އަޅުގަނޑުމެން މުސްލިމުންނާއި ވަރަށް ގާތް މެހެމާނެއް ބައްދަލު ކުރާނެ ވަގުތު، ވަރަށް ކުޑަތަން ވެއްޖެއެވެ. އެ މެހެމާނަށް އަޅުގަނޑުމެން އަބަދުވެސް އިންތިޒާރު ކުރަމެވެ. ކޮންމެ އަހަރަކު ވެސް، އަޅުގަނޑުމެން ވަރަށް ކުރީބައިގައި، އެ މެހެމާނަށް މަރުޙަބާ ކިޔުމަށް އެތައް ކަމެއް ކުރަމެވެ. ގޭތެރެ ސާފުކޮށް، ވީހާވެސް ރީތި އާ ސާމާނުތައް ގެއަށް ވައްދަމެވެ. އެ މެހެމާނު އަޅުގަނޑުމެންނާއި އެކު، ހޭދަކުރާނެ ދުވަސްތަކަށް މީރުހާ ކާއެއްޗެހި ގެއަށް ވައްދައި، މުޅި ގެ އެމެހެމާނަށް ޚާއްސަކޮށްލައެވެ. ރީތިހާ ފޭރާން ގަނެ، މުޅި މީހާ ޒީނަތްތެރިވެ، ޗާލުވެގެން ދެއެވެ. އަދި ނިމުނީ ކީއެއް ނޫނެވެ. ތިމާގެ އަމިއްލަ ޟަމީރާއި، ހަވާ ނަފުސު އެ މެހެމާނަށްޓަކައި ހުސްކޮށްލައެވެ. އާނއެކެވެ! އެ މެހެމާނަކީ، ބަރަކާތުން ފުރިގެންވާ، މާތް ރަމަޟާން މަހެވެ.

އެހެން އަހަރުތަކާއި ޚިލާފަށް މި އަހަރުވެސް، އަޅުގަނޑުމެން ރޯދަ މަހަށް ވަރަށް އިންތިޒާރު ކުރީމެވެ. އެމަހުގެ ބަރަކާތްތެރިކަން ހޯދުމަށް ހިތުގައި، ވަރުގަދަ ޢަޒުމެއް ކަނޑައެޅީމެވެ. ޢާއިލީ ގުޅުން ވަރުގަދަކޮށް، އެކުވެރިންނާއި އެކު، އެއް ސުފުރާއެއްގައި ރޯދަ ވީއްލަން ދިޔުމަށް ނިންމީމެވެ. އޮފީސް ކުދިންނާއި އެކު، މާހެފުމެއް ބާއްވަން އެތައް ހުވަފެންތަކެއް ދެކުނީމެވެ. ކޮއްކޮއާއި ބޭބެމެންނާއި އެެކު، ތަރާވީސް ކޮށްލައި، ފަރުޟު ފަސް ނަމާދު، މިސްކިތުގައި ކުރުމަށް ހިތުގައި ވަރުގަދަ އުންމީދެއް އާލާ ކުރީމެވެ. އެ ހުވަފެންތަކުގައި، އަޅުގަނޑުމެން ދިޔައީ ދުވަސްތައް ގުނަމުންނެވެ.

އެކަމަކު، ދެކުނު ހުރިހާ ހުވަފެންތަކެއް މިއަދު ވެގެންދިޔައީ ބިލާހަކަށެވެ. އެހެން އަހަރުތަކުގައި ކުލަ ޖެހެމުން ދިޔަ ހުވަފެންތަކުގައި، މިފަހަރު ޖެހުނީ ކަޅު، އަނދިރި ކުލައެކެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ! ކުރި ހުރިހާ އުންމީދުތަކެއް ވިއްސިވިހާލި ވެގެން ގޮސްފިއެވެ. ލޯތަކަށް ވަންހަނާވެފައިވާ ކުޑަކުޑަ ވައިރަހެއްގެ ސަބަބުން، މިފަހަރު އަޅުގަނޑުމެން މިތިބީ އަތް އުރާލައިގެންނެވެ. ހިތަށް ލިބުނު ކުއްލި ބޮޑު ހިތްދަތި ކަމަކުންވެ. އަބަދުވެސް، ރަމަޟާން މަހަށް ފުރިހަމައަށް ތައްޔާރުވަމުން ދިޔަ ދިވެހިންގެ މޫނުމަތިން ފެންނަމުން ދަނީ މާޔޫސްކަމެވެ.

ހީނުކޮށް ހުއްޓައި ކޮވިޑް-19 ގެ ބަނަ ވިލާތަކުން، އަޅުގަނޑުމެންގެ ބޯމަތި ވަށައިލީއެވެ. އެވަގުތު ރާއްޖޭގެ އެކި ރަށްތަކުގައި ތިބި އެތައް ބަޔަކު ރޯދައަށް ކާއެއްޗެހި ގަންނަން މާލެ ދިޔުމަށް ތައްޔާރުވަމުން ދިޔައެވެ. މާލޭގައި ދިރިއުޅޭ އަނެއް ބަޔަކު ރަމަޟާން މަހުގެ ދުވަސްތައް އެމީހުންގެ ޢާއިލާތަކާއި އެކު ހޭދަ ކުރުމަށް، ދަތުރަށް ހަދަމުން ދިޔައެވެ. ނަމަވެސް، އުޑުމަތި ބައްދާލީ، ކަޅުބޯ ބިރުވެރި ވިލާތަކުންނެވެ. ހުރިހާ ދިވެހިންނަށް ކޮރޯނާގެ އިންޒާރު ދެމުންނެވެ. ބޯމަތީގައި އުފެދުނު ކޮވިޑް-19 ގެ ވިލާގަނޑު، ބަލަބަލައި ހުއްޓައި، ބޯވެގެން ގޮސް، މުޅި ރާއްޖެއަށް ފެތުރިގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އެހާ ހިސާބުން ދިވެހިންގެ ހިތްތަކުގެ ހަމަޖެހުން ގެއްލިގެން ދިޔައެވެ. ކޮންމެ މީހަކުވެސް ތެޅިގަތީ، އަޅުގަނޑުމެންނާއި ބައްދަލުކުރަން އަންނަ މެހެމާނަށް ފުރިހަމަ މަރުޙަބާއެއް ކިޔޭތޯއެވެ. ނަމަވެސް، ކިތަންމެ ބޭނުން ވިޔަސް މިއަދު އެކަން ފުރިހަމައަށް ކުރާނީ ކިހިނެއް ހެއްޔެވެ؟

ޢާއިލާތަކާއި، ގާތް ރަޙުމަތްތެރިންނާއި ބައްދަލު ކޮށްލައި، ފިނިކޮށްލަން ބޭރު ތެރޭ ހިނގާލަން ދިޔުން ކަހަލަ ކަންކަމަކީ، މިއަހަރު އަޅުގަނޑުމެންނާއި ބައްދަލު ކުރާނެ ރަމަޟާން މަހުގައި، ފެންނާނެ ޚިޔާލީ މަންޒަރަކަށް ނޫނީ ނުވާނެއެވެ. ޗުއްޓީ ނަގައިގެން ރަމަޟާން މަހު ރަށަށް ދިޔުމުގެ އުންމީދުގައި ތިބި، އަދި މާލޭގައި ތާށިވެފައި ތިބި އެތައް ބައެއްގެ ލޮލުން މިއަދު އަންނަނީ ވޭނީ، ހިތި ކަރުނައެވެ.

ރަމަޟާން މަހަކީ އަޅުކަމުގެ މަހެކެވެ. ކޮންމެ ރަމަޟާން މަހަކު، ދިވެހިންގެ ފަރާތުން ފެންނަމުން ދަނީ، ދީނީ އަޅުކަންތަކަށް ފަރުވާތެރިވާ މަންޒަރެވެ. މިސްކިތްތައް ފުރާލާ އުފާވެރި މަންޒަރެވެ. ނަމަވެސް، މިއަދު އަޅުގަނޑުމެންނަށް އެ މަންޒަރު ފެންނާނެ ނަސީބެއް ނެތެވެ. މިކަން ހިތަށް ގެނުވިޔަސް، ހިތް ހީވަނީ ދެފަޅި ވެދާނެހެންނެވެ. މުޅި ޤައުމު ފުރަބަންދުގައި އޮތް އިރު، އަޅުގަނޑުމެންނާއި ބައްދަލު ކުރާ ރަމަޟާން މަހުގައި މިސްކިތްތައް ފަޅަށް ހުންނާނެކަން، އިޙްސާސް ވިޔަސް ދެލޮލުގެ ކެތްތެރިކަން މުޅިން ނެތިގެން ދެއެވެ. އެ ދެލޮލުން ހުއްޓުމެއް ނެތި، ދީން ދެކެވާ ލޯބީގެ ރިހުމުން ފުރިފައިވާ ކަރުނަތައް ފައިބައެވެ.

ވޭތުވެދިޔަ ރަމަޟާން މަސްތަކުގައި، އަޅުގަނޑުމެން ކުރަމުން އައި ވަރަށް ނޭދެވޭ ކަމެއްގެ މަތިން ހަނދާން އާކޮށް، އެކަން ތަކުރާރު ނުކުރަން ހިންގަވަމާތޯއެވެ. އެގޮތުން އެހެން ރަމަޟާން މަސް ތަކުގައި، އިސްރާފު ކުރުން ގިނަ ވުމަކީ، ދިވެހިންގެ ފަރާތުން ފެންނަމުން ދިޔަ މަންޒަރެކެވެ. މިފަހަރުގެ ރަމަޟާން މަހަށް، ކާނެ އެއްޗެއް ހޯދިފައި ނެތް މީހުންވެސް މި މުޖުތަމަޢުގެ ތެރޭގައި އެބަ އުޅެއެވެ. އެހެންކަމުން އިސްރާފުކުރުން މަދުކޮށް، ގިނަގިނައިން އެހެންމީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭތޯ މަސައްކަތް ކުރާށެވެ!

ދިވެހީންނޭވެ! މިއީ މާތްﷲ އަޅުގަނޑުމެންނަށް ކުރިމަތި ކުރުވި، ކޮންފަދަ ވޭންހުރި އިމްތިޙާނެއް ހެއްޔެވެ؟ ކެތްކުރުން ނޫން އިތުރު ގޮތެއް ނެތެވެ. މާތްﷲ ވޮޑިގެންވާނީ ކެތްތެރިންނާއި އެކުގައެވެ. ގިނަގައިން މިހާލަތު ބަދަލުވޭތޯ ދުޢާ ކުރާށެވެ. ދުޢާއަކީ މުއުމިނުންގެ އެންމެ ބޮޑު ހަތިޔާރެވެ. ކަންތައްތައް ކޮންމެ ގޮތަކަށް ހުއްޓަސް، އުންމީދު ނަގައި ނުލާށެވެ. ރަމަޟާން މަހުގެ ބަރަކާތްތެރިކަން ގޭގައި އޮވެގެން ލިބިގަންނާށެެވެ. ފަރުޟު ފަސް ނަމާދަށް ޚާއްސަ ސަމާލުކަމެއް ދޭށެވެ. ރަމަޟާން މަހަކީ ޤުރުޢާން ބާވައިލެއްވުނު މަަސްކަން ހަނދާންކޮށް، ގިނަގިނައިން ޤުރުޢާން ކިޔަވާށެވެ.!

ޢާއިލާ އާއި އެކު ނުވި ކަމުގައި ވިޔަސް ދެރަނުވާށެވެ! ރައްޓެހިންނާއި އެކު ފިނި ބުރު ޖަހައި، ރޯދަ ވީއްލުންތައް އެއް ސުފުރާއެއްގައި ނުބޭއްވުނަސް މާޔޫސްވެ، ކަންބޮޑު ނުވާށެވެ! ގޭގައި އޮވެގެން ޢާއިލީ މެންބަރުންނާއި ގުޅައި، ރަޙުމަތްތެރިންގެ ހާލު އަހުވާލު ބަލާށެވެ! ރަމަޟާން މަސް އަޅުގަނޑުމެންނާއި ކަރުނައާއި އެކު ބައްދަލު ކުރިކަމުގައި ވިޔަސް، މި ދެލޯތަކުން އެހޮމުންދާ ކަރުނައަށް މާތްﷲ ގެ ރުއްސެވުން އެކަލާނގެ އިރާދަފުޅުން ލިބޭނެއެވެ. އަދި މި ބިރުވެރިކަމުން އެކަލާނގެ، އަޅުގަނޑުމެން ސަލާމަތް ކޮށްދެއްވާނެއެވެ. ރަމަޟާން މަހުގެ ސަވާބާއި ދަރުމައަށް އެދި، އާ ހިތްވަރަކާއި އެކު މަސައްކަތް ފަށަން ތައްޔާރު ވާށެވެ! އިންޝާﷲ ކާމިޔާބު ލިބޭނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.