‏ޝަޢުބާން މަހުގެ ބޭނުން ހެޔޮގޮތުގައި  ހިފުމަށް رسول الله صلى الله عليه وسلم ގެ ސުންނަތުގައި ހިފުމަކީ  ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި  މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ.

“މާތް ﷲ ރުއްސުން ލެއްވި ޢާއިޝާތުގެފާނު ރިވާކުރެއްވި ޙަދީޘެއްގެ މާނާގައި ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޝަޢުބާން މަހަށް ވުރެ ގިނައިން (ސުންނަތް ރޯދަ ހިއްޕަވާ މައްސަރެއް ނުވެއެވެ. އެ މަހުގައި (ރޯދަފުޅު ހިއްޕަވާލެއް ގިނަކަމުން، މުޅި މައްސަރުގައި ރޯދަ ހިއްޕަވާފަދައެވެ. އަދި މާތް ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ. “ތިޔަބައިމީހުންނަށް ކުޅަދާނަވީ މިންވަރަކުން ހެޔޮކަންތައް ކުރާށެވެ! ފަހެ ތިޔަބައިމީހުން ހީވާގިކަމާއެކު ހެޔޮ ޢަމަލު ކުރުމުގައި ދެމިތިބިހައި ހިނދަކު، ތިޔަބައިމީހުންނަށް ދަރުމަ ދެއްވުމުގައި، މާތް ﷲ ދެމިވޮޑިގެންވާނެތެވެ.” މިއަދުގެ ޚުތުބާގައި ވެއެވެ.

ލިބިފައިވާ ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އަވަސްވެގަތުމަށާއި ގައިބާރު ދެރަވުމުގެ ކުރިން ހެޔޮޢަމަލު ކުރުމުގައި އަވަދިނެތި އުޅެވޭތޯ މަސައްކަތްކުރުމާއި އަދި ހެޔޮކަންތައް އިތުރު ކުރުމަކީ، ގަސްދަކާނުލައި ކުރެވޭ ނުރަނގަޅު ކަންކަމުންނާއި، ކުދި ފާފައިން  ސަލާމަތްވާން  އޮތްމަގެކެވެ.  މި  ދުވަސްތަކުގެ މާތްކަން ބަޔާން ކުރައްވައި رسول الله صلى الله عليه وسلم  ހަދީޘް ކުރައްވާފައިވެއެވެ. (ذلك شهر يغفل الناس عنه، بين رجب ورمضان، وهو شهر ترفع فيه الأعمال إلى رب العالمين، فأحب أن يرفع عملى، وأنا صائم) (رواه النساءي واحمد) މާނައީ: “އެއީ ރަމަޟާން މަހާއި ރަޖަބު މަހާ ދެމެދުގައިވާ، އެ މަހާ މެދު މީސްތަކުން ޣާފިލުވާ މަހެކެވެ. އެއީ ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް މީސްތަކުންގެ ޢަމަލުތައް އުފުލިގެންދާ މަހެކެވެ. އެހެންވެ ތިމަން ކަލޭގެފާނު ރޯދަފުޅަށް ހުންނަވަނިކޮށް، ތިމަން ކަލޭގެފާނުގެ ޢަމަލުފުޅުތައް އުފުއްލެވުމަކީ، ތިމަން ކަލޭގެފާނު އެދިވަޑައިގަންނަވާ ކަމެކެވެ.”

މިއަދުގެ ޚުތުބާގައި ވެއެވެ. ޝަޢުބާން  މަހުގެ ދުވަސްތަކަކީ ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމަށް ލިބިގެންދާ  ފުރުޞަތެއް ކަމަށާއި މިގޮތުން ހިތާއި ގުނަވަންތަކުން ރަމަޟާން މަހުގައި، ގަދައަޅައި އަޅުކަން ކުރުމަށް ލިބިދެވޭ ތަމްރީނެއް ކަމުގައި ޝަޢުބާން މަސް  ވުމުގެ އިތުރުން މި ދުވަސްތަކަކީ ޝައިޠާނާގެ ކަސްތަޅުތަކުން ތިމާ މިނިވަންވެ ހަވާނަފްސުގެ އެދުންތަކުން އެއްކިބާވެ، ބޭކާރު ވަހުމްތަކާއި ވަސްވާސްތަކުން ދުރުހެލިވެ، ސީދާ ވުމަށް ލިބޭ ފުރުޞަތަކަށް  ކަމުގައެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ހިތާމަވެރި ވަގުތެއްގައި، ހެޔޮޢަމަލު ކުރުން އިތުރުކުރުމަށާއި، ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވެ، ޞަދަޤާތްކޮށް، ހޭދަކުރުމަށް އަވަސްވެގަންނާން ޖެހެއެވެ. މިގޮތުން ޙާލުގައި ޖެހިފައިވާ މީހުންނާއި، ތިމާގެ ޢާއިލާ އާއި، ގާތްތިމާގެ މީހުންނަށް ހޭދަކުރުމަށް މިއަދުގެ  ޚުތުބާގައި ގޮވާލާފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.