ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ނަފްސާނީ ގޮތުން ނުފޫޒު ފޯރުވުން ދެނެގަންނާނެ ގޮތް: ސަމާލުވާންޖެހޭ މުހިންމު 10 ކަމެއް!

މީހުންގެ މެދުގައި އޮންނަ ގުޅުންތަކުގައި ނަފްސާނީ ގޮތުން ނުފޫޒު ފޯރުވައި، އަނެކާގެ ވިސްނުމާއި ހަނދާނާމެދު އަމިއްލައަށް ޝައްކު އުފެއްދުމަށް ބޭނުންކުރާ ނުރައްކާތެރި އުކުޅެއް ކަމަށްވާ “ގޭސްލައިޓިންގ” ދެނެގަންނާނެ މުހިންމު ނިޝާންތަކެއް ނަފްސާނީ ސިއްހަތާ ބެހޭ މާހިރުން ހާމަކޮށްފިއެވެ.

މަޝްހޫރު ނަފްސާނީ ސިއްހަތުގެ ޕްލެޓްފޯމެއް ކަމަށްވާ “ހެޑްލައިޓް ހެލްތު” ގައި ޝާއިއުކޮށްފައިވާ ދިރާސީ ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ގޭސްލައިޓް ކުރުމަކީ އެހެން މީހުންގެ ޖަޒުބާތުތައް ކޮންޓްރޯލްކޮށް، ހަގީގަތް އޮޅުވާލުމަށް ބައެއް މީހުން ގަސްތުގައި ނުވަތަ ނޭނގި ނަމަވެސް ބޭނުންކުރާ ނޭދެވޭ އާދައެކެވެ. މިއީ އާއިލީ ގުޅުންތަކުގައާއި، ޒަވާޖީ ހަޔާތުގައި އަދި މަސައްކަތުގެ މާހައުލުގައި ވެސް ދިމާވާ ވަރަށް ނުރައްކާތެރި ކަމެކެވެ.

މިފަދަ ނަފްސާނީ އަނިޔާ ލިބޭ ފަރާތްތަކަށް އެކަން ދެނެގަތުމަށް ފަސޭހައަކަށް، އެފަދަ މީހުން އާންމުކޮށް ބޭނުންކުރާ 10 ޖުމުލައެއް މާހިރުން ވަނީ ފާހަގަކޮށްފައެވެ:

1- “ތީ ހުސް ތިބާގެ އަމިއްލަ ޚިޔާލު (ވަހުމް):” ކަމެއް ހިނގައިދިޔަކަން ސާފުކޮށް އެނގެން އޮންނަ ހާލަތްތަކުގައި ވެސް އަނެކާގެ ހަނދާނާމެދު ޝައްކު އުފެއްދުމަށް މި ޖުމުލަ ބޭނުންކުރެއެވެ.

2- “ތިޔަ މާ ބޮޑުކޮށްލަނީ:” އަނެކާގެ އިހުސާސްތަކާއި ޖަޒުބާތުތަކަކީ އަގެއް ނެތް، ބޭކާރު އެއްޗެއްގެ ގޮތުގައި ދެއްކުމަށް މިހެން ބުނެއެވެ.

3- “އަހަރެން ދުވަހަކުވެސް ތިހެންނެއް ނުބުނަން:” ބުނި ވާހަކައެއް އެއްކޮށް ދޮގުކޮށް، ތިމާގެ ކުށެއް ނެތްކަން ދެއްކުމަށް މި ޖުމުލަ ބޭނުންކުރެއެވެ.

4- “ތީ މާ އަވަހަށް ކަންކަމާ ދެރަވާ (ސެންސިޓިވް) މީހެއް:” ތިމާ ކުރާ ގޯސް ކަންކަމުގެ ޒިންމާ ނެގުމުގެ ބަދަލުގައި، އަނެކާގެ ނާޒުކުކަމަށް އިނގިލި ދިއްކުރުމެވެ.

މިވެސް ކިޔާލަން:  މީހަކު ތިބާގެ ނަފުސާނީ ދުޅަހެޔޮކަމަށް ނުފޫޒު ފޯރުވާކަން ދެނެގަންނާނެ 5 ގޮތެއް

5- “އަހަރެން އެހެން ބުނީ ސަމާސާއަކަށް:” ހިތުގައި ޖެހޭ ފަދަ އެއްޗެއް ބުނުމަށްފަހު، އެއިން ސަލާމަތްވުމަށް ބަހަނާއެއްގެ ގޮތުގައި މިއީ މަޖަލެއް ކަމަށް ހަދައެވެ.

6- “މިހެން މިވީ ހަމަ ތިބާގެ ސަބަބުން:” ތިމާ ކުރާ ނޭދެވޭ ކަންކަމާއި ރުޅިވެރިކަމުގެ ޒިންމާ އަނެކާގެ ބޮލުގައި އެޅުވުމެވެ.

7- “އަހަރެންދެކެ ލޯބިވާނަމަ ތިހެންނެއް ނުހަދާނެ:” ލޯތްބާއި ކުލުނުގެ ބޭނުން ހިފައިގެން، އަނެކާ ލައްވާ ތިމާ ބޭނުންވާ ގޮތަށް ކަންކަން ކުރުވުމަށް މި ބަސް ބޭނުންކުރެއެވެ.

8- “ތިހެން ހަދަންޏާ ތިބާއާއެކު އުޅޭނީ ކާކު؟:” އަނެކާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލުވާލައި، އެހެން މީހުން އޭނާ ބަލައިނުގަންނާނެ ކަމަށް ވިސްނައިދިނުމެވެ.

9- “ތި ހުރިހާ ވާހަކައެއް ހަނދާން ނައްތާލާފައި ކުރިއަށްދާންވީނު:” މައްސަލައަށް ހައްލެއް ނުހޯދައި އަދި މަޢާފަށް ވެސް ނޭދި، ކަންކަން ފޮރުވުމަށް މިހެން ބުނެއެވެ.

10- “ތިބާ ތިހުންނަނީ މޮޔަވެފައި:” މިއީ އަނެކާގެ ނަފްސާނީ ހަމަޖެހުމާމެދު ސީދާ ސުވާލު އުފައްދައި، އޭނާގެ ބަހުގެ އިތުބާރު ކަނޑުވާލަން ބުނާ ބަހެކެވެ.

މިފަދަ އަމަލުތަކުގެ ސަބަބުން އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި ލޮޅުންތަކެއް އަރައި، ކަންބޮޑުވުމާއި (އެންޒައިޓީ) މާޔޫސްކަން (ޑިޕްރެޝަން) ކުރިމަތިވާ ކަމަށް ނަފްސާނީ މާހިރުން ފާހަގަކުރެއެވެ. އެހެންކަމުން، މިފަދަ ވިހަ ގުޅުންތަކުން ދުރުހެލިވެ، އަމިއްލަ ނަފްސުގެ އިތުބާރު ދަމަހައްޓައި، ބޭނުންވާ ހާލަތްތަކުގައި ޕްރޮފެޝަނަލް އެހީތެރިކަން ހޯދުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top