އަޔާން ކުރަހަމުން ދިޔައިރު ރާއިޒު އެ އަންހެންކުއްޖާއާ ބެހޭގޮތުން އެކި ސުވާލު ކުރަމުން ދިޔައެވެ. އޭނާގެ ލޮލާއި ނޭފަތާއި އިސްތަށިގަނޑާއި ތުންފަތް ހުންނަ ގޮތާއި ބެހޭގޮތުންނެވެ. އަޔާން އެ ސުވާލުތަކަށް ޖަވާބުދެމުން ދިޔައީ އެކުއްޖާ ޝައުޤުވެރިވާނެ ފަދަ ސިފަތައް ހިމަނައިގެންނެވެ.
ކުރެހުން ނިމުނުކަން އަންގާލުމާއެކު ރާއިޒު ގޮސް އަފްޒާ އާއި ރިޔާޒަށް ގޮވައި ގެނައެވެ. އަދި އެމީހުން އައުމުން އަޔާން ހީނލަމުން އެ ކުރެހުން ދައްކާލިއެވެ. ކުރެހުން ފެނުމާއެކު ތިން މީހުންގެ ލޯ ބޮޑުވިއެވެ.
ރާއިޒު އަޑުން އަޑު ނަގާފައި ހޭން ފެށިއެވެ. އަފްޒާ އާއި ރިޔާޒް ގާތަށްވެސް ހިނިއައެވެ.
“އަޔާން. ކާޓޫނަކީ އޭނައެއް ނޫން. ކާޓޫނަކީ ތީ. ހުރިހާ ސަސްޕެންސެއް ފެނަށް. އަހަރެން އަދި ހީކުރީ އެ ކޮފީ މަންޖެގެ ރީތި ފޮޓޮއެއް ކުރަހާނެ ކަމަށް. އޭނައާ ބައްދަލުވެފައި ގެއަށް އައިފަހުން އޭނަގެ ޚިޔާލުތަކަށް ގެއްލިފައި ވިއްޔަ ތި ހުންނަނީ.” އަފްޒާ ބުނެލިއެވެ.
“އޯ ހެލޯ. ޚިޔާލުތަކަށް ގެއްލިފައެއް ނޫން. ބަދަލު ހިފުމުގެ ރޫހުން ފޯވަނީ. އެ ދެކަމުގައި އުޑާ ބިމާހާ ފަރަގު ހުންނާނެ ފަހަރީ.” އަޔާން ބުނެލިއެވެ.
“އާނ. ފަރަގު ހުންނާނެ. ދެން ބުނެބަލަ. އޭނަ ފެންނަނީ ކިހިނެއް؟ ރީތިތަ؟” އަފްޒާ ވަރަށް ޝައުޤުވެރިވެފައި އެހިއެވެ.
“ހޫނ ރީއްޗޭ.” އަޔާންއަށް ބުނެވުނު އެއްޗެއް ވިސްނުނީ ބުނެވުނު ފަހުންނެވެ. އަފްޒާ ހޭން ފެށިއެވެ.
“އަހަރެންގެ ދުލުގައި ހިފާ ދަމާފައި އަދި ވަރަށް މަޖާވެއެއްނު އެބަ.” އަޔާން ބުންޏެވެ.
“ހޫމް ހޫމް.” ރިޔާޒް އަފްޒާއަށް ބަލާލަމުން އަނގައިން އަޑެއް ލައްވާލިއެވެ.
“ކޮން ހޫމްހޫމް އެއް؟” އަޔާން ކުޑަކޮށް ހިތްހަމަނުޖެހިފައިވާ ރާގަކަށް އެހިއެވެ.
“މިހާރު ކިހިނެއްވީ؟ އަޔާންއެއްނު ތިބުނީ ރަނގަޅޭ. އޭގެ މާނައަކީ އެއީ ވަރަށް ރީތި ކުއްޖެކޭ.” ރިޔާޒް ބުންޏެވެ.
“އޭނަ ފެންނަފެނުމަށް ކޮންމެ ސިފައެއްގައި ހުއްޓަސް އޭނަގެ ހިތް ވަރަށް ނުބައިވާނެ.” އަޔާން ބުންޏެވެ.
“އޭނަގެ ހިތް ނުބައިކަމެއް އަޔާންއަށް ކިހިނެއް އެނގެނީ؟” ރިޔާޒް އެހިއެވެ.
“ދޮންބޭ. އޭނަ އުޅުނު ގޮތުން. މީހުން ބުނެއްނު ސޫރަ ރީތިވިޔަސް ހިތް ނުބައިވެދާނެޔޭ.” އަޔާން ބުނެލިއެވެ.
“އޭތް ރާއިޒް. މި ކާޓޫން ބަލަންތަ ހޭލާ ތި ހުންނަނީ. ދޭ ނިދަން. ފަތިހު ހޭލަން ޖެހޭނެ.” އަފްޒާ ރާއިޒް ގޮވައިގެން އެ ކޮޓަރިން ނުކުތެވެ.
*****
ޒޯޔާ އާއި ފައިސަލް ކާރުގައި ގެއަށް ދިޔަ މަގުމަތީގައި ދެމީހުން އެކި ވާހަކަތައް ދެއްކިއެވެ.
“ފައިސަލް! އެތަނުގެ ކާއެއްޗެހި ހާދަ މީރޭ ދޯ.” ޒޯޔާ ބުނެލިއެވެ.
“އާނ. ވަރަށް މީރު. އެކަމަކު މިއަދު ތި ދިން ކަހަލަ ބޮޑު ޓިޕެއް ހިއެއްނުވޭ މީގެ ކުރިން އެއްވެސް މީހަކު ދިންހެނެއް. އެމީހުން އަބަދުވެސް ޒޯޔާ މަތިން ހަނދާން ހުންނާނެ. އެމީހުން ބުނާނެ ކަނބަލަކު އައިސް މުޅި މެނޫގައި ހުރި ހުރިހާ އެއްޗަކަށް އޯޑަރު ދީފައި، ހުރިހާ އެއްޗެއްގެ ރަހަ ބެލިއޭ.” ފައިސަލް ސަމާސާ ރާގެއްގައި ބުންޏެވެ.
“ހުރިހާ އެއްޗެއްގެ ރަހަ ބެލިއޭ؟ ތިބުނަން އުޅެނީ ކީކޭ؟ އަހަރެން އެތަނުން މާގިނައިން ކެއީއޭތަ؟ އެއީވެސް އެކަނި؟ އޭނ؟” ޒޯޔާގެ އަޑު ބާރުވިއެވެ.
“ނޫން. އަހަރެން މިބުނީ އެހެންނެއް ނޫނޭ. އަހަރެން މިބުނީ ޒޯޔާ ކަންތައް ކުރި ގޮތުން އަހަރެން ވަރަށް އިމްޕްރެސް ވެއްޖޭ. އެ ހުރިހާ އެއްޗެއް ކައިފައި އަދި އައިސްކްރީމްވެސް ބުއީމަ.” ފައިސަލް ބުންޏެވެ.
“ފައިސަލް! ތި ހުރިހާ ވާހަކައެއް ތި ދައްކަނީ އަހަރެންގެ ބަރުދަން އިތުރުވަނީއޭ ހިތަށް އަރާތީ ދޯ؟” ޒޯޔާ ބުންޏެވެ. ޒޯޔާގެ އަޑުގައި ނޭނގި ނަމަވެސް ޒުވާބުގެ ކުލަ ޖެހެމުން ދިޔައެވެ.
“މީ ހަމަ އަޖައިބެއް ކަހަލަ ކަމެއް. ދުނިޔޭގެ ކޮންމެ މައުޟޫއަކަށް ވާހަކަ ދެއްކިޔަސް، އަންހެން ކުދިން އެނބުރި އައިސް ވާހަކަ ނިންމާނީ އެމީހުންގެ ބަރުދަނާ ބެހޭ ވާހަކައަށް. މިއީ އަދި މިއަދާ ޖެހެންދެންވެސް އަހަންނަށް ނުވިސްނުނު ކަމެއް.” ފައިސަލް ބުނެލިއެވެ.
“އަންހެން ކުދިންގެ ކަންތައްތަކުގައި ހާދަ ތަޖުރިބާއެއް އެބަހުއްޓޭ ދޯ. އެހެންވެގެންތާ އެމީހުން ދައްކާނެ ވާހަކަ އެނގެނީ. އާނ! އަހަންނަށް ޔަޤީން. އެ ރެސްޓޯރެންޓުން ދިމާވި ފައިސަލްގެ ފްރެންޑް އަންހެން ކުއްޖާ ދޯ ކިޔައިދިނީ؟” ޒޯޔާ އަހާލިއެވެ.
“ކޮން އަންހެން ކުއްޖެއް؟ ތާނިޔާތަ؟ ސާބަސް. އެއީ ހަމައެކަނި ރައްޓެއްސެއް.” ފައިސަލް ބުންޏެވެ.
“އާނ. އަދި ވަރަށް ހިމަތޮޅިވެސް އަންހެން ކުއްޖެއް.” ޒޯޔާ އިތުރުކޮށްލިއެވެ.
“ޒޯޔާއަކީ އަހަންނަށް ކާކުކަން..” ފައިސަލްއަށް ބުނެވެން އުޅުނު އެއްޗެއް ވިސްނުން އަވަހަށް ހުއްޓާލިއެވެ. އަދި ޒޯޔާއަށް ބަލާލިއެވެ. ޒޯޔާ އިނީ ފާޑަކަށް ބަލަހައްޓައިގެންނެވެ.
“އާނ އާނ. ބުނެބަލަ. އަހަރެން މިއިނީ އަޑުއަހާށޭ.” ޒޯޔާ ބުންޏެވެ.
“ޒޯޔާ! ޒޯޔާގެ ބަރުދަން ސަތޭކަ ކިލޯއަށް އެރިޔަސް، އަހަންނަށް ޒޯޔާ ފެންނާނީ ހަމަ މިއަދުވެސް ތި ފެންނަހެން. އަހަރެންގެ ލޮލަކަށް ޒޯޔާ ދުވަހަކުވެސް ބަދަލެއް ނުވާނެ.” ފައިސަލް ވަރަށް ތެދުވެރިކަމާއެކު ބުންޏެވެ.
“ސަތޭކަ ކިލޯއޭ!؟ ފައިސަލް! އަހަރެން އެހާ ގިނަ އައިސްކްރީމެއް ނުބޮން.” ޒޯޔާގެ އަޑުގައި ހައިރާންކަމާއެކު ހިތްހަމަނުޖެހުމުގެ ކުލަވަރު ވިއެވެ.
“އޯ ގޯޑް! ޒޯޔާ! މިއަދު ޒޯޔާގެ ސެންސް އޮފް ހިއުމަރ ކޮބާ؟” ފައިސަލް އަހާލީ އާދައިގެ ގޮތަކަށެވެ. ޒޯޔާ މިއަދު ކޮންމެ ކަމަކަށް މާބޮޑަށް ރިއެކްޓް ކުރާކަން އޭނައަށް ފާހަގަކުރެވެއެވެ.
“އަހަރެންގެ ސެންސް އޮފް ހިއުމަރއަށް ޗުއްޓީ ދީފަ ފޮނުވާލައިފިން.” ޒޯޔާ ބުންޏެވެ.
ދެން ފައިސަލް ދެއްކި އެއްވެސް ވާހަކައަކަށް ޒޯޔާ ޖަވާބެއް ނުދިނެވެ. އެހެންކަމުން ފައިސަލްވެސް އިތުރަކަށް ވާހަކައެއް ނުދައްކައެވެ. ގެއަށް ދެވެންދެންވެސް ދެމީހުންގެ މެދުގައި އޮތީ ހިމޭންކަމެވެ. ގޯތިތެރެއަށް ކާރު މަޑުކޮށްލާފައި ފައިސަލް ބުންޏެވެ.
“ޒޯޔާ! އަހަރެމެންނަކީ ކުޑަކުދިންނެއް ނޫން. ތިހެން ދައްކާ ކޮންމެ ވާހަކައެއް ހިތުގަ ލައިގެން އުޅުނީމަ ކަމަކު ނުދާނެ.” ފައިސަލް ވިސްނައިދޭ ފަދަ ގޮތަކަށް މަޑުމައިތިރިކަމާއެކު ބުންޏެވެ.
“އެހެންތަ؟ ކުރިން އަހަރެން ފަލަވީ، މިހާރު ކުޑަކުއްޖަކަށްވެސް ވީ.” ޒޯޔާ ބުނެލިއެވެ.
“ޑްރާމާ. ޒޯޔާ! ކޮންމެ ކަމެއްގައި ތިހާ ޑްރާމާ ބޮޑުކޮށްލަން ޖެހޭތަ؟” ފައިސަލް އަހާލިއެވެ.
“އާނ. ޖެހޭ!” ކުއްލިއަކަށް މޫނު އަނބުރާލާފައި ޒޯޔާ ކާރުން ފޭބިއެވެ. ކާރުގެ ދޮރު ޖެހުމަށްފަހު ބާރު ހިނގުމެއްގައި އެތެރެއަށް ވަންނަން ހިނގައިގަތްއިރު، ބެލްކަނީގައި އެ މަންޒަރު ބަލަން އާފިޔާ ހުރިކަމެއް އެ ދެމީހުންވެސް ނުދެނަހުއްޓެވެ.
އާފިޔާގެ މޫނުމަތިން ފާޅުވީ ނުތަނަވަސްކަމެވެ. އަޔާންއެކޭ އެއްގޮތަށް ޒޯޔާ ފައިސަލްއާ ވެސް އެއައީ ޒުވާބުކޮށްފައެވެ. އެ އަޔާންއަކާ ޖެހުނު ފަހުން ޒޯޔާގެ މިޒާޖު މުޅިން ބަދަލުވެއްޖެއެވެ. ފެންނަ ކޮންމެ މީހަކާ ޒުވާބުކުރުމަކީ އާދައަކަށް ވެއްޖެއެވެ. އެއީ އާފިޔާއަށް ވިސްނޭ ގޮތެވެ. ނަމަވެސް ހަޤީޤަތަކީ އެއީއެއް ނޫނެވެ. ހަޤީޤަތަކީ ޒޯޔާއަށް ވެސް ނޭނގޭ ކަމަކުން އޭނާ ލައްވާ އެކަން ކުރުވަނީއެވެ.
އާފިޔާ ކޮޓަރިއަށް ވަތްއިރު ނަސީރު އިނީ ފޮތެއް ހިފައިގެންނެވެ. އާފިޔާ ޒޯޔާ ގެއަށް އައި ވާހަކަ ބުންޏެވެ. އާފިޔާގެ ރާގު ހުރިގޮތުން ނަސީރު ހަމައެކަނި “ހޫމް” އަކުން ނިންމާލީ އެއީ މާބޮޑު ކަމަކަށް ނުހަދަން ވެގެންނެވެ. ނަމަވެސް އާފިޔާއަކީ ފަސޭހައިން ދޫކުރާ ކަހަލަ އަންހެނެއް ނޫނެވެ. އޭނަ ބޭނުންވާ ކަމެއް ކުރުމަށް އޭނަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ.
“ނަސީރޫ! އަހަރެން ނަސީރާއޭ މި ވާހަކަ ދައްކަނީ. ތި ފޮތްގަނޑު ބާއްވަބަލަ!” ނަސީރު އަތުގައި އޮތް ފޮތުގައި ޖަހައި ދުރަށް ވިއްސާލަމުން އާފިޔާ ހަޅޭއްލަވައިގަތެވެ.
“ކިހިނެއްތަ ވީ؟ ޒޯޔާ ގެއަށް އައިމަ ދެން އަހަރެން ވަކި އެހެން ކީކޭތަ ބުނާނީ؟ ރަނގަޅޭ މިބުނީ އެހެންވެ.” ނަސީރު މަޑުމައިތިރިކަމާއެކު ބުންޏެވެ.
“ރަނގަޅެއް ނޫން. އެ ދެމީހުން އެ އައީ ޒުވާބުކޮށްފައޭ.” އާފިޔާ އަޑަށް ބާރުލާފައި ބުންޏެވެ.
“ދެން ކިހިނެއްވީ؟ ކޮންމެ ކަހަލަ ގުޅުމެއްގައިވެސް އެކަހަލަ ކުދިކުދި ހަމަނުޖެހުން ހިނގާނެޔޭ.” ނަސީރު ބުންޏެވެ.
“ކުޑަކުޑަ ހަމަނުޖެހުމެއް ނޫން. ނަސީރަށް އެނގޭތަ؟ ފައިސަލް މިރޭ ގެއަކަށްވެސް ނާދޭ. އޭނަ ޒޯޔާ ލާފައި ދިޔައީ.” އާފިޔާ ބުންޏެވެ. ނަސީރު އެވާހަކައަށް ސަމާލުވެލިއެވެ.
“އަހަންނަކަށް ނޭނގެ ވާހަކަދައްކަންވީ ޒޯޔާއާ ކަމެއް، ފައިސަލްއާ ކަމެއް. ޒޯޔާ އެއްވެސް ވާހަކައެއް ކިޔައިދެނީކީ ނޫން.” އާފިޔާ ބުންޏެވެ.
“އާފިޔާ! ކަލޭ އެކަހަލަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ! ޒޯޔާ އޭނަގެ ދިރިއުޅުން އޭނަ ބޭނުންވާހެން އުޅުނަދީބަލަ. ކަލޭ އެ ދޭތެރެއަށް ވަދެގެން ނުވާނެ! އެނގިއްޖެތަ؟” ނަސީރުގެ އަޑު މަޑު ނަމަވެސް އެ އަޑުގައި ހަރުކަށިކަން ވިއެވެ.
“ކީއްވެ ނުބުނަންވީ؟ ކުޑަ ދުވަސްކޮޅަކުން ފައިސަލް މުޅިން މިގޭ ކުއްޖަކަށް ވާނެ. އަނެއްކޮޅުން ޒޯޔާގެ މަންމައަށް ވީތީ އަހަރެން އެބަޖެހޭ އެ ދެމީހުންނަށް ކައިވެނީގެ ފަހުން އުފަލުގައި އުޅެވޭނެތޯވެސް ބަލަން. އަދި ޚާއްސަކޮށް މިހާރު. ޒޯޔާގެ ދިރިއުޅުމުގައި އެހާ ކަންކަން ދިމާވެފައި ހުރީމަ.” އާފިޔާ ބުންޏެވެ.
“އާފިޔާ! އަހަންނަށް އެނގޭ ކަލޭ ކީއްވެކަން ތިހެން ތި ބުނަނީ؟ ކަލެއަށް މީހެއްގެ މައްޗަށް ބާރު ނުފޯރުވެންޏާ ކަލެއަކަށް ހިތްހަމަޖެހުމެއް ނުލިބޭ.” ނަސީރު ބުންޏެވެ.
“ނަސީރު! ކަލެއަކަށް އެއްވެސް ޙައްޤެއް ނޯންނާނެ އަހަންނާ ތިގޮތަށް ވާހަކަދެއްކުމުގެ.”
“އާފިޔާ! ކަލެއަކަށްވެސް ޙައްޤެއް ނޯންނާނެ ޒޯޔާއާ ފައިސަލްގެ ދިރިއުޅުމުގެ ނިންމުންތައް ނިންމުމުގެ.” ނަސީރުގެ އަޑު ބާރުވިއެވެ.
“ކަލެއަށް ކިހިނެއް އެނގެނީ ފައިސަލް ޒޯޔާއާ ކައިވެނިކުރާނެ ކަމެއް؟ އަދި ފައިސަލް ޒޯޔާއަށް ޕްރޮޕޯސްކޮށްގެން ޒޯޔާ އެއްބަސްވާނެކަމެއް؟ ކަލެއަށް ތިގޮތަށް އެމީހުންގެ ދިރިއުޅުން ކޮންޓްރޯލެއް ނުކުރެވޭނޭ.”
“ކޮންޓްރޯލް ކުރެވޭނެ. އަދި މިފަހަރު އަހަރެން އެކަން ކޮށްފަ ދައްކާނަން. ޒޯޔާއަށް މިފަހަރު ރަނގަޅު ނިންމުން ނިންމަން އަހަރެން މަޖުބޫރު ކުރާނަން. ޒޯޔާ ކައިވެނިކުރާނީ ހަމައެކަނި ފައިސަލްއާ. ނިމުނީ.” އާފިޔާ ބުންޏެވެ.
“ޒޯޔާ ކައިވެނިކުރާނީ އޭނަ އެމީހަކާ ކައިވެނިކުރަން ބޭނުންވާ މީހަކާ. އޭނަގެ އަމިއްލަ ހޮވުމާއެކީ އޭނަ ދިރިއުޅުން ކުރިއަށް ގެންދާނީ. އަދި އެ ނިންމުން އޭނަ ނިންމާނީ އޭނަގެ ހަނދާންތައް ފުރިހަމައަށް އެނބުރި އައިމަ. އަޔާންއާ ގުޅޭ ހުރިހާ ކަމެއް އޭނަގެ ހަނދާނަށް އެނބުރި އައިމަ.” ނަސީރު ބުންޏެވެ.
“ވާހ. އޭނަގެ ހަނދާންތައް އައިސްދާނެ ފަންސާސް އަހަރު ފަހުންވެސް. ކަލޭ ތި އިންތިޒާރު ކުރަނީ އެދުވަހަކަށް. އަހަރެން މީ އޭނާގެ މަންމަ. އަދި އަހަރެން އޭނައަށްޓަކައި ނިންމާ ކޮންމެ ނިންމުމެއްވެސް ނިންމާނީ އޭނައަށް އެންމެ ރަނގަޅުވާނެ ގޮތަށް.” އާފިޔާ ބުންޏެވެ.
“ތީ މަންމަ ކަމަށް ވަންޏާ އަހަރެން މީ އޭނަގެ ބައްޕަ. އަހަރެން ކަލޭ އޭނަގެ ދިރިއުޅުން ކުޅޭ ކުޅިގަނޑަކަށް ހެދިޔަކަ ނުދޭނަން.” ދެމީހުންގެ ޒުވާބު ބޮޑުވަމުން ދިޔައެވެ.
“ކޮންމެ ގޮތެއް ވިޔަސް ހެޔޮ. ޒޯޔާ އަލުން އެ އާދައިގެ އާއިލާއަށް އެނބުރިއެއް ނުދާނެ. ނިމުނީ.” އާފިޔާ އޭނާގެ ފަހުން ނިންމުން އިއްވިއެވެ. ނަސީރު އިތުރު އެއްޗެއް ނުބުނި ނަމަވެސް އޭނަ ހުރީ އާފިޔާއަށް ބަލަހައްޓައިގެންނެވެ.
“އަހަންނަށް އެނގެޔޭ ކަލޭ އަބަދު އެ އަޔާންއާ އެއްކޮޅަށް ވަކާލާތުކުރަނީ ކީއްވެގެންކަން.”
(ނުނިމޭ)
