ވަބާތައް އާންމުވެގެން މިދަނީ އަޅުގަނޑުމެން ހައްދަވައި ރިޒުޤު ތަނަވަސްކޮށް ދެއްވި ގަދަ ކީރިތިވަންތަ ރަސްކަލާނގެ، މާތް ﷲ سبحانه و تعالى އަޅުގަނޑުމެން އުޅެންވީ ގޮތް އަންގަވާފައިވީ ނަމަވެސް، އެއަށް ބޯލަނބާ އެގޮތަށް އަމަލުނުކުރުމުގެ ސަބަބުންނެވެ. މާތް ﷲ سبحانه و تعالى ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.

وَمَآ أَصَٰبَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُوا۟ عَن كَثِيرٍ.

ތިޔަބައިމީހުންނަށް ޖެހޭހާ مصيبة އެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެކަލާނގެ ގިނަފާފަތައް عفو ކުރައްވަތެވެ. (އަލް ޝޫރާ:30)

އާދޭހެވެ. ޝައްކެއްވެސް ނެތެވެ. “ކޮރޯނާ ވައިރަސް” ނުވަތަ “ކޮވިޑް-19” އަކީ އިންސާނީ ނަސްލަށް ކުރިމަތިވި ވަރަށް ބޮޑު ބިރުވެރިކަމެކެވެ. އަދި ހަމަ އެހެންމެ މި ބަލީގެ ޝިކާރައަކަށްވެ ލޯބިވާ އެތައް ބަޔަކު ދުނިޔެ ދޫކޮށް ދިއުމަކީ ހިތާމައިގެ ކޮޅެއްވެސް ނެތް ކަމެކެވެ. ދުނިޔޭގެ ޙާލަތަށް ނަޒަރު ހިންގާލާއިރު، މިއަދު މި ފެންނަނީ “ކޮވިޑް-19” އަށް ވެކްސިން އެއް ނުވަތަ ފަރުވާއެއް ހޯދުމަށް ހިލޭ ސާބަހަށް އެތައް މިލިއަން ޑޮލަރެއް ހަދިޔާ ކުރަމުންގެންދާ މަންޒަރެވެ.

ދަންނަވަންތޯއެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު މި ފަނާވަނިވި ދުނިޔެއާ ވަކިވެގެންދާ މާބޮޑު ވައިރަހެއް ދުނިޔޭގައި އެބަވެއެވެ. މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ފެށިގެން މި ވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރިފައިވާއިރު، މީގެ ވެކްސިން އެހާމެ ފަސޭހައިން ލިބެން އެބަހުއްޓެވެ. ނަމަވެސް މި ވައިރަހާ ހެދި ކަންބޮޑުވެ، އެކަމާއި ދެކޮޅަށް މަސައްކަތް ކުރަނީ ދުނިޔޭގެ ނިސްބަތުން އިނގިލިން ގުނާލެވޭހާ މަދު ބައެއް ކަން ހިތާމައާއި އެކު ފާހަގަކުރަމެވެ. އާދެ! މި ވައިރަހުގެ ނަމަކީ ބަނޑުހައިހޫނުކަމެވެ. އަދި މީގެ ވެކްސިން އަކީ ކާބޯތަކެއްޗެވެ.

ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔޫ.އެޗް.އޯ) އާއި، ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔޫ.އެފް.ޕީ) އާއި، ޔުނައިޓެޑް ނޭޝަންސް އިންޓަނޭޝަނަލް ޗިލްޑްރަންސް އެމަޖެންސީ ފަންޑު (ޔުނިސެފް) އާއި، އިންޓަނޭޝަނަލް ފަންޑު ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އައި.އެފް.އޭ.ޑީ) އަދި އެމެރިކާގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފް.އޭ.އޯ) ގުޅިގެން 2018 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ވާގޮތުން 2018 ވަނަ އަހަރާއި ހަމައަށް ބަނޑުހައިހޫނުކަން ތަހައްމަލުކުރަން ޖެހިފައިވާ ގާތްގަނޑަކަށް 820 މިލިއަން މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދެއެވެ. މިއީ ދުނިޔޭގެ އާބާދީގެ ނިސްބަތުން ކޮންމެ 9 މީހަކުން 1 މީހެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުގައި ކޮންމެ ދުވަހަކު ގާތްގަނޑަކަށް 8500 މީހުން ބަނޑުހައިހޫނުކަމުގައި މި ދުނިޔެ އާއި ވަކިވެގެން ދެއެވެ. ނަމަވެސް މިކަމާ ދެރަވެ، ކަންބޮޑުވެގެން އުޅެނީ ކިތައް މީހުންތޯއެވެ؟ މިކަމާ ވިސްނާ ފިކުރުކޮށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން ދަނީ ކިތައް މީހުންތޯއެވެ؟ ދުނިޔޭގައި ފޯރުންތެރިކަން ހުރި އެތައް މިލިއަން ބައެއް އުޅޭއިރުގައި، ބަނޑުހައިހޫނުކަން ތަހައްމަލުކުރަން ޖެހިފައިވާ ކިތައް މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭތޯއެވެ؟

“ކޮރޯނާ ވައިރަސް” ފަދަ ވަބާއެއް ފެތުރިގެން އުޅޭ މި ދަނޑިވަޅުގައި، ހާސްވެ ކަންބޮޑުވެގެން އެކަމަށް ފަރުވާއެއް ހޯދުމަށް ހިލޭ ސާބަހަށް އެތައް މިލިއަން ޑޮލަރެއް ހަދިޔާ ކުރަމުން އެދަނީ ހަމަ އިންސާނިއްޔަތަށްޓަކައި ހެއްޔެވެ؟ ދަންނަވަންތޯއެވެ. ވައިރަހެއް އިންސާނެއްގެ ހަށިގަނޑު ތެރެއަށް ވަންނަނީ އެއީ މުއްސަނދި މީހެއްތޯ ނުވަތަ ފަގީރު މީހެއްތޯ ބަލާފައެއް ނޫނެވެ. އެބައިމީހުން ބިރުން ތެޅިފޮޅެނީ އެ ވައިރަހަކީ މިހާތަނަށް އެއްވެސް ފަރުވާއެއް ނެތް އެއްޗަކަށް ވީމައެވެ. އެބައިމީހުންގެ އެހާ އިންސާނިއްޔަތުކަމެއް ހުރިނަމަ ބަނޑުހައިހޫނުކަން މަތީގައި އެތައްހާސް ބަޔަކު ކޮންމެ ދުވަހަކު މިދުނިޔެއާއި ވަކިވެގެން ދާއިރު، އެ ނިކަމެތި އިންސާނުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭނެއެވެ. ނަމަވެސް ބަނޑުހައިހޫނުކަމުގެ ފަރުވާ އެބައިމީހުން ކުރިމަތީގައި ހާމައަށް ފެންނަން އޮތްއިރުވެސް، އެފަރުވާ އެ ނިކަމެތިންނަށް ފޯރުކޮށްދެން މަސައްކަތެއް ނުކުރެއެވެ. ވާނީވެސް އެހެންނޫންތޯއެވެ. ފޯރުންތެރިކަން ހުންނަ މީހުން ގައިމު ބަނޑުހައިހޫނުކަންމަތީ މަރުވެގެން ނުދާނެތާ ދޯއެވެ. މަރުވެގެން ދާނީ އެއްކަލަ ނިކަމެތި ފަގީރު މީހާއެވެ. ޝައްކެއްވެސް ނެތެވެ. ބަލިތަކަށް ފަރުވާ ހޯދުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެން އިންސާނުން ހަމަ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެހެނީ މާތް ﷲ سبحانه و تعالى ގެ ހަޟްރަތުން ބަލިތަކަށް ޝިފާ ދެއްވުމަށް އެދި ދެންނެވުމާ އެކު، އެކަމަށް ފަރުވާ ހޯދުމަށް ގަދައަޅައި މަސައްކަތް ވެސް ކުރަންޖެހޭނެއެވެ. އެކަމަކު، ކާބޯތަކެތި ނުލިބި ބަނޑުހައިހޫނުކަން މަތީގައި ދުވާލަކު އެތައްހާސް ބަޔަކު މިދުނިޔެއާއި ވަކިވެގެން ދާއިރު، އެހާ ދީލަތި ކަމަށް ހެދިގެން އުޅޭ މީހުންގެ އިންސާނިއްޔަތުކަމާއި މެދު ހަމަ ވަރަށް ބޮޑަށް ސުވާލުއުފެދެއެވެ.

ނިކަމެތިންނާއި، ފަގީރުންނާއި އަދި މިސްކީނުންނަށް އޯގާތެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމަށް މާތް ﷲ سبحانه و تعالى ވަނީ އަޅުގަނޑުމެންނަށް އަމުރުކުރެއްވާފައެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

أَرَءَيْتَ ٱلَّذِى يُكَذِّبُ بِٱلدِّينِ. فَذَٰلِكَ ٱلَّذِى يَدُعُّ ٱلْيَتِيمَ. وَلَا يَحُضُّ عَلَىٰ طَعَامِ ٱلْمِسْكِينِ.

(قيامة ދުވަހުން) ޖަޒާދެއްވާނޭކަން ދޮގުކުރާމީހާ ކަލޭގެފާނު ދެނެވަޑައިގަންނަވަމުތޯއެވެ؟ ފަހެ، އެއީ يتيم ކުއްޖާ ކޮއްޕައި ދުރަށްލާ މީހާއެވެ. އަދި مسكين ންނަށް ކާންދިނުމުގެ މައްޗަށް ބާރުނާޅާ މީހާއެވެ. (އަލް މާޢޫން: 1-3)

وَءَاتِ ذَا ٱلْقُرْبَىٰ حَقَّهُۥ وَٱلْمِسْكِينَ وَٱبْنَ ٱلسَّبِيلِ وَلَا تُبَذِّرْ تَبْذِيرًا. إِنَّ ٱلْمُبَذِّرِينَ كَانُوٓا۟ إِخْوَٰنَ ٱلشَّيَٰطِينِۖ وَكَانَ ٱلشَّيْطَٰنُ لِرَبِّهِۦ كَفُورًا.

ގާތްތިމާގެ މީހާއަށް، އޭނާގެ حق ދޭށެވެ! އަދި مسكين އަށާއި، ދަތުރުވެރިޔާއަށްވެސްމެއެވެ. އަދި ގިނަގިނައިން إسراف ނުކުރާހުށިކަމެވެ! ހަމަކަށަވަރުން، إسراف ކުރާ މީހުންނީ، شيطان ންގެ أخ ން ކަމުގައިވޫއެވެ. އަދި شيطان އާ، އޭނާގެ ވެރިރަސްކަލާނގެއަށް ވަރަށް ބޮޑަށް كافر ވާ ކަމުގައިވިއެވެ. (އަލް އިސްރާ: 26-27)

ޢާލަމްތަކަށް ރަޙުމަތެއްކަމުގައި ފޮނުއްވި ކީރިތި މާތް ރަސޫލާ މުޙައްމަދު صلى الله عليه وسلم ހަދީޘް ކުރައްވާފައިވެއެވެ.

” ތިމަންކަލޭގެފާނު ސުވަރުގެ އަށް ބައްލަވާލެއްވުމުން، ފެނިވަޑައިގަތީ އެތަނުގައި ފަގީރުން ގިނަކަމެވެ. އަދި ނަރަކައަށް ބައްލަވާލެއްވުމުން ފެނިވަޑައިގަތީ އެތަނުގައި އަންހެނުން ގިނަކަމެވެ.” (ބުޚާރީ: 6449, މުސްލިމް: 6597)

ވިސްނާ ފިކުރުކޮށްލާށެވެ. ބަނޑުހައިހޫނުކަމުގައި މަރުވެދަނީ ވެސް ހަމަ އަޅުގަނޑުމެން ފަދަ އިންސާނުންނެވެ. ކާނެ އެއްޗެއް އަދި ބޯނެ އެއްޗެއް ނުލިބި މިދުނިޔެއާއި ވަކިވެގެން އެދަނީ ކޮންމެވެސް މީހެއްގެ މަންމަ ނުވަތަ ބައްޕައެވެ. ފިރިމީހާ ނުވަތަ އަނބިމީހާއެވެ. ކޮންމެވެސް މީހެއްގެ ދަރިއެކެވެ. އަޅުގަނޑުމެންގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން އެފަދަ ފަރާތްތަކަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލަމާތޯއެވެ. ދުވާލެއްގެ މައްޗަށް އެތައް މިލިއަން ޓަނުގެ ކާބޯތަކެތި އިސްރާފުކޮށް ހަދާފައި، އަޅުގަނޑުމެން ވަރިހަމަ ކޮށްލައިގެން ނުތިބެ، އެތަކެތި މާތް ﷲ سبحانه و تعالى ގެ މަގުގައި ހޭދަކޮށް, ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް ގަދައަޅައި މަސައްކަތް ކުރަމާތޯއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.