މި ރަށަކީވެސް އެރަށެއްގެ ޒާތުގައި ރީތި ރަށެކެވެ. ގުދްރަތީ ރީތިކަމެއް ކޮންމެ ރަށަކަށްވެސް އެންމެ ފުރިހަމަ ގޮތުގައި ދެއްވާފައި ވެއެވެ. ބުނެލާ ބުނުމަކުން ނުވަތަ ދައްކާލާ ވާހަކައަކުން ތަނެއްގެ ރީތިކަން ސިފަކުރެވުނަސް، އެތަނަކަށް ގޮސް އެތަނެއްގެ ރީތިކަމާއި ހިތްގައިމުކަން ހަމަލޮލަށް ފެނި ތަޖުރިބާ ކޮށްލުމުން ނޫނީ އެކަމެއް ގަބޫލެއް ނުކުރެވޭނެއެވެ. ނަމަވެސް ބޮޑު ޚަރަދެެއްކުރުމަށް ފަހު އެފަދަ ރަށަކަށް ދިޔުން ވާނީ ގިނަމީހުންނަށް އުނދަގޫކަމަކަށެވެ. މިހެން ވިޔެއް ކަމަކު ހާސްނުވާށެވެ. ތަރަށްގީވެފައިވާ ޒަމާނުގައި ގޫގަލްގެ ޒަރިއްޔާއިންވެސް ނުވަތަ ފޭސްބުކްގެ ޒަރިއްޔާއިންވެސް ހޯދަން ބޭނުންވާ އެތައް ތަނެއްގެ މައުލޫމާތާއި ފޮޓޯ ހޯދާލުމަކީ ފަސޭހަކަމެކެވެ. ނަމަވެސް އަޅުގަނޑު ހިއްސާ މިކޮށްލަނީ ގޫގަލް ނުވަތަ ފޭސްބުކްގެ ޒަރިއްޔާއިން އަޅުގަނޑު ހޯދި މައުލޫމާތެއް ނޫނެވެ. މިއީ އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއެވެ. 

ށ. ކަނޑިތީމަކީ އާބާދީގެގޮތުން މާބޮޑު ނޫނަސް އާބާދީ ކުޑަރަށެއް ނޫނެވެ. ތަރައްގީވެ ކުރިއަރަމުން އަންނަ މިރަށަކީ ހިތްގައިމު ގުދުރަތީ ރީތިކަމެއް ލިބިފައިވާ ރަށެކެވެ. މިރަށް އެންމެ ބޮޑަށް ޚާއްސަވާ އެއް ސަބަބަކީ މިރަށާއި އިތުރު ރަށެއް ތަފާތު ގޮތަކަށް ގުޅިފައި އޮތުމުންނެވެ. ހައިރާން މާކެއްގެ ސިފައިގަ މިދެރަށް ގުޅިފައިއޮންނަނީ ގުދުރަތީ ރީތިގޮތަކަށެވެ. ހިނގާލާފައި ދެވޭގޮތަށް ފަސްގަނޑެއް ހިކިފައި އޮތުމުން އެއް ރަށުން އަނެއް ރަށަށް ދިޔުމަށް ފަސޭހައެވެ. ގުޅިފައި އޮންނަ މި ފަޅުރަށަށް ދެވިފައި އޮންނަ ނަމަކީ “ކުޑަދޫ” މިނަމެވެ. އާއިލާއާ އެއްކޮށް ދަތުރުދިޔުމަށް، ރައްޓެހިންނާއި އެއްކޮށް މަޖާކޮށްލުމަށް، ހަވީރުފިންޏަށް ހިނގާލުމަށް ނުވަތަ ފޮޓޯ ނަގާލަންދިޔުމަށް ކުޑަދޫމީ ހަމައެއްވަނައޭ ބުނެވޭނެއެވެ. 

ފޮޓޯގްރެފީ: ޑި އަބްދޯ

ގުޅިފައިއޮންނަ ފަޅުރަށުގެ އިތުރުންވެސް މިރަށުގައި އެތައް ހިތްގައިމު ތަންތަން ހުރެއެވެ. މިގޮތުން ފާހަގަކޮށްލެއްވޭ އެއްތަނަކީ “ބޮޑުފަސްގަނޑު” ގެނަން ދެވިފައިވާ ކަފަކޮޅެއްހައި ހުދު ބޮޑުކޮށް އޮންނަ ހުސް ފަސްގަނޑެކެވެ. މިފަސްގަނޑުގައި ތިބޭއިރު ކުރިމަތީގައި އޮންނަ ގޮއިދޫ ކިޔާރަށްވެސް ފެންނާނެއެވެ. ކައިވެނި ޕާޓީތަކާއި އާއިލީ އެއްވުން ނުވަތަ ހަވީރު ސައިބޯލަން މިފަސްގަނޑަށް ދިޔުމަކީ މިރަށުމީހުންގެ އާދައެކެވެ.

ފޮޓޯގްރެފީ: ޑި އަބްދޯ

އަޟްޙާ ޢީދު މިރަށުގައި ފާހަގަކުރަނީ ތަފާތުގޮތަކަށެވެ. ރަށުގެ އެއްބައިވަންތަކަމާއި އެކުވެރިކަން ދައްކުވައިދޭ އެތައް ކަމެއް ކުރެއެވެ. މީގެތެރެއިންވެސް ފާހަގަ ކޮށްލެވޭކަމެއް އޮވެއެވެ. އެއީ މިރަށުގައި އޮންނަ މަސް ރޭހާއި ބޮޑު ބާބަކިއުއެވެ. ޓީމްތަކެއްގެ މެދުގައި ބަހާލެވިގެން ކުރިޔަށް ގެންދާ މަސްރޭހުގައި ވަނަހޮވުން ވެސް އޮވެއެވެ. މީގެ ތެރެއިން އެންމެ ތަފާތުކޮށް މަހަށް ދާން ހާޒިރުވާ ޓީމާއި، އެންމެ ބޮޑުމަސް ބާނާ ޓީމުހޮވުމާއި މިނޫންވެސް ވަރަށް ގިނަ ވަނަތައް ހޮވުން އޮވެއެވެ. މަސްރޭސް އޮންނަދުވަހުގެ ހެނދުނު މަސްބޭނުމަށް ޓީމުތައް ފުރުވާލުމަށްފަހު ރަށުގެ އަންހެންވެރިން އަވަސްވެގަންނަނީ ބޮނޑިބަތް ކެއްކުމާއި ޖޫސްހެދުމަށެވެ. މީގެ އިތުރުން އެދުވަހު މެންދުރު އަންހެނުން މާލިނެރުން އޮވެއެވެ. ހަވީރު މަސްބާނަން ދިޔަ ޓީމުތައް އައުމުން މަސްތައް ކިރާ ބާބަކިއުހެދުމަށް ތައްޔާރުކުރެއެވެ. އެރޭ ބާބަކިއު ހެދުމަށް ފަހު ކުދިބޮޑު އެންމެން ސްޓޭޖުކައިރިއަށް ޖަމާވެ ކެއުމަށް އިންސާފުކުރަންފަށައެވެ. ކެއުމުގެ ކަންކަން ނިމުމުން މަސްރޭހުގެ ވަނަތައް އިއުލާނުކޮށްހަދައެވެ.

ފޮޓޯގްރެފީ: ނިލަމެހި

މީގެ އިތުރުން މިރަށަކީ ފަތުރުވެރިކަމުގެ ރޮނގުންވެސް ކުރިއަރަމުން އަންނަ ރަށެކެވެ. ފަތުރުވެރިން މިރަށަށް ދިޔުމުން ރަށުގައި ހުންނަ ނޯތުއެޖް އިން ކިޔާ ގެސްޓްހައުސްގެ ފަރާތުން ފަތުރުވެރިންނަށް ދިވެހިވަންތަކަން ދައްކުވައިދޭ ދިވެހި ހެދުމުގައި މަރުހަބާކިޔުމަކީ މިރަށުގެ އާދައެވެ. ފަތުރުވެރިކަމުގެ ރޮނގުން ކުރިއަރަމުން އަންނަ ރަށަކަށް ބާލާފައި ރަށުގައި ހުންނަ ނޯތުއެޖް އިން ގެސްޓްހައުސްގެ ފަރާތުން ފަތުރުވެރިންނަށް ވަރަށް ރަނގަޅަށް މެހެމާނުދާރީ އަދާކޮށްދެއެވެ. 

ފޮޓޯގްރެފީ: ނޯތުއެޖް އިން

ލިޔުންތެރިޔާގެ ފުރަމަލަ

އިމްޝާ ނަޞީރު
އިމްޝާ ނަޞީރަކީ ނޫސްވެރިކަމަށް ހުންނަ ޝާއުޤާއިއެކު، ނޫސްވެރިކަމަށް ކުރިމަތިލާފައިވާ ޒުވާން ލިޔުންތެރިއެކެވެ.