ކައިވެންޏަށްފަހު ފުރަތަމަ ފަހަރަށް، އަމިއްލަ ފިރިމީހާއަށް އިންތިޒާރުކުރެވުނު ކަމަށްޓަކައި އޭނާ ލަދުވެތިވިއެވެ. އިންތިޒާރުކުރުމަކީ ގޯހަކަށް ވެގެންނެއް ނޫނެވެ. އެކަމަކު، ކޮންމެވެސް ހިސާބަކުން، އޭނާގެ އިންތިޒާރަކީ އަހިލްއަށް އެއްވެސް މާނައެއް ނެތް އެއްޗަކަށް ވެފައިވާތީއެވެ.
*****
ސަނަމްއާއި އާހިލް އަލަށް ކައިވެނިކުރިއިރު، އެމީހުންގެ އެޕާޓްމަންޓަކީ ދިރިއުޅުމަށް ބޭނުންވާ އެންމެ އަސާސީ ސާމާނު ފިޔަވައި އިތުރު އެއްޗެއް ނެތް ތަނެކެވެ. އާދައިގެ ސިޓިންގރޫމެކެވެ. ކުޑަ ބަދިގެއެކެވެ. ފަނޑު ފަރުދާތަކެއް އެލުވާފައިވާ، އަދި އެމީހުންގެ އަންނައުނުތައް އަޅަން ދުވަހަކުވެސް ޖާގަ ނުފުދޭ ކަހަލަ އަލަމާރިއެއް ހުރި އެންމެ ކޮޓަރިއެކެވެ.
އެމީހުންގެ ކުޑަ ބެލްކަނީގައި ދެ ގޮނޑި ބަހައްޓާނެ ޖާގަވެސް ކިރިޔާ އޮތް ނަމަވެސް، އާހިލް ބޭނުންވީ އެ ދެ ގޮނޑި ގަންނާށެވެ.
“އަހަރެމެން ހަވީރު ސައި ބޯން.” އޭނާ ބުންޏެވެ.
“ކޮންތާކު ބަހައްޓާނީ؟”
“ބެލްކަނީގަ.”
“ދެން ވާރޭ ވެހިއްޖެއްޔާ؟”
“އެތެރެއަށް ވައްދާނީ.”
“ދެން ހިނގާބިނގާވާން ބޭނުންވީމަ؟”
“ގޮނޑިތައް ވަށައިގެން ހިނގާނީ.”
ލޮލުން ކަރުނަ ފައިބަންދެން ސަނަމް ހުނެވެ. “އާހިލްއާ އެއްކޮށެއް ނޫޅެވޭނެ.”
“އެކަމަކުވެސް އަހަންނާ ކައިވެނި ކުރީމެއްނު.”
“އެއީ އަހަންނަށް ހެދުނު ފުރަތަމަ ގޯސް.”
އާހިލް ހިތުގައި ޖެހުނު ކަމަށް ހެދިލިއެވެ. “މިހާރުއްސުރެ؟ އަދި ހަފުތާއެއްވެސް ނުވެއެއްނު!”
އެމީހުންގެ ކުރީކޮޅުގެ ދުވަސްތައް ފުރިފައިވަނީ އެފަދަ މަޖާ ވާހަކަތަކުންނެވެ.
ކެއުމަށްފަހު، އެ ކުޑަ ދެ ގޮނޑީގައި އިށީނދެގެން ތިބެ، މާލޭގެ އިމާރާތްތަކުން ފެންނަ ބައްތިތަކުގެ އަލިތަކަށް އެމީހުން ބަލަން ތިބެއެވެ. ބައެއް ފަހަރު މުސްތަޤުބަލާމެދު ވާހަކަދައްކައެވެ. އަނެއްބައި ފަހަރު އެއްވެސް މުހިންމުކަމެއް ނެތް އާދައިގެ ކަންކަމާ މެދުގައެވެ. އާހިލް އޮފީހުގައި ހިނގާ މަޖާ ކަންކަން، ކޮންމެ ތަފްސީލެއް އިތުރަށް ބޮޑުކޮށްލައިގެން، ސަނަމް ހޭންދެން ކިޔައިދެއެވެ. ސަނަމް ބާޒާރުން ފެނުނު ކަމެއް ނުވަތަ އޮފީހުގެ ރަހުމަތްތެރިއެއްގެ ވާހަކަ ހިއްސާކުރެއެވެ.
ހަފުތާ ބަންދުގައި އެމީހުން ދެފަރާތުގެ އާއިލާތަކަށް ޒިޔާރަތްކޮށް، އެކުގައި ބާޒާރުކޮށް، ބައެއް ފަހަރު މާލޭގެ އަޑުގަދަކަމުން ދުރުވެލަން ފެރީއެއްގައި ދަތުރުކޮށްލައެވެ.
އެމީހުންނަކީ މުއްސަނދިންނެއް ނޫނެވެ. ނަމަވެސް ސަނަމަށް އިޙުސާސް ކުރެވުނީ އޭނާ ދުވަހަކުވެސް އުންމީދު ނުކުރާ ފަދަ މުއްސަނދިކަމެއް ލިބިފައިވާ ކަމަށެވެ. އޭނާއަށް ލިބުނީ އޭނާއަށް ސަމާލުކަންދޭ ފިރިއެކެވެ.
ކާއިރު ސަނަމް މަޑުމަޑުން ހުރެއްޖެނަމަ، އުނދަގޫވަނީ ކޮން ކަމަކާތޯ އާހިލް އަހައެވެ. އޭނާ މާ ބޮޑަށް ވަރުބަލިވެފައި ހުރިކަން އެނގިއްޖެނަމަ، އެދުމަކާ ނުލައި ގޭތެރޭގެ މަސައްކަތްތައް އާހިލް އަމިއްލައަށް ކޮށްދެއެވެ. ޚިޔާލު ތަފާތުވާ ފަހަރުތަކުގައިވެސް، ހަމަޖެހިލުމަށްފަހު އާހިލް އަލުން އެ ވާހަކައަކަށް އާދެއެވެ.
“އަހަރެން މި އުޅެނީ ސަނަމްގެ މައްޗަށް ގަދަވާކަށް ނޫން.” އެއްފަހަރަކު އޭނާ ބުންޏެވެ. “އަހަރެން މި މަސައްކަތްކުރަނީ ސަނަމް ދެނެގަންނަން.”
އެ ޖުމްލަ ސަނަމް ދުވަހަކުވެސް ހަނދާނެއް ނުނެތެއެވެ.
ނަމަވެސް ހިތާމައަކީ، އުފާވެރިކަމުގެ އެންމެ ފަހު ދުވަސްތައް ގުނަމުންދާއިރު، އެއީ ފަހު ދުވަސްތައްކަން އިންސާނުންނަށް ވަރަށް މަދުން ނޫނީ ނޭނގޭ ކަމެވެ.
ބަދަލުތައް އަންނަން ފެށީ ވަރަށް ލަސްލަހުންނެވެ. އެކަން ފެށުނީ ކޮން އިރަކު ކަމެއް ސަނަމަކަށް ނޭނގުނެވެ. ފުރަތަމަ، ހަވީރުގެ ވާހަކަތައް ކުރުވާން ފެށިއެވެ. ކާއިރު އާހިލް އޭނާގެ ފޯނަށް ބަލަން ފެށިއެވެ. އޮފީހުގެ މީހުން ފޮނުވާ މެސެޖުތަކުގެ ސަބަބުން އެމީހުންގެ ވާހަކަތައް މެދުކެނޑި، އޮފީހުގެ ފޯނު ކޯލުތައް ގޭތެރެއަށް ވެރިވާން ފެށިއެވެ.
ދެން އައީ ހަފުތާ ބަންދުތައް ގެއްލެން ފެށި ދުވަސްތަކެވެ. ރިޕޯޓެއް ނިންމަން ޖެހިގެންނެވެ. ވެރިޔަކު ބައްދަލުވުމަކަށް އެދިގެންނެވެ. އޮފީހުގެ މީހަކަށް އެހީތެރިކަމެއް ބޭނުންވެގެންނެވެ. އަބަދުވެސް ކޮންމެވެސް ސަބަބެއް އޮވެއެވެ. އަދި ވަކިވަކިން ބަލާއިރު އެއިން ކޮންމެ ސަބަބަކީވެސް ހަމަޖެހޭ ސަބަބެކެވެ.
ސަނަމް ވިސްނައިދޭން މަސައްކަތްކުރިއެވެ. އާހިލް އޭނާގެ ވަޒީފާގެ މައިދާނުގައި ކުރިއަރަން ބޭނުންވާކަން އޭނާއަށް އެނގެއެވެ. ކައިވެންޏަށްފަހު މާލީ ޒިންމާތައް އިތުރުވެފައިވާކަންވެސް އެނގެއެވެ. ކުއްޔާއި، ކާބޯތަކެއްޗާއި، ކަރަންޓު ބިލާއި، އާއިލީ ޚަރަދުތަކަށް ކޮންމެ މަހަކުވެސް ފައިސާ ބޭނުންވެއެވެ.
އޭނާ ބޭނުންވީ އާހިލްއަށް އިތުރު ބުރައަކަށް ނުވާށެވެ. އެހެންކަމުން އޭނާ އަމިއްލަ ނަފްސު އެ ހާލަތަށް ހޭނުވިއެވެ. އާހިލް ލަސްވާ ރޭރޭ އޭނާ އެކަނި އިނދެ ކެއެވެ. ހަފުތާގެ ދުވަސްތަކުގައި މާ ގިނަ ވައްތަރުގެ ކާއެއްޗެހި ތައްޔާރުކުރުން ހުއްޓައިލިއެވެ. އާހިލް އޭނާގެ ގާތުގައި އިށީނދެގެން ނެތް ނަމަވެސް، އެކަނި އިނދެ ޓީވީ ބަލަން އޭނާ ދަސްކުރިއެވެ.
އާހިލް ވަރުބަލިވެފައި ހުންނައިރު، އޭނާ އަރާމުކުރަން ދޫކޮށްލައެވެ. އާހިލް ހިމޭންވެފައި ހުންނައިރު، އޭނާއަށް އަމިއްލަ ޖާގަ ދެއެވެ. މުހިންމު ކަމެއް އާހިލް ހަނދާންނެތިއްޖެނަމަ، ކޮންމެ މީހަކަށްވެސް ކުށް ކުރެވިދާނެކަމަށް އަމިއްލަ ނަފްސަށް ވިސްނައިދެއެވެ.
ނަމަވެސް އެއްރެއަކު، އޭނާއާ އާހިލްއާ ދެމެދު އޮތް ބީރައްޓެހިކަން އިޙުސާސްވާތާ އެތައް ހަފުތާއެއް ފަހުން، ވާހަކަދައްކަން ސަނަމް ނިންމިއެވެ.
އާހިލް އޮފީހުން އައީ ނުވައެއް ޖަހަން އުޅެނިކޮށެވެ. ސަނަމް އެދުވަހު ދޮވުނު އަންނައުނުތައް ފަށްޖަހަމުން ދިޔައިރު، އާހިލް އިނީ ސޯފާގައި އިށީނދެގެން ފޯނު ހާވާށެވެ.
“އަހިލް؟”
“ހޫމް؟”
“އަހަރެމެންނަށް އިރުކޮޅަކު ވާހަކަދައްކާލެވިދާނެތަ؟”
“ކޮން ކަމަކާ؟”
“އަހަރެމެން ދެމީހުންގެ ވާހަކަ.”
އާހިލްގެ ބޮޑުވާއިނގިލި ފޯނުގެ ސްކްރީން މަތީގައި ސިކުންތުކޮޅަކަށް ހުއްޓުނެވެ. “އަހަރެމެންގެ ކޮން ވާހަކައެއް؟”
ސަނަމް ފަށްޖެހި ގަމީސް މޭޒުމަތީގައި ބޭއްވިއެވެ. “އަހަންނަށް ހީވަނީ މިހާރު އަހަރެމެން އެކުގައި ވަގުތު ހޭދަކުރާލެއް ވަރަށް މަދޭ.”
އާހިލް ފޯނު ތިރިކޮށްލިއެވެ. އެކަމަކު އޭނާގެ ދެލޯ އަދިވެސް ހުރީ ސްކްރީނަށެވެ. “އަހަރެމެން މިއުޅެނީ އެއް ގެއެއްގައެއްނު، ސަނަމް.”
“އެނގޭ.”
“އަހަރެން ގެއަށް އަންނަ ދުވަހަކު ކަނީ އެކީގަ. ނިދަނީ އެއް ކޮޓަރިއެއްގަ. ދެން އިތުރަށް ކޮން ކަމެއް ސަނަމް ބޭނުންވަނީ؟”
އޭނާއަށް ހަޤީޤަތުގައިވެސް ނުވިސްނެނީތޯ ނުވަތަ ވިސްނަން ބޭނުންނުވަނީތޯ ޔަޤީންނުވެފައި ސަނަމް އޭނާއަށް ބަލައިލިއެވެ.
“އަހަރެން ބޭނުންވަނީ އަހަރެމެންނަކީ އަދިވެސް ދެމަފިރިންކަން އިޙުސާސްވާން. ހަމައެކަނި އެއް އެޕާޓްމަންޓެއް ހިއްސާކުރާ ދެމީހުންނަށް ވާކަށް ނޫން.”
އާހިލްގެ މޫނުމަތީގެ ކުލަވަރު ހަރުކަށިވިއެވެ. “މި ވާހަކަތައް މި އައީ ކޮންތާކުން؟”
“ވޭތުވެދިޔަ މަސްތަކުން.”
“އަހަރެން މި މަސައްކަތްކުރަނީ އަހަރެމެން ދެމީހުންގެ މުސްތަޤުބަލަށްޓަކައެއްނު.”
“އަހަންނަށް އެނގޭ އާހިލް ބުރަކޮށް އުޅޭކަން.”
“ދެން ކީއްވެ އަހަރެން ގޯހެއް ހަދައިގެން އުޅޭހެން ތި ވާހަކަދައްކަނީ؟”
“އާހިލް ގޯހެއް ހަދައިގެންނެކޭ އަހަރެން ނުބުނަން. އަހަރެން މި ބުނަނީ އަހަރެން އާހިލް މަތިން ހަނދާންވެޔޭ.”
އެއް ސިކުންތަށް ނަމަވެސް، އާހިލަށް ވިސްނިދާނެ ކަމަށް ސަނަމް ހީކުރިއެވެ. ކުރިން ހަދާހެން އޭނާގެ އަތުގައި ހިފާލާނެ ކަމަށް އިންތިޒާރުކުރިއެވެ. ސަނަމް އެންމެ ބޮޑަށް ހަނދާންވަނީ ކޮން ކަމެއްތޯ ނުވަތަ އޭނާއަށް ބަދަލުކުރެވޭނީ ކޮން ކަމެއްތޯ އަހާނެ ކަމަށް އުންމީދުކުރިއެވެ.
އޭގެ ބަދަލުގައި، އާހިލް އޭނާގެ ނިތްކުރީގައި އަތް އުނގުޅައިލިއެވެ. “ސަނަމް، ކައިވެންޏަށްފަހު ދިރިއުޅުން އަބަދު ފުރަތަމަކޮޅުގަ އޮންނަ ގޮތަކަށް ނޯންނާނެ. ކޮންމެ ރެއަކު އިޙުސާސްތަކުގެ ވާހަކަ ދައްކާކަށް އަހަރެމެންނަކަށް ނުތިބެވޭނެ.”
“އަހަރެން އެހެންނެއް ނޭދެން.”
“ދެން ކޮން ކަމަކާތަ މި ޒުވާބުކުރަނީ؟”
ސަނަމް ދެލޯ ތިރިކޮށްލިއެވެ.” އަހަރެމެން ޒުވާބެއް ނުކުރަން.”
“ރަނގަޅު. ސަބަބަކީ މިކަމަށް ހޭދަކުރާނެ ހަކަތައެއް މިރެއަކު އަހަރެންގެ ގައިގައެއް ނެތް.”
އޭނާ އަނެއްކާވެސް ފޯނު ނެގިއެވެ. ވާހަކަ ނިމުނީއެވެ.
ފަށްޖަހާފައި ހުރި އެއްޗެހިތަކުގެ ކައިރީގައި ސަނަމް އިށީނދެގެން އިނެވެ. އޭނާގެ އަތްތިލަ އޮތީ ހަރަކާތެއް ނެތި އުނގުމަތީގައެވެ. އޭނާ އެ ވާހަކަ ފެށީ ފިރިމީހާއާ ގާތްވެވޭތޯ ކުރި އުންމީދުގައެވެ. އެކަމަކު އެވާހަކަ ނިމިގެން ދިޔައިރު އޭނާއަށް އިޙުސާސްވީ އެފަދަ ވާހަކައެއް ދެއްކުނުކަމުގެ މޮޔަކަމެވެ.
އެރޭ އާހިލް ވަރަށް އަވަހަށް ނިދައިފިއެވެ. ސަނަމް އޭނާގެ ކައިރީގައި އޮށޯވެގެން އޮތްއިރު، އެނދު ކައިރީ ހުރި ކުޑަ މޭޒުމަތީގައި އޮތް ފޯނުގެ ފަނޑު ނޫކުލައިގެ އަލިކަން ނިވިގެންދިޔަ މަންޒަރަށް އޭނާ ބަލަހައްޓައިގެން އޮތެވެ.
ކުރިން، ސަނަމް ދެރަވެފައި ހުންނަކަން ފޮރުވަން އުޅުނަސް އާހިލަށް އެކަން ފާހަގަވާ ގޮތް އޭނާ ހަނދާންވިއެވެ. މިހާރު އޭނާގެ ކައިރީގައި އޮވެގެން ސަނަމް ރޯއިރުވެސް އާހިލަކަށް ނޭނގެއެވެ. ނުވަތަ އޭނާއަށް އެނގި ހުރެވެސް ސުވާލުކުރުން ހުއްޓައިލީއެވެ.
އެ ދެގޮތުންކުރެ އެންމެ ތަދުވަނީ ކޮން ގޮތަކުން ކަމެއް ސަނަމަކަށް ނުނިންމުނެވެ.
*****
ބުރާސްފަތި ދުވަހެއްގެ މެންދުރުފަހު ސަނަމްގެ މަންމަ ގުޅިއެވެ. “މިރޭ އާދެބަލަ ދަރިފުޅާ. ބައްޕަވެސް ދަރިފުޅުގެ ވާހަކަ އެބަ އަހާ.”
ބަދިގޭގެ ކައުންޓަރު ކައިރީގައި ސައި ހަދަން ހުރި ސަނަމް ހިނިތުންވެލިއެވެ. “އޮފީސް ނިންމާފަ ދާނަން، މަންމާ.”
“އާހިލް ހުސްކޮށް ހުރިއްޔާ ގޮވައިގެން އަންނާތި.”
“އަހާލާނަން.”
“އަދި އެއްވެސް އެއްޗެއް ނުގަނެ އަންނާތި. މަންމަ ކާއެއްޗެހި ހަދާނަން.”
“މަންމަ އަބަދުވެސް ތިހެން ކިޔާފަ، އެއްޗެއް ނުގެނައިމަ ޝަކުވާކުރާނެ.”
މަންމަ ހީނގަތެވެ. “އެއީ ދަރިފުޅު މަންމަގެ ބަސް ނާހާތީއެއްނު.”
އިރުކޮޅަކަށް ނަމަވެސް، ސަނަމްގެ ހިތަށް ލުއިކަމެއް ލިބުނެވެ. މަންމަގެ އަޑުން ގެނެސްދިނީ ކުޑައިރުގެ އެ ހޫނު އިޙުސާސެވެ. ލަސްވެއްޖެނަމަ އެކަން ފާހަގަވާނެ، ކައިފިންތޯ އަހާނެ، އަދި ވަރުބަލިވެފައި ހުރިކަން އެނގުމުން ކަންބޮޑުވާނެ ބަޔަކު ތިބި ގެއެއްގެ ހަނދާނެވެ.
އެރޭ އޭނާ ރީތިވެގެން އަހިލްއަށް މެސެޖުކުރިއެވެ. “މަންމަ ދަޢުވަތު ދީފި ރޭގަނޑުގެ ކެއުމަށް. އެކީގަ ދެވިދާނެތަ؟”
އޭނާ ޖަވާބުދިނީ ގާތްގަނޑަކަށް ވިހި މިނެޓު ފަހުންނެވެ. “ސަނަމް ދޭ. އަހަރެން ނިންމަންޖެހޭ ކަންތައްތަކެއް އެބަހުރި.”
އޭނާ އެ މެސެޖަށް ބަލަހައްޓައިގެން ހުއްޓެވެ. “ޔަޤީންތަ؟ ބައްޕަވެސް އާހިލްގެ ވާހަކަ އެހި.”
“ދެން ފަހަރަކުން، ސަނަމް.”
އޭނާ ފޯނު ޖީބަށް ލިއެވެ.
މައިންބަފައިންގެ ގޭގެ ތެރެއިން ދުވަނީ ބަތާއި، ފިހުނުމަހާއި، ރިހައިގެ މީރު ވަހެވެ. ބައްޕަ އޭނާގެ އާދައިގެ ގޮނޑީގައި އިނދެގެން ފޯނުން ޚަބަރު ކިޔަމުން ދިޔައިރު، މަންމަ ބަދިގެއާއި ކާ މޭޒާ ދެމެދު އެކި ކަންކަމުގައި ހަރަކާތްތެރިވަމުން ދިޔައެވެ.
“ކޮބާ އާހިލް؟” ބައްޕަ އެހިއެވެ.
“އޮފީހުގަ، ބައްޕާ.”
ބައްޕަ ބޯޖަހައިލިއެވެ. “މަސައްކަތަކީ މުހިންމު އެއްޗެއް. އެކަމަކު ވަގުތެއް ވީމާ އަހަރެމެންނާ ބައްދަލުކޮށްލަން އަންނަން ބުނާތި.”
“ބުނާނަން.”
މަންމަ ސަނަމްގެ މޫނަށް ފުންކޮށް ބަލައިލިއެވެ. “ދަރިފުޅު ތިހިރީ ވަރުބަލިވެފަ.”
“އަހަރެން ރަނގަޅު.”
“ރަނގަޅަށް ކައިގެންތަ ތިއުޅެނީ؟”
ސަނަމް ހިނިތުންވެލިއެވެ. “މަންމާ، އަހަންނަކީ މިހާރު ކުޑަކުއްޖެއް ނޫނޭ.”
“މަންމައަށް އަބަދުވެސް ދަރިފުޅަކީ ކުޑަކުއްޖެއް.” މަންމަގެ އަޑުގައިވި އޯގާތެރިކަމުގެ ސަބަބުން ސަނަމްގެ ހިތް ފުރިގެން އައެވެ.
ކެއުމުގެ ވަގުތުގައި، ބައްޕަގެ ދުވަސްވީ ރަހުމަތްތެރިއެއްގެ ވާހަކަ ކިޔައިދިނެވެ. މަންމަ ތަކެތީގެ އަގު ބޮޑުވަމުންދާތީ ޝަކުވާކުރިއިރު، ސަނަމް އެކަށީގެންވާ ވަގުތުތަކުގައި ހީނލައެވެ. އޭނާ ކުރިމަތީގައި ހުރި ތަކެތިން ކެއެވެ. އެމީހުންގެ ސުވާލުތަކަށް ޖަވާބު ދިނެވެ. އެހެންނަމަވެސް، އެ ކޮންމެ ވާހަކައެއްގެ އަޑީގައި ފޮރުވިފައިވަނީ، ހިތުގެ ރިހުން އެހެން މީހުންނަށް ފާޅުނުކޮށް ސިއްރުކުރަން އަންހެނަކު ކުރާ ހިތްވަރުގެ ވަރުބަލިކަމެވެ.
ފަހުން، މަންމައާއެކު ތަށިތައް ދޮންނަން ހުރެފައި، ކުއްލިއަކަށް ސަނަމްގެ އަނގައިން ބަސްތައް ބޭރުވިއެވެ.
“މަންމާ؟”
“ހޫމް؟”
“ބައްޕައާ ކައިވެނިކުރި ފަހުން މަންމައަށް ދުވަހަކުވެސް އެކަނިވެރިކަން އިޙުސާސްވިތަ؟”
މަންމަ އިސްކުރު ބަންދުކޮށްލިއެވެ. “އާނ، ވާނެއެއްނު.”
ސަނަމް އިސްއުފުލައި ބަލައިލިއެވެ. “އެހެންތަ؟”
“ދަރިފުޅުގެ ބައްޕައާއެކު ދިރިއުޅުމަކީ އަބަދު ފަސޭހަ ކަމެއް ނޫން. ބައްޕަ ވަރުބަލިވެގެން ގެއަށް އައިސް ވާހަކަ ނުދައްކާ ހުންނަ ދުވަސްތައްވެސް ދިޔަ. މަންމަ ބައްޕަދެކެ ރުޅިއައިސްގެން އުޅުނު ދުވަސްތަކާއި، ބައްޕަ މަންމަދެކެ ރުޅިއައިސްގެން އުޅުނު ދުވަސްތައްވެސް ދިޔަ.”
“ދެން މަންމަ ކިހިނެއް ހެދީ؟”
“ވާހަކަދެއްކޭ ވަގުތުތަކުގައި ވާހަކަދައްކަނީ. ބައެއް ފަހަރު ދެބަސްވުންތައްވެސް ހިނގާ. އަނެއްބައި ފަހަރު ހަމަޖެހެން ވަގުތު ދެނީ.”
ސަނަމް މަޑުމަޑުން ބޯޖަހައިލިއެވެ. މަންމަ ތުވާލިން އަތް ފޮހެލިއެވެ.
“ކީއްވެ ތި ސުވާލު ތި އެހީ؟”
ސަނަމް ފަސްޖެހުނެވެ. “ކަމެއް ނުވޭ. ހަމަ ހިތަށްއެރީ.”
މަންމަ ވަގުތުން ޖަވާބެއް ނުދިނެވެ. އޭގެ ބަދަލުގައި، ކާ މޭޒު ދޮށުން ގޮނޑިއެއް ދަމައިލުމަށްފަހު އިށީނެވެ.
(ނުނިމޭ)
