ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވަކިވާކަށް ނޭދެން – ނުވަވަނަ ބައި
ފޮޓޯ: މުނިއަވަސް ގްރެފިކްސް

“ރާޔާ. އަހަރެން މިދަނީ ވަރަށް މުހިންމު ކަމަކު ބޭރަށް. ކަމެއް ދިމާވެއްޖެއްޔާ ގުޅާލާ އިނގޭ.” ގަޑިއަށް ބަލާލަމުން އޭނާ ހިނގައިގަތެވެ.

ކެފޭއިން ނުކުމެ ނުކުމެ ހުއްޓާ އެތެރެއަށް ވަންނަން އައި މީހެއްގެ ގައިގައި ލައިގަނެފައި ޒޯޔާ އަރިއަޅާލިއެވެ. އެމީހާ އަވަސް ހަރަކާތަކާއެކު ޒޯޔާ ވެއްޓުނަނުދީ ހިފެހެއްޓި ވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. އަދި ހަމަ އެވަގުތު މަތީގައިވާ ފުއްޕާހަން ފެޅި ފިނިފެންމާ ފިޔަތައް އެމީހުންގެ ގަޔަށް އެޅުނެވެ. ދެމީހުން ދެމީހުންގެ ލޮލުގެ ތެރެއަށް ގެއްލިފައި ތިއްބާ ސިހިގެން ދިޔައީ ކެފޭގެ އެތެރެއިން އިވުނު އަންހެން އަޑުންނެވެ.

“ތީ ކާކު؟ އަޅެ އެހާ އުނދަގުލަކުން އަހަރެން މި ސަޕްރައިޒް ޕްލޭންކުރީ. އެކަމަކު ހުރިހާ ޕްލޭނެއް ފެއިލްވީ މި.” ރޮވެން އުޅޭ ކަހަލަ ގޮތަކަށް އެ އަންހެންކުއްޖާ ބުންޏެވެ. އަދި ފަހުން ހަމަ ރަނގަޅަށްވެސް ރޯން ފެށިއެވެ.

“ކަލޭގެ ސަބަބުން އޭނަގެ ސަޕްރައިޒް ޚަރާބުވީ. އަޅެ ކަލެއަށް ދެ މިނެޓް ފަހުން ކެފޭއަށް ނުވަދެވޭނެތަ؟” ޒޯޔާ ތަންކޮޅެއް ބާރަށް ބުންޏެވެ.

“އަހަންނާ ހެދި؟ ކީކޭ ތި ކިޔަނީ؟ މީ ކޮންކަމެއް؟” އަޔާން އެހިއެވެ.

އެވަގުތު ކުއްލިއަކަށް ހުދު ކުލައިގެ އަތްދިގު ޓީޝާޓެއް ލައިގެން ހުރި މީހަކު އަވަސްއަވަހަށް ކެފޭގެ ތެރެއަށް ވަނެވެ. “ރާނީ” އޭ ކިޔާ ގޮވަމުންނެވެ. އޭނާއަށް ފެނުނީ މޭޒު ކައިރީގައި ރޯން އިން ރާނީއެވެ.

“ރާނީ. އޭތް. ކީއްވެ ތި ރޮނީ؟” ނާއިލް އެހިއެވެ.

“ރޮވޭނެއެއްނު. އަހަރެން އެހާވަރުން ނާއިއަށްޓަކާ ސަޕްރައިޒް ޕްލޭންކުރީ. އެކަމަކު ހުރިހާ ކަމެއް ފެއިލްވީ.” ރާނީ ރޮމުން ބުންޏެވެ.

“އެހެންތަ. މިތާ ރާނީ އަހަންނަށް ސަޕްރައިޒް ރޭވީ. އަހަރެން މިއައީ ރާނީއަށް ސަޕްރައިޒެއް ދޭން.” ނާއިލް ހީނލަމުން ބުނެލިއެވެ. އޭނާ ކަކޫ މައްޗަށް ތިރިވެލަމުން ރާނީއަށް އަތް ދިއްކޮށްލިއެވެ.

“ރާނީ ޒުހައިރު. ވިލް ޔޫ މެރީ މީ؟” ކެފޭގައި އެވަގުތު ތިބި އެންމެންގެ ކުރިމަތީގައި ނާއިލް ރާނީއަށް ކައިވެނީގެ ހުށަހެޅުން ހުށަހެޅިއެވެ.

ވީ އުފަލާއި ހައިރާނުން ފުރިގެން އިން ރާނީ އަވަސްއަވަހަށް ބޯޖަހާލިއެވެ. ނާއިލް އޭނާގެ އަތުގައި އޮތް އަނގޮޓި ރާނީގެ އިނގިލީގައި އަޅުވާލަދިނެވެ. މުޅި ކެފޭތެރެ އަތްތިލަބަޑީގެ އަޑުން ގުގުމާލިއެވެ. ދުރުގައި ބަލަން ހުރި ޒޯޔާވެސް އެ އުފަލުގައި ބައިވެރިވިއެވެ. އަޔާން ހުރީ ފާޑަކަށް ބަލަހައްޓައިގެންނެވެ. ހީނފައެވެ. އޭނައަށް މިއީ ނިކަން ހެއްވާ ކަންކަމެވެ.

ދެ ލޯބިވެރިން އަތުގުޅާލައިގެން ކެފޭގެ ތެރެއިން ނުކުމެގެން ދިޔައީ އެހެން ހުރިހާ ކަމެއް ހަނދާން ނައްތާލާފައެވެ. ޒޯޔާ ހީނލަމުން ބޯހޫރާލިއެވެ.

“މީހުން ބުނަނީ ތެދެކޭ. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް.” އަޔާން ބުނެލިއެވެ.

“އޯ ޕްލީޒް. މިއަދު ކަލެއާ ހެދި ރޮމޭންޓިކް މޯމެންޓެއް ކިރިޔާ އެ ބަރުބާދުނުވީ.” ޒޯޔާ ޖަދަލުގެ ރާގެއްގައި ބުންޏެވެ.

“އަހަންނާ ހެދިއޭ! އަހަރެން ކީއްކުރީ؟” އަޔާން ހައިރާންވެފައި އެހިއެވެ.

“ނުބައި ވަގުތެއްގައި އެތެރެއަށް ވަނީ. އެއީ ކަލެއަށް ހެދުނު ގޯހަކީ.” ޒޯޔާ ބުނެލިއެވެ.

“މި މާފިޔަތައް މީ ރާނީ ނާއިލްއަށް މަރުހަބާ ކިޔަން ބެހެއްޓި އެއްޗެއް. ކަލެއަކަށް ނޫން.” ތިރީގައިވާ ފިނިފެންމާ ފިޔަތައް ދައްކާލަމުން ޒޯޔާ އިތުރުކޮށްލިއެވެ.

“އަހަރެން ހީކުރީ މި ކެފޭއަށް ވަންނަ ކޮންމެ ކަސްޓަމަރަކަށްވެސް މަރުހަބާ ކިޔަނީ މާމަލުން ކަމަށް.” އާދައިގެ ވަރަކަށް ބުނި ނަމަވެސް އެ އަޑުގައި ހުރީ ޖެއްސުމުގެ ރާގެވެ.

“ވާވް! ހުރިހާ ގޯހެއް ހަދާފަ އަދިވެސް..”

“އޭ މެޑަމް. އަހަންނަށް ހީވަނީ މެޑަމްގެ ލޮލުގައި މައްސަލަ އެބައުޅޭހެން. ދެންމެއެއްނު އެ ފިރިހެންކުއްޖާ އަންހެންކުއްޖާއަށް ޕްރޮޕޯސްކޮށްފަ އޭނަ ގޮވައިގެން އެ ދިޔައީ. އެވެސް އުފަލުން ތިބެ. އެ ދެމީހުންނަށް އެކަމުގައި އެއްވެސް މައްސަލައެއް ނެތްއިރު މެޑަމްއަށް އެކަން މައްސަލައަކަށް ވާންވީ ކީއްވެ؟” އަޔާން ބުންޏެވެ.

“އެކަމަކު އެ އަންހެންކުއްޖާއޭ ފިރިހެންކުއްޖާއަށް ޕްރޮޕޯސްކުރަން ބޭނުންވީ. އެކަމަކު ކަލެއާ ހެދި އިދިކޮޅަށް އެވީ.” ޒޯޔާ ދުލެއް ނުކުރެއެވެ.

“ދެން؟ ކޮންމެ މީހަކު ޕްރޮޕޯސް ކުރިޔަސް ކައިވެނި ކުރާނީ އެ ދެމީހުން އެކަކު އަނެކަކާއެއްނު. އަހަންނަކަށް ނުވިސްނުނު މެޑަމް އަހަންނާ ދިމާލަށް ތިހެން އައިސް ފުއްޕަން ޖެހޭ ސަބަބެއް.” އަޔާން ވެސް ދުލެއް ނުދެއެވެ.

“ކަލޭގެ އާދައެއްނު އެހެން މީހުންގެ ޕްލޭންތައް ފަނިކޮށްލުމަކީ.” ޒޯޔާ ބުނެލިއެވެ.

“އޯ މެޑަމް. ތި ބޭކާރު ވާހަކަތަކަށް އަހަރެންގެ އެއްވެސް ޝައުޤެއް ނެތް. މިތާ ބޭރުގައި ހުރީ ކެފޭއެއްގެ ނަން ބޯޑު. މީ ޕަބްލިކް އޭރިއާއެއް. އަހަރެމެން މި އުޅެނީ ޑިމޮކްރެސީގައޭ. އަހަންނަށް ބޭނުން އިރަކު ބޭނުން ތަނަކަށް ގޮސް އައިސް، ވަދެ ނިކުމެ ހެދޭނެ. މީހެއްގެ ޕްރައިވެޓް ޕްރޮޕަޓީއެއް ނޫން ކޮންމެ ތަނަކަށްވެސް. އެހެންވެ މިތަނަށް އަންނަން ހިތް އެދުނީމަ މި އައީ.” ޒޯޔާއަށް ފުރިހަމަ ރައްދެއް ދިނުމަށްފަހު އަޔާން އެތެރެއަށް ވަދެގެން ގޮސް މޭޒެއްގެ ދޮށުގައި އިށީންނަމުން ވެއިޓަރަކަށް ގޮވާލަމުން ކެޕެޗީނޯއަކަށް އޯޑަރު ދިނެވެ.

ޒޯޔާ އެތެރެއަށް ވަދެ އޭނައަށް ކޮފީ ތަށްޓެއް ހަދައިގެން އަޔާންއަށް ލޯ އަޅަމުން ބޭރަށް ނުކުންނަން ހިނގައިގަތެވެ. އެވަގުތު މޭޒު ކައިރީ ހުރި ގޮނޑީގައި އަޅައިގަނެފައި ކޮފީ ތަށި އަޔާންގެ ގަޔަށް ބަންޑުންވިއެވެ. ޒޯޔާއަށް އަނގަމަތީ އަތް އަޅާލެވުނެވެ. އަޔާން ހަޅޭއްލަވައިގަނެފައި ތެދުވި ވަގުތު ގޮނޑިން ޖެހިފައި ކައިރީ ހުރި ބޮޑު މާ ޓުކުރި ވެއްޓި ތަޅައިގެން ދިޔައެވެ.

“ވަރަށް ބޮޑަށް ސޮރީ. ގަސްތަކު ނޫން.” ޒޯޔާ އަވަސްއަވަހަށް ބުނެލިއެވެ.

“އަހަރެންގެ ވާސް.” ޒޯޔާއަށް ބުނެވުނެވެ.

“އޯ ހެލޯ. އަހަރެން ގަޔަށް ހޫނު ކޮފީތަށްޓެއް ޖަހާފައި އަދިވެސް ތި ވިސްނަނީ ވާސްއާ ދޭތެރޭ.” އަޔާން ގާތަށް ރުޅިއައެވެ.

“އެނގޭތަ ތި ތަޅާލެވުނީ ކިހާ އަގުބޮޑު ވާސްއެއްކަން؟” ޒޯޔާ ރުޅިއައިސްގެން އެހިއެވެ.

“ތިބުނީ އެއީ މެޑަމްގެ ވާސްއެކޭ!؟ މާނައަކީ މި ކެފޭއަކީ މެޑަމްގެ ތަނެކޭ؟” އަޔާން އަހާލިއެވެ.

“އާނ.” ޒޯޔާ އަޑަށް ބާރުލާފައި ބުންޏެވެ.

“ގުޑް. ވެރީ ގުޑް.” އަޔާން ބުނެލިއެވެ. އޭނާގެ މޫނުމައްޗަށް ވެރިވި ހިނިތުންވުން ފެނިފައި ޒޯޔާ ހައިރާންވިއެވެ.

“އޭގެ މާނައަކީ އަހަންނަށް މެޑަމްއާ ދެކޮޅަށް މައްސަލަ ޖެއްސިދާނެޔޭ. އަހަރެން ފިއްސާލާ މަރާލަން އުޅުނުކަމަށް.” އަޔާން ބުނެލިއެވެ.

“އޯ ޕްލީޒް. ކަލޭ އަހަރެންގެ އެހާ އަގުބޮޑު ވާސްއެއް ތަޅާލިއިރު އެކަމޯ؟ ޒޯޔާ ބުނެލިއެވެ.

“އެ އަގުބޮޑު ވާނީ މެޑަމްއަށް. އެކަމަކު އަހަރެންގެ ފުރާނައަށްވުރެ އަގުބޮޑެއް ނުވާނެ.” އަޔާންވެސް ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. މީހުންނާ މިކަހަލަ ކޫސަނި ޒުވާބު ކުރުމާއި ކުދިކުދި ކަންކަން ބޮޑުކޮށްލުމަކީ އެންމެ ކުރީއްސުރެވެސް އޭނާގެ ކަށީގައި ހަރުލާފައިވާ ކަމެކެވެ.

“އޯ ޕްލީޒް. ފޮނިތޮށި ކާފޫރުތޮޅި އަޅައިގެން ވާހަކަ އެހާ ބޮޑުކުރުމުގެ ބޭނުމެއް ނެތް އިނގޭ. އެހެންނޫނަސް އެ ކޮފީ ތިބުނާހާ ހޫނެއްވެސް ނުވާނެ ކަލޭ ފިހިގެން ފުރާނަ ދާހާ.” ޒޯޔާ ބުނެލިއެވެ.

“އާނ. ރަނގަޅު އަހަރެން އަދި ކޮފީ ނުބޯކަން. ނޫންނަމަ އެޔަށް ލާރިވެސް ދައްކަން ޖެހުނީސް. އަހަރެން މިދަނީ.” އަޔާން ބުނެލިއެވެ. އެވަގުތު އަޔާން އޯޑަރު ދިން ކޮފީ ހިފައިގެން ވެއިޓަރު އައެވެ.

“އޯ ހެލޯ. ކޮފީ ހޫނަސް ހިހޫވިޔަސް، ބުޔަސް، ނެރެ އުކާލިޔަސް ކޮފީއަށް ލާރި ދައްކަން ޖެހޭނެ. ކޮފީ ހުރީ ތައްޔާރުވެފައި. އަނެއްކޮޅުން އެ ބިލަށް އަހަރެންގެ ވާސްއަށް ވާ ލާރިވެސް އެއްކުރެވޭނެ.” ޒޯޔާ ބުނެލިއެވެ.

“ހަނދާން ނައްތާލާ. ތި ކަމުނުދާ ސާވިސްއަށް އަހަރެން އެންމެ ބައި ލާރިއެއްވެސް ނުދޭނަން. އަސްލު ތިކޮޅުންނޭ ލާރި ދޭން ޖެހޭނީ. މިކަމަށް.” ޓީޝާޓުގައި ކޮފީއިން ހަޑިވެފައިވާ ތަން ދައްކާލަމުން އަޔާން ބުނެލިއެވެ.

“އެންމެ ރަނގަޅޭ. މިއަދުގެ ކޮފީ ފްރީ.” ޒޯޔާ އެންމެ ފަހުން ބުނެލިއެވެ.

އަޔާން ގޮސް ކޮފީ ބޯން އިންއިރު ޒޯޔާ ހުރީ ދުރުގައި ބަލާށެވެ. އޭނާގެ ހިތަށް ބުނެދޭން ނޭނގޭފަދަ އިޙުސާސެއް ކުރެވެމުން ދިޔައެވެ. އެ މޫނުން ދަންނަ ވައްތަރެއް ޖަހައެވެ. އެކަމަކު އުޅެއުޅެ ހަނދާނަކަށް ނައެވެ. އެ ދެމީހުންގެ ޒުވާބުގައި ގާތްކަމެއް ހުރިހެން އޭނައަށް އިޙުސާސްވިއެވެ. މުޅިން އަލަށް ބައްދަލުވާ މީހަކާ އޮންނަ ގުޅުމަށްވުރެ ގުޅުން ގާތްކަން އޭނައަށް އިޙުސާސްވިއެވެ.

އަޔާންވެސް ކޮފީ ބޮމުން ދިޔައިރު ވިސްނިއެވެ. އެ ކުރެވުނު ތަފާތު އިޙުސާސެވެ. ފުރަތަމަ ބައްދަލުވުމުންވެސް އެ ކުރެވުނު ގާތް އިޙުސާސެވެ. އެ ޒުވާބުގައިވި ދަންނަ ގޮތެވެ. ނަމަވެސް އެއީ ކީއްވެ ވީ ގޮތެއް ކަމެއް އޭނައަކަށް އެއްގޮތަކަށްވެސް ނޭނގުނެވެ.

*****

އަޔާން ގެއަށް ވަދެވުމާއެކު ދޮރު ޖެހިއެވެ. ދޮރު ޖެހި ގޮތުން އޭނާ ހުރީ ރުޅިއައިސްފައިކަން އެންމެނަށްވެސް އެނގުނެވެ. އެއްވެސް މީހަކާ އަނގައިންވެސް ބުނުމަކާނުލައި އަޔާން ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. އަދި އިރުގަނޑެއް ވީއިރުވެސް ނުނިކުމެއެވެ.

ރިޔާޒް ގޮސް އަޔާންގެ ކޮޓަރި ދޮރު ހުޅުވާލިއިރު ކޮޓަރިއަކު ނެތެވެ. ފާޚާނާއިން ވެސް އެއްވެސް އަޑެއް ނީވެއެވެ. ގޮވުމުން ޚަބަރެއް ނުވިއެވެ. ރިޔާޒް ކަންބޮޑުވެގެން ގޮސް ދޮރުގައި ތަޅަން ފެށިއެވެ. އަޔާންއެއް އަނގައަކުން ނުބުނެއެވެ. ރިޔާޒްގެ އަޑަށް އަފްޒާ އާއި ރާއިޒްވެސް އައެވެ. އަދި ކަންބޮޑުވެގެން ގޮވަނިކޮށް އަޔާން ދޮރު ހުޅުވާލިއެވެ. އަދި ދޮރުމަތީ އެމީހުން ތިބުމުން ކުއްލިއަކަށް ސިހިފައި ފަހަތަށް ޖެހުނެވެ.

“ސިއްސައިގެންނޭ ދިޔައީ. ކިހިނެއްވީ މިތަނުގައި ތިތިބީ؟” އަޔާން ކަންފަތަށް ޖަހާފައިވާ އިއާޕޮޑް ނަގަމުން އަހާލިއެވެ.

“އަޔާން. ކިތައް ފަހަރު ބުނެފިން ތި ހެޑްސެޓް ޖަހައިގެން ފާޚާނާއަށް ނުވަންނާށޭ. އެއްވެސް އަޑެއް ބަޑެއް ނީވި ގޮވީމަ އަނގައިންވެސް ނުބުނީމަ އަހަރެމެން ހާސްވާނެ ކަމެއް ނޭނގޭތަ؟” ރިޔާޒް ހިތްހަމަނުޖެހިފައި ބުންޏެވެ.

“ހާނ. ދޮންބެ ޖިންސަށް ހީސްލީތަ؟” އަޔާން ހިފަހައްޓައިގެން ހުރި ޖިންސުގެ ކަށްގަނޑާއި ދިމާލުން ތެމިފައި ހުރިތަން ފެނިގެން ރާއިޒް ހެމުން އަހާލިއެވެ. އަފްޒާ ގާތަށްވެސް ހިނިއައެވެ.

“މީ ހީހެއް ނޫން. ކޮފީ.” ރާއިޒްގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.

“ނޭނގެ މިރޭ މީހަކު އަހަރެން ގަޔަށް ހޫނު ކޮފީ ތަށްޓެއް ޖަހާ އަހަރެން މަރާލަން އުޅުނީ.” އަޔާން ބުންޏެވެ.

“ތީ އަދި މީހަކު މަރާލަން މުޅިން އާ ގޮތެއް. ކާކުތަ އެވަރު ކަމެއް ކުރީ؟” ހެމުންހެމުން އަފްޒާ އަހާލިއެވެ.

“އެ ކެފޭގައި އުޅޭ އަންހެންކުއްޖާ. އެތާނގެ ބޮޑުމީހާޔޯ.” އަޔާން އެހެން ބުނަމުން އަފްޒާގެ އަތަށް ޖިންސާއި ޓީޝާޓު ދިނެވެ.

“ދެން ތި ރުޅި މަޑުކުރޭ.” އަފްޒާ އަޔާންގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. ރިޔާޒްވެސް ދެފަރާތަށް ބޯ ހޫރާލާފައި ހެމުންހެމުން ކޮޓަރިން ނުކުތެވެ.

*****

ޒޯޔާ ގެއަށް އައިއިރު ވެސް ހުރީ ވަރަށް ރުޅި އައިސްފައެވެ. ކެފޭ ހުޅުވައިގެން މިވީ ހަތް މަސްދުވަސް ތެރޭވެސް މިވަރު މީހަކާ ދިމައެއް ނުވެޔޭ އޭނާގެ ހިތަށް އެރިއެވެ. ކުދިކިޔަމުން ގޮސް ސިޑިން އަރަނިކޮށް ސިޑިން އޭނާގެ ފައި ނައްޓާލިއެވެ. ފަހަތަށް އެއްލިގަތް ވަގުތު އޭނާއަށް ހަޅޭއްލަވައިގަނެވުނެވެ.

(ނުނިމޭ)

3
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top