އަޅުގަނޑުމެން ދިވެހިންނަށް ލިބިފައިވާ އެންމެ މާތް، މަތިވެރި ނިޢުމަތަކީ އިސްލާމް ދީނެވެ. މި މާތް ދީނުގައި އަޅުގަނޑުމެން ސާބިތުވެ ތިބޭތާ، މިހާރު 800 އަހަރަށް ވުރެށް ގިނަވެއްޖެއެވެ. މިވީހާ ދުވަސްތަކުގައި ދިވެހިން ދައްކަމުން ދިޔައީ އެއްބައިވަންތަކަމެވެ. އެއްބަނޑުއެއްބަފާ ކަމާއި އަޚުވަންތަ ކަމެވެ. މި އަޚުވަންތަކަމާއި އެކުުވެރިކަން ފެންނަ އެންމެ ބޮޑު އެއް ކަމަކަށް، މިސްކިތުގައި ކޮންމެ ނަމާދަކަށް ހަދާފައިވާ ސަފުތައް ހެކިކޮށްދޭނެއެވެ. ޖަމާއަތުގައި ހަދާފައިވާ ދިގު، ބޮޑެތި ސަފުތަކުން ދިވެހިންގެ ހިތުގައި އިސްލާމް ދިީނަށް އޮތް ލޯބި އެނގިގެން ދެއެވެ. ނަމަވެސް، މިއަދުގެ ހާލަތު މުޅިން ބަދަލު ވެއްޖެއެވެ. މުޅި ދުނިޔެ ރޯނާކޮށްފައިވާ، ކޮރޯނާގެ ބިރުވެރި ވިއްސާރަ ވިލާގަނޑު މި ކުޑަކުޑަ އިސްލާމީ ޤައުމު ބައްދައިލަފިއެވެ.

މިއަދު ބަންގީގެ މާތް ކަލިމަފުޅުތައް އިމާމު މީހާގެ ދުލުން ކިޔަމުން ދާއިރު ލޮލުން ކަރުނަ ހިލޭވަރުވެއެވެ. ހިތަށް ހާދަ އަސަރެއް ކުރެއެވެ. އިމާމު މީހާގެ ކުރަކިވެފައިވާ އަޑުން، ރޮވޭ ހާލުގައި އެ ގޮވަމުންދާ ބަންގީގެ އަޑު، މިއަދު ހުރިހާ ދިވެހިންގެ ހިތްތަކާއި ކުޅަލައިފިއެވެ. ބަންގީގެ އަޑު ކެނޑިގެން ދާއިރު ވެސް މަގުމަތި ވަނީ ފަޅުކޮށެވެ. މިސްކިތްތަކަށް މީހުން ދާތަނެއް ނުފެނެއެވެ. މާތް ﷲގެ ގެކޮޅުގައި ވަނީ ފަޅުކަމެވެ. އެއްވެސް މީހެއްގެ ހިލަމެއް، ނިޝާނެއް ވެސް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މިއީ ބަލައިލަން ހިތްދަތި، އަސަރުން ފުރިފައިވާ މަންޒަރެކެވެ. ކުޑަކުޑަ ވައިރަހަކުން، އަޅުގަނޑުމެންގެ އުދަރެސް ވަށައިލީ މިސްކިތްތައް ފަޅުކޮށްލަމުންނެވެ.  

ކޮނޑާއި ކޮނޑު، ފަޔާއި ފައި، ޖައްސައިގެން އަޅުގަނޑުމެން ހަދަމުން އައި ސަފުތައް މަތިން ވަރަށް ހަނދާންވެއެވެ. އިމާމް މީހާގެ ފަހަތުން، އެންމެން އެއްކޮށް “އާމީން” ކިޔާ އަޑު އަދިވެސް ކަންފަތުގައި ހަރުލާފައި ހުރި ފަދައެވެ. ބަންގި ގޮވާ އަޑު އިވޭ ކޮންމެ ފަހަރަކު، އެ ހަނދާންތަކުން ހިތަށް ލިބޭ ރިހުންތައް އިތުރުވެގެން ދެއެވެ. މުސްލިމަކަށްވެ ހުރެ މީ ހިތަށް ލިބޭ ވަރަށް ބޮޑު ވޭނެކެވެ. ވަރަށް ބޮޑު ހިތާމައެކެވެ. 

ކުރިއަށް އޮތީ ބަރަކާތުން ފުރިގެންވާ ރޯދަމަހެވެ. ސަވާބާއި ދަރުމައަށް އެދި މަސައްކަތް ކޮށްލެވެން ލިބޭ ރަނުގެ ފުރުޞަތެކެވެ. ކޮންމެ ރޯދަމަހަކު މިސްކިތްތައް ފުރިގެން ބަންޑުންވެއެވެ. ފަރުޟު ފަސް ނަމާދާއި، ތަރާވީސް ނަމާދު އަދި ދަމު ނަމާދު ކުރުމަށް އެތައް ބަޔަކު މިސްކިތްތަކަށް ގޮސް އުޅެއެވެ. ނަމަވެސް، މިރޯދަ މަހުގައި އަޅުގަނޑުމެންނަށް ފެންނާނެ ކަމަށް ބެލެވެނީ މުޅިން ތަފާތު މަންޒަރެެކެވެ. އިސްލާމިކް މިނިސްޓަރ، އަހުމަދު ޒާހިރު ވިދާޅުވި ގޮތުގައި މިއަދުގެ ހާލަތަށް ބަދަލެއް ނާންނަމަ ޖަމާއަތުގައި ތަރާވީސް ނަމާދު ނުކުރާނެއެވެ. މިއީ އެއްވެސް ދިވެއްސެއްގެ ހިތަށް ކުޅަދާނަ ވާނެ ވާހަކައެއް ނޫނެވެ. ނަމަވެސް އަޅުގަނޑުމެންގެ ހާލަތު މިއަދު މިވަނީ މިކަށް މަޖުބޫރު ކޮށްފައެވެ. 

ލޯބިވާ ދިވެހީންނެވެ! މުސްލިމު އަޚުންނާއި އުޚުތުންނޭވެ! އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ކޮރޯނާ ވައިރަހަކީ މުސީބާތެކެވެ. ވަބާއެކެވެ. މި ބިރުވެރިކަމުން އަޅުގަނޑުމެންގެ ލޮބުވެތި ވަތަން ސަލާމަތް ކުރުމަށް، ގިނަގިނައިން މާތްﷲގެ ކިބަފުޅަށް ދުޢާ ކުރާށެވެ. މި ހާލަތު ބަދަލުވެ، މިސްކިތްތައް ފުރާލައި، ޖަމާއަތުގައި ނަމާދު ކުރެވޭނެ ގޮތް މިންވަރު ކޮށްދެއްވުމަށް އެދި ދުޢާ ކުރާށެވެ. މިސްކިތުގެ ޖަމާއަތުގައި ނަމާދު ކުރެވޭނެ ގޮތް މިއަދު ނުވިޔަސް، ގޭގައި މަޑުކޮށްގެން ގިނަގިނައިން ނަމާދު ކުރާށެވެ. މާތްﷲ އަށް ހުރިހާ ކަމެއް ވަކީލުކުރާށެވެ. މާތް ﷲގެ އިރާދަފުޅުން ވަރަށް އަވަހަށް އަޅުގަނޑުމެންގެ ކިބައިން މި ބަލިމަޑުކަން ފިލައި، ކުރީގެ ހާލަތަށް އަޅުގަނޑުމެން ރުޖޫޢަކޮށްދެއްވާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.