މުޅިދުނިޔެ މިވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހި ފަސްގަނޑު މިވަނީ ނުރައްކަލެއްގެ ފައްތަރެއްގައެވެ. މި ހާލަތުގައި ޓީވީ، ރޭޑިޔޯ ތަކުން ހުއްޓާނުލައި ގޮަވަމުން ދަނީ ހަމަ އެކައްޗެކެވެ. ކޮރޯނާ ވައިރަހުގެ ނުރައްކަލުގެ ވާހަކައެވެ. އެބަލީގެ ހުރި ބިރުވެރި ކަމުގެ ވާހަކައެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި ދުވާލެއްގެ މައްޗަށް އެތައް ހާސް ބަަޔަކު ކޮރޯނާއަށް ފައްސި ވާއިރު، އެތައް ހާސް ބަޔަކު އެ ބަލީގައި މިދުނިޔެ ދޫކޮށް ދަނީއެވެ. މިއީ ހިތާމަ ހުރި ކަމެކެވެ. ބިރުވެރި މަންޒަރެކެވެ. އެގޮތުން މިލިޔަނުން އެ ވައިރަސް ޖެހުނު މީހުންގެ އަދަދު އަރައިގެން ދިޔައިރު، މަރުވި މީހުން ލައްކައިން މައްޗަށް އަރައިގެން އެދަނީ ނުހަނު ބާރަށެވެ.

މިފަދަ ބިރުވެރި ވާހަކަތައް، އިންސައްތައިން ޓީވީ، ރޭޑިޔޯ އިން ގޮވަމުން ދާއިރު، އަޅުގަނޑުމެންގެ ދެލޮލުގެ ފިނިކަން ފަދަ ތުއްތު ކުދިންނަށް އެ އަޑުތައް ނީއްވާށެވެ. އެ މަންޒަރުތައް އެ ދެލޯތަކަށް ވަންހަނާކޮށްދޭށެވެ.

އަޅުގަނޑުމެންނަށް ނޭނގުނު ނަމަވެސް، މިކަމުގެ ސަބަބުން އެ ތުއްތު ކުދިންނަށް ވަރަށް ބޮޑު ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ. އެ ކުޑަކުޑަ ސިކުނޑިތަކުން އެ ބިރުވެރިކަން ތަހައްމަލު ކުރާނީ އަޅުގަނޑުމެން ޚިޔާލަށް ވެސް ނުގެވޭނެ ފަދަ ގޮތަކަށެވެ. އެހެންކަމުން ކުޑަ ކުދިންނަށް އެ ބަލީގެ ނުރައްކާތެރިކަމާއި، އެ ބިރުވެރި މަންޒަރު ދައްކަން ހެޔޮނުވާނެއެވެ.

ކުޑަކުދިންނަށް ވެސް އަޅުގަނޑުމެންނަށް ކޮރޯނާ އެއީ ކޯއްޗެއްކަން ކިޔައިދެވިދާނެއެވެ. ނަމަވެސް އެކުދިންގެ މިންގަނޑުގައެވެ. އެހެންކަމުން ކޮންމެ މަންމަ އަކާއި ބައްޕައެއް ވެސް މިކަމާއި މެދު ވިސްނާލުން ވަރަށް މުހިންމެވެ. ކުޑަކުދިން ނަފުސާނީ ބަލިމަޑުކަމުން ސަލާމަތް ކުރުމަކީ، މުޅި މުޖުތަމަޢުގެ ޒިންމާއެކެވެ. ޚާއްސަކޮށް މައިންބަފައިންގެ ވާޖިބެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.