މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ދިވެހިރާއްޖެއިން ވެސް ފެނިފައި ވާތީ ކުރީގެ ހަފުތާތަކެކޭ އެއްގޮތަށް މި ފެށޭ ހަފުތާގައިވެސް ސަރުކާރުގެ އޮފީސް ތަކާއި ސުކޫލު ތަކާއި ޔުނިވަރސިޓީތަކުގެ އިތުރުން ކޮލެޖު ތަކުގެ ކިޔެވުން ވެސް ބަންދު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ނިމައިފިއެވެ.

ރައީސްގެ މި ނިންމެވުން ނިންމެވީ ހެލްތު ޕޮޓެކްޝަން އޭޖެންސީގެ ލަފަޔާއި އިރުޝާދުގެ މަތިން މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރިގެން ހިނގައިދާނެތީ އާއި ރާއްޖޭގައި މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރު ކަމަށް ބެލެވޭތީއެވެ.

ރައީސްގެ މި ނިންމެވުމުގައި ވާގޮތުން ސަރުކާރުގެ އިދާރާތައް ބަންދު ކަމުގައި ވިޔަސް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ މުވައްޒަފުން ގޭގައި ތިބެގެން ކުރެވޭނެ ނިޒާމު އެ އިދާރާތަކުން ހަމަޖެއްސެވުމަށާއި ކޮންމެހެން ދޭން ޖެހިއްޖެ ޚިދުމަތެއް ދިނުމަށް ރައީސް ވަނީ ނިންމަވާފައެވެ. އެގޮތުން ވީހާވެސް މަދު މުވައްޒަފުން ބައިވެރިވިކޮށްގެން މަސައްކަތް ކުރެއްވުމަށާއި އޮންލައިންކޮށް ދެވެން ހުރި ޚިދުމަތެއް އެގޮތަށް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ ނިންމަވާފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ފިޔަވަޅަކީ، އެންމެންވެސް ގޭގައި މަޑުކުރުން ކަމަށްވާތީ، މިކަމަށް މި ދަނޑިވަޅުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި ކޮންމެހެން މުހިއްމު ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ބޭރަށް ނުނުކުމެ ގޭގައި މަޑުކުރުމަކީ، މި ރޯގާއިން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިއްމު އެއް ފިޔަވަޅުކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރައްވާ އެވެ.

ކޮރޯނާ ވައިރަސްއާ ގުޅޭ ރާއްޖޭގެ ހާލަތު މިއަދު ރައީސް ވަނީ ދުނިޔޭގެ ސިއްޚަތު ޖަމުއިއްޔާއާ ހިއްސާކުރައްވާފައެެވެ. މި މަޝްވަރާގައި ރައީސް ސޯލިހް ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭވޭނެ ގޮތްތަކާދޭތެރޭގައި ވާހަކަފުޅު ދައްކަވާފައެވެ.

ދިވެހިރާއްޖެއިން ކޮރޯނާ ވައިރަހުގެ 19 ކޭހެއް ފައްސި ވެފައިވާއިރު މީގެތެރެއިން 13 މީހަކު ވަނީ މި ބަލިން ފަސޭހަވެފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.